އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްއެންޕީ އިން ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު މަސައްކަތްކުރަން އެއްބަސްވެފައިވާ ކަމަށް އެމްއެންޕީން ބުނުމުން ޕްރޮގްރެސިވް ކޯލިޝަންގެ ބައެއް އާއްމު މެންބަރުން އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީ އާ އެކު މަޖިލިސް އިންތިހާބުގައި ވާދަކުރަން އެމްއެންޕީ އިން އެއްބަސްވެފައިވާކަން އިއުލާންކުރެއްވީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ޕާޓީގެ ރައީސް ނާޒިމް ވިދާޅުވެފައިވާ ގޮތުންނަމަ މަޖިލިސް އިންތިހާބު ހިމެނޭ ގޮތަށް ކުރިއަށް އޮތް ފަސް އަހަރު ބާއްވާ ހުރިހާ އިންތިހާބެއްގައި އެކުގައި މަސައްކަތްކުރަން އެއްބަސްވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ހެދި ކޯލިޝަން އެގްރިމެންޓުގައި ކަމަށެވެ.

އެކަމާއި ޕީޕީއެމް/ޕީއެންސީގެ އާއްމު މެމްބަރުން ޝޯޝަލް މިޑީއާގައި މިހާރު ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އެ މެމްބަރަކު ''އެކްސް'' ގައި ލިޔުނު ޕޯސްޓެއްގައި ބުނީ އެމްއެންޕީގެ ނިންމުމަކީ "ޕީޕީއެމްގެ ލޮބުވެތި މެމްބަރުންގެ ކަންފަންމަތީގައި ޖަހާ އެތިފަހަރެއް ކަމަށް. ދައުރު ހޭދަކުރީ ރައީސް ޔާމީނަށް ބަވަން، ފުރަތަމަ ބުރުން ބަލިވުމުން އައި ޝަރުތަކާއި ނުލާ. ދެން ކީއްވެގެންތޯ ޕީޕީއެމް އިން ތިގޮތަށް ނިންމަންވީ" އެވެ.

ނާހިލް އަހުމަދު ކިޔާ މީހަކު އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ބާތިލް ވޯޓަށްވުރެ މަދުން ވޯޓު ލިބުން ޕާޓީއަކަށް ޕީޕީއެމް/ޕީއެންސީ މީހުންނާ އެކީ ޕްރައިމަރީގައި ވާދަކުރަން ލިބުމަކީ ޖޯކެއް ކަމަށެވެ.

އެހެން ބައެއް ފަރާތްތަކުން ބުނީ ޕްރައިމަރީ އަށް ލާރިކޮޅެއް ހަރަދު ކޮށްލުމަށްފަހު މަޖިލީހުގެ ޓިކެޓު ހޯދުމަށްފަހު ހަމަ އެ ގޮނޑިއަށް ވާދަކުރާ ޕީޕީއެމް/ޕީއެންސީގެ މެންބަރު ފަހަތަށް ޖެހުމަކީ ވެސް ބޮޑު ޖޯކެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީގެ ފަރާތުން އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާ ލިބިވަޑައިގަތީ 1,915 ވޯޓެވެ. އެއީ 0.87 ޕަސެންޓު ވޯޓެވެ. އެއަށްފަހު އެޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރުމަށްފަހު ނިންމީ ދެވަނަ ބުރުގައި މިހާރުގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށެވެ. ކޯލިޝަން އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް އަދި އެހެން ބައެއް ޖަލްސާތަކުގައި ވެސް ނާޒިމް ވަނީ ކޯލިޝަން ހެދީ އެއްވެސް ޑިމާންޑެއް ކޮށްގެން ނޫން ކަމަށެވެ.