ރިޔާސީ ނިޒާމެއްގެ މައްޗަށް ފެހި ގާނޫނުއަސާސީ ލިޔެވިފައި ވަނިކޮށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ދަ ޑިމޮކްރަޓްސް ޕާޓީ އިސްވެ އޮވެ ރައްޔިތުންގެ މަޖިލީހުން ނިންމީ ރިޔާސީ އިންތިހާބެއްގެ މެދުންނެވެ. އެ ޕާޓީ ލީޑްކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޒަމާންވީ ހުވަފެން ހަގީގަތަކަށް ހެދުމަށް ބޮޑެތި ޕާޓީތަކުގެ ތާއީދު ހޯދޭނެ އެންމެ ރަނގަޅު އެއް ދަނޑިވަޅަށް ވާތީއެވެ. ނަމަވެސް މަޖިލީހުން ފާސްކުރި ގޮތަށް ނިޒާމީ ވޯޓަކަށް ދެވަނަ ފަހަރަށް ދާއިރު ކުރިން ބަރުލަމާނީ ނިޒާމަށް ލިބުނު ތާއީދާ ގާތްކުރާ ވަރު ވެސް މިފަހަރު ވާނެ ކަމަކަށް ނުބެލެވެއެވެ.

އެންމެން ސާފު ބަހުން އެ ބުނަނީ ބަރުލަމާނީއަށް ނޫނެކޭއެވެ.

އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވެގެން މަގާމާ ހަވާލުވުގެ މަސައްކަތް ހިނގަމުން ދަނިކޮށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން އާ ރައީސްގެ ފިޔަކޮށާލާކަށް ޕީއެންސީ އާއި ޕީޕީއެމް އަދި އެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވެސް ނުރުހޭނެއެވެ. ޔަގީނުން ވެސް އެ ޕާޓީތަކުން ބޮޑުތަނުން ނޫނެކޭ ބުނާނެއެވެ.

ބަރުލަމާނީ ނިޒާމަށް ކުރިން އެންމެ ބޮޑަށް ވަކާލާތުކުރި އެމްޑީޕީގެ ރުހުން ވެސް މިފަހަރު އެކަމަކަށް ނެތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތީ ބަރުލަމާނީ ނިޒާމާ ދެކޮޅަށެވެ. އަދި ނިޒާމީ ވޯޓުގައި ބަރުލަމާނީއާ ދެކޮޅަށް މަސައްކަތް ކުރާނެކަން ރޭ ބޭއްވި ގައުމީ މަޖިލީހުން ނިންމި އެވެ.

"ނިޒާމީ ވޯޓަކަށް ގޮސްފިނަމަ ރިޔާސީ ނިޒާމު ރާއްޖޭގައި ބޭއްވުމަށްޓަކައި އަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތް އަޅުގަނޑު ކުރާނެ ވާހަކަ ދަންނަވަން." އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވި އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީގައި ކަމަށްވާތީ މުޅި ގާނޫނު އަސާސީ އެފުށް މިފުށަށް ޖަހާލުމަށްފަހު ބަރުލަމާނީ ނިޒާމަކަށް ދިއުމަކީ އެމްޑީޕީއަށް މިވަގުތު އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް އާ ރައީސަކަށް ފުރުސަތު ނުދީ ބަރުލަމާނީ ނިޒާމަށް ބަދަލު ކުރާކަށް އެމްޑީޕީން ވެސް މިފަހަރު ބޭނުމެއް ނުވުމަކީ އެ ޕާޓީން ދެއްކި ޑިމޮކްރަސީގެ ރީތި މިސާލެކެވެ.

"ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެންގެ ވިސްނުމެއް އޮވެގެން ނުވާނެ އިންތިހާބީ ބޭފުޅާ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާކަމުގެ ގޮނޑީގައި އިށީނުމުގެ ކުރިން އެ ގޮނޑި ދަމައިގަންނާކަށް. އެއީކީ ޒިންމާދާރު އިދިކޮޅު ބައެއް ނޫން" ރޭގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވި އެވެ.

މިސާލަކަށް ބަރުލަމާނީއަށް ތާއީދުކުރަން އެމްޑީޕީން ނިންމި ނަމަވެސް އެމްޑީޕީގެ އާންމު ގިނަ މެމްބަރުން މިވަގުތު ތިބީކީ އެކަމަށް އެއްބަސްވާ ވިސްނުމަކު ނޫނެވެ. ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ދެކޮޅަށް ޑިމޮކްރަޓްސްއިން ކުރި މަސައްކަތުގެ ހިތިރަހަ އެމްޑީޕީގެ އާންމު މެމްބަރުންގެ އަރު ތެރޭގައި ހަރުލާފައި އެބަހުއްޓެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރަޓްސްގެ ތާއީދަށް އެދި އެމްޑީޕީން ކުރި އާދޭސްތަކަށް ނޫނެކޭ ބުނި ހަނދާން އެމްޑީޕީން އާންމު މެމްބަރުން އަދިވެސް ނުނެތެ އެވެ. ނަޝީދާއި ޑިމޮކްރަޓްސް ދެކެ އެމްޑީޕީގެ ސަޕޯޓަރުންގެ ހިތް ހެޔޮވާހާ ދުވަހެއް އަދި ނާދެ އެވެ.

ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވޯޓަކަށް ދާން ޑިމޮކްރަޓްސް އިން އިސްވެ މަޖިލީހުން ނިންމި މައިގަނޑު ބޭނުމަކީ އެމްޑީޕީގެ ތާއީދު އެކަމަށް ހޯދުމެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޭރު ކުރިއަށް އޮތުމުން އެމްޑީޕީގެ މެމްބަރުން ވެސް އެ ވޯޓަށް ރުހުން ދިން ނަމަވެސް ޑިމޮކްރަޓްސްއިން ދެވަނަ ބުރުގައި ރައީސަށް ތާއީދު ނުކުރަން ނިންމިއެވެ.

މީގެ 16 އަހަރު ކުރިން ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގައި ބަރުލަމާނީ ނިޒާމަށް އޭރު ވޯޓުލި 155,000 މީހުންގެ ތެރެއިން 58,000 މީހުން ވޯޓު ދިނެވެ. ނަމަވެސް ސިޔާސީ މާހައުލު އޮތްގޮތުން ބަރުލަމާނީ ނިޒާމަށް ކުރިން ލިބުނު ތާއީދު ވެސް ދެން ލިބޭނެ ކަމަކަށް ނުބެލެވެއެވެ.