ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށް ބުނެ ފަށާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތައް ބައެއް ރަށްރަށުގައި ހުއްޓާލާފައިވާ ކަމަށާއި އެފަދަ އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށް އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަތް ކަމެއް ކުރުން މިވަގުތު މަޑު ޖައްސާލެއްވުމަށް މުއިއްޒުގެ ފަރާތްޕުޅުން އެދި ސިޓީއެއް ފޮނުވާފައިވެއެވެ. އެއީ ދައުލަތުގެ އެއްވެސް ވަޒީފާއެއް އަލަށް މީހަކަށް ނުދިނުން އަދި މަގާމުގެ ކުރިއެރުން ނުދިނުމަށާއި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމަންޓެއް ނުކުރުމަށާއި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށެވެ.

އަދި ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް، ވިއްކުމަށް އާ ހުއްދައެއް ނުދިނުމަށާއި ޕީއެސްއައިޕީ ނުވަތަ އެހެން އެއްވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުމަށް ވެސް އެދިފައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވަނީ އެ ކަންކަމުގެ އިތުރުން އިންތިހާބީ ރައީސް އޮފީހުގެ ފަރާތުން ސަރުކާރު ކުންފުނިތަކުގެ ބެލެނެވެރި ފަރާތް ކަމުގައިވާ ޕީސީބީއަށް ވެސް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި އަދި ބައެއް ކަންކަން ކުރުން މަޑު ޖައްސާލުމަށް ކުންފުނިތަކުގައި އެދުމަށް ދަންނަވާފައިވާނެ ކަމަށެވެ.

އެގޮތުން ކުންފުނިތަކުގެ ވަޒީފާ އަށް ވެސް އަލަށް މުވައްޒަފުން ނުނެގުމަށާއި މިހާރު ތިބި މުވައްޒަފުންގެ ތެރެއިން ވެސް އެއްވެސް މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ނުދިނުމަށާއި އެއްވެސް ފަރާތަކުން ކުންފުންޏަކަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް މައާފު ނުކުރުން ފަދަ ކަންކަން ނުކުރުމަށް އެދިފައިވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"މި ނުކުތާތަކަށް ބަލާލާއިރު އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަން އޮތް އެއްކަމަކީ އެއީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެއްވެސް ހާލެއްގައި އެދިފައެއް ނުވޭ މިހާރު ހިނގަމުންދާ އެއްވެސް ކަމެއް ހުއްޓުމަކަށް ގެންނާނަކަށް،" ފިރުޒުލް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ބައެއް ރަށްރަށުގެ ފަރާތުން އިންތިހާބީ ރައީސް އޮފީހަށް ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް މަޝްރޫއުތައް މަޑުޖައްސާލުމަށްފަހު އެކަން އެގޮތަށް ކުރީ އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އެދިވަޑައިގަތުމަކަށް ކަމަށް ބުނަމުންދާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެކެނީ މިއީ އަލަށް އުފެދޭ ސަރުކާރާ މެދު ގޯސް ތަސައްވަރެއް އުފެއްދުމަށްޓަކައި ބަޔަކު ނުރަނގަޅު ގޮތެއްގައި ފާހަގަކުރަމުން ގެންދާ ކަންތައްތަކެއްކަން. އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅަކުން ހިނގަމުންދާ އެއްވެސް މަސައްކަތެއް އެއްވެސް މަޝްރޫއުއެއް ހުއްޓާލުމަކަށް އެދިވަޑައިގެންފައެއް ނުވޭ،"
އިންތިގާލީ ތަރުޖަމާން މުހައްމަދު ފިރުޒުލް

ޑރ. މުއިއްޒު ހުވާ ކުރުމަށް އޮތީ 37 ދުވަހެވެ. ފިރުޒުލް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި އަދި އައު މަޝްރޫއުތައް ދެން އަންނަ ސަރުކާރަކުން ކުރިޔަށް ގެންދިއުމަކީ ރައްޔިތުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.