އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އެމްޑީޕީއަށް މާ ރަނގަޅަށްވެސް މަސައްކަތްކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދސު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
އިންތިހާބުން ލިބުނު ނާކާމިޔާބީ އަށް ފަހު އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ސޯލިހު ވަނީ އިންތިހާބުގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.
އިންތިހާބު ނަތިއްޖާ ނިކުތް ގޮތުގައި ތަފްސީލަށް ދިޔުމަކީ މުހިއްމު ކަމެއް ނޫން ކަމަށާއި އެމްޑީޕީގެ އަމާޒަކަށް ވާންވާނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރަން ތައްޔާރުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
".. އަޅުގަނޑުމެންނަށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ މާ ރަނގަޅު މަސައްކަތް ކުރެވޭ. އަޅުގަނޑު ހިތުން މި ފަހަރުވެސް އެ މަންޒަރު ރައްޔިތުންނަށް ފެނިގެންދާނެ. އެހެން ޕާޓީތަކާއި ހިލާފަށް އިންތިހާބު ނާކާމިޔާބުވުމުން މަޑަކުން ނުތިބެން" ރައީސް ސޯލިހު ވިދާޅުވިއެވެ.
2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައުމުން ސަރުކާރުން ޒިންމާދަރުކުރަން ޕީޕީއެމް/ޕީއެންސީން މަސައްކަތް ފަށައިގަތީ އަހަރެއްހާ ފަހުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިންތިހާބު ނާކާމިޔާބުވި ދުވަހުން ފެށިގެން އެމްޑީޕީން މަސައްކަތް ފަށާފައިވާ ކަމަށެވެ.
"2012 ވަނަ އަހަރު އޭރު އަޅުގަނޑުމެންގެ ވެރިކަން ވެއްޓުމާއި އެކު ޖެހިގެން އައި ދުވަހު އަޅުގަނޑުމެން ނިކުތިން. ހަމަ ކުރިއަށްވުރެ ބާރަށް ކުރި މަސައްކަތުން އެނބުރި 2018 ވަނަ އަހަރު އަޅުގަނޑުމެންނަށް ވެރިކަމަށް އާދެވުނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ފަހަރުވެސް އެމްޑީޕީ ރޫހު އޮތީ އެގޮތުގައި ކަމަށެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމަށް އެމްޑީޕީން ބޭނުންވާ ހުރިހާ އެހީއެއް ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ މާ ގިނަ ދުވަސްތަކެއް ނުވެ އެމަނިކުފާނުގެ ސަރުކާރުން ކުރި ކަންތައްތަކުގެ ވާހަކަ ރައްޔިތުން ދައްކަން ފަށާނެ ކަމަށާއި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ވަރަށް ގިނަ ދޮގުތަކަކާއި އޮޅުވާލުންތަކެއް ބަޔަކު ފަތުރަމުން ދިޔުމުގެ ސަބަބުން ކަމަށެވެ.
އެއަށް ފަހު ރައީސް ވިދާޅުވީ ދެން އަމާޒު ހިފަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށް ދިނުން ކަމަށެވެ.
"އަޅުގަނޑުގެ ކުރިއަށް އޮތް ތަނުގެ އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް މި ޕާޓީއަށް ހޯދައިދިނުން އަދި 2028 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް މި ޕާޓީ ގެނެސްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް މިއަދުން ފެށިގެން ކުރުން" އެމަނިކުފާނު ވިދާޅުވިއެވެ. ދެއްވި ޔަގީންކަމަކީ އެމަނިކުފާނުގެ އެހީތެރިކަން ލިބޭނެކަމެވެ.