މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖެއިން ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައި އަލީ ހާފިޒް (ހާއްޕެ) އޭނަގެ ފެންވަރުހުރިކަން ސާބިތުކޮށްދީފިއެވެ.

ރާއްޖެއިން މިއަދު ކިރްގިސްތާނާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުން ބަލިވީ 8-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ރާއްޖެ ބަލިވި ނަމަވެސް ކުރީ މެޗުތަކެއް ވުރެން ރަނގަޅު ގޭމެއް ޖުމުލަކޮށް ކުޅެ، ގޯލުތަކާއި ތަނަވަސްކުރި ފުރުސަތުތައްވެސް ވަނީ އިތުރުކޮށްފައެވެ. ރާއްޖެއިން ޖެހި ތިން ގޯލުގައި ވެސް ހިއްސާ އޮތީ ރާއްޖޭގެ ފުޓްސަލްގެ ރަސްގެފާނުގެ ގޮތުގައި މިވަގުތު ގިނަބަޔަކު ގަބޫލުކުރާ ހާއްޕެއެވެ.

މިއަދުގެ މެޗުގައި ކިރްގިސްތާނު ގޯލެއް ޖަހާފައިވަނިކޮށް ރާއްޖެއިން ފަހަތުން އަރައި އެއްވަރުކުރި ގޯލަކީ ހާއްޕެގެ އެސިސްޓަކުން އަބްދުﷲ ޝާފިއު (ޝާއްޕެ) ޖެހި ގޯލެކެވެ. އޭގެ ފަހުން ދެވަނަ ހާފުގައި ރާއްޖެއަށް ލިބުނު ޕެނަލްޓީން ހާއްޕެ ވަނީ ގޯލެއް ޖަހައިފައެވެ. އަދި މެޗު ނިމެންދަނިކޮށް އޭނާ ވަނީ އިތުރު ގޯލެއް ޖަހައި ރާއްޖެއަށް ފަރަގު ކުޑަކޮށްދީފައެވެ.

ހާއްޕެ ވަނީ މި މުބާރާތުގައި ކުރިން ކުޅުނު ދެ މެޗުގައިވެސް ގޯލު ޖަހައިފައެވެ. އެގޮތުން ދުނިޔޭގެ ރޭންކިންގްގެ ހަވަނައިގައި އޮތް އިރާން ކޮޅަށް ރާއްޖެއިން ޖެހި ދެ ގޯލުގައި ވެސް ހާއްޕެގެ ހިއްސާ ބޮޑެވެ. ފުރަތަމަ ގޯލަކީ އޭނާ އީރާނުގެ ކީޕަރު ކުރިއަށް ޖެހިލި ވަގުތު ބޯޅަ ހޯދައިގެން ޖެހި ހިތްގައިމު ގޯލެކެވެ. ދެވަނަ ގޯލަކީ އީރާނުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މުޅިން ހުސްކޮށްލާފައި އަލީ ޝިޔާހު (ޝިޔަޅޭ)އަށް ހާއްޕެ ދިން ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ.

އެ މެޗަށްފަހު ލުބްނާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ރާއްޖެއިން މެޗުގައި ފުރަތަމައިން ލީޑު ނެގި ގޯލުވެއް ކާމިޔާބުކުރީ ހާއްޕެއެވެ. ލުބްނާންގެ ޑިފެންޑަރު ބޮލުން ޖަހައި ބައި ކީޕަރަށް ޖައްސާލި ބޯޅަ ހޯދައި، ކީޕަރު ކައިރިން ނައްޓާލުމަށްފަހު ހާއްޕެ ވަނީ އެ ބޯޅަ ގޯލަށް ފޮނުވާލައިފައެވެ. މި ގޯލުތަކާއެކު ހާއްޕެ ވަނީ މިފަހަރުގެ އެ މުބާރާތުގައި ހަތަރު ގޯލެއް ޖަހައި، ދެ އެސިސްޓް ކޮށްފައެވެ.

ގައުމީ ފުޓްސަލް ޓީމަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ މާލޭގައި ޓާފް ފުޓްސަލް ދަނޑުގައި ކުޅުމަށް ފަހު ބައިނަލްއަގުވާމީ ލެވަލްގައި އިންޑޯގައި ކުޅެން ޖެހޭއިރު، އެކަށީގެންވާ މިންވަރަށް ފަރިތަވެފައި ނެތުމެވެ. އަދި މި މުބާރާތް ފިޔަވައި ރާއްޖެއަށް ބައިނަލް އަގުވާމީ ފުޓްސަލް މެޗުތަކެއް ކުޅުމުގެ ފުރުސަތު ނުލިބޭ އިރު ވަރަށް ބޮޑަށް ތަޖުރިބާ ނެތްކަމުގެ ދަތިކަން ޓީމަށް ކުރިމަތިވާކަމަށް ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) ވަނީ ބުނެފައެވެ.

"އަހަރެމެންގެ ތަޖުރިބާ މި ފެންނަނީ ވަރަށް ދަށްކޮށް. އެހެންވެ މިހެން މި މެޗުގައި މި ދިމާވީ ވެސް، ލެބަނަން އަކީ ވަރަށް ތަޖުރިބާހުރި ކުޅުންތެރިން ގިނަ ޓީމެއް. މެޗު ރަނގަޅު، އަހަރެމެން ޓީމު ކުޅޭގޮތް ވެސް ރަނގަޅު، ތަޖުރިބާ ހަމަ މަދީ،" ލުބްނާން މެޗަށްފަހު އަބޯ ބުންޏެވެ.