ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ދަ ޑިމޮކްރެޓްސް އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކޮށް، ވަކި ކޮޅަކަށް ނާރާ ހުރެއްޖެ ނަމަ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވޯޓަކަށް ދިއުމަށް އެމްޑީޕީން އެއްބަސްވި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލައި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، ހުށަހަޅާފައިވާ ގަރާރު 35 މެންބަރުންގެ ވޯޓުން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނިޒާމީ ވޯޓު ނެގުމަށް އީސީ ގައި މަޖިލީހުން ދެންނެވުމަށް ގަރާރަށް ވަނީ ބަދަލު ގެނެސްފައެވެ. މަޖިލީހުން އެ ގަރާރު ފާސްކުރީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުންގެ ވޯޓުންނެވެ.

އެ ގަރާރާ ގުޅިގެން އިލެކްޝަންސް އިން ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އަދި އެ ބައްދަލުވުމުގައި ކޮމިޝަން މެމްބަރުންނަށް ފާހަގަކުރެވުނު ބައެއް ކަންކަމާ ގުޅޭ ގޮތުން ޖަވާބު ހޯދަން މަޖިލީހުގައި ވަނީ އެދިފައެވެ.

މަޖިލީހުން ސާފުކުރަން ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި، ނިޒާމީ ވޯޓެއް ނަގާއިރު އެ ނަގާ މައުޝޫ އަކީ ކޮބައިކަމާއި ކުރަން ޖެހޭ ސުވާލަކީ ކޮބައިކަން ހިމެނެއެވ

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އޮތީ އިލެކްޝަންސްގެ ސިޓީއާ ގުޅޭ ގޮތުން ބަހުސް ކުރުމެވެ. ރިޔާސަތުގައި އިންނަވާ ނަޝީދު ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައި ހުރި މައުލޫމާތުތައް ހިއްސާ ކުރަން ޖެހިވަޑައިގަންނަވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަޝީދު އެ އިޝާރާތް ކުރެއްވީ އެކަމުގައި އެމްޑީޕީން އެއްބަސްވެފައިވާ ގޮތުގެ މައްޗަށެވެ.

"އެ ޕާޓީން [ދަ ޑިމޮކްރެޓްސް] ވަކި ބަޔަކަށް ތާއީދުނުކޮށް [ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި] ތިބެއްޖެ ނަމަ، ނިޒާމީ ވޯޓަށް އެމްޑީޕީން ފެންނަ ނުފެންނަ ވޯޓަށް ފުރިހަމަ އަށް ތާއީދު ކުރައްވާނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

އެކަމަށް އެއްބަސްވެ އެމްޑީޕީން ސިޓީއެއް ހޯދާފައިވާ ކަމަށާއި ނަމަވެސް އެ ސިޓީގެ ޖަވާބު އެމްޑީޕީން ދީފައި ނުވާ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެމްޑީޕީ އަކީ މިވަގުތު ބަހުގެ އިތުބާރު ހިފޭ ޕާޓީ އެއް ކަމަށް ނުދަންނަވާނެ ކަމަށެވެ.

ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މިރޭ 8:30ގައި ގައުމީ މަޖިލީހުގެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ އިމާދުއްދީން ސްކޫލް ހޯލުގައެވެ. މިރޭގެ ބައްދަލުވުމުގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ގައުމީ މަޖިލީހުގެ މެމްބަރުން ދެކިވަޑައިގަންނަވާ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ހުޅުވާލާނެއެވެ. މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.