އާ ސަރުކާރު ހަވާލުވުމުގެ ކުރިން ކޮރަޕްޝަނަށް މަގުފަހިވާ ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާކަމުގެ ޝަކުވާތަކެއް ލިބެމުންދާ ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

މި ދަނޑިވަޅުގައި އެފަދަ ކަންކަން ހުއްޓުވުމަށް ގޮވާލައި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ އިތުރުން މުއައްސަސާތަކަށް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި ފަސް ކަމެއް ކުރުމަށް އޭސީސީން ވަނީ ގޮވާލާފައެވެ.

އަދި ކޮމިޝަނުން، އެފަދަ އަމަލުތައް ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދިވެހިރައްޔިތުންނަށް މި ފުރުސަތުގައި އަރުވަމެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނޫސް ބަޔާން

އާ ސަރުކާރު އައުމުގެ ކުރިން ނުކުރަން އެންގިކަންކަން:

  • އާ ޕްރޮޖެކްޓުތައް ނުފެށުމަށް
  • ކުރަންޖެހޭ ހަރަދުތައް ފިޔަވައި، އަލަށް ކަންކަން ނުނިންމުން
  • ކުރިން ޕްލޭންކޮށްފައިނުވާ ޕްރޮޖެކްޓުތަކުގައި ސޮއިނުކުރުން
  • ފައިސާގެ މުއާމަލާތްތަކާ ގުޅުންހުރި ލިޔެކިޔުން ނައްތާނުލުން

"ވީމާ މި ދަނޑިވަޅުގައި އިސްވެ ދެންނެވުނު ފަދަ އަމަލެއް ހިންގާކަމުގެ މައުލުމާތު ލިބިއްޖެނަމަ، އެ މައުލުމާތު ކޮމިޝަނާ ހިއްސާކޮށްދިނުމަށް އިލްތިމާސްކުރަމެވެ،" އޭސީސީން މިރޭ ނެރުނު ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ ކަންކަން އެ ކޮމިޝަނުން ފާރަވެރިވެ ތަހުގީގުކުރަން ޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އަޅަމުންދާ ކަމަށެވެ.