އެހެން ރައީސުންތަކެކޭ އެއް ފަދައިން އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަންނަވާނީ އިންޑިއާ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

އިންޑިއާގެ "ދަ ވަޔާ" ނޫހާ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ޑރ މުއިއްޒުގެ ސަރުކާރާ މެދު އިންޑިއާއިން ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ދެން އުފެދޭ ސަރުކާރެއްގައި އިންޑިއާއާ ދެކޮޅުވެރިކަމެއް ނުގެންގުޅޭނެ ކަމަށެވެ.

"އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާއާއެކު މަސައްކަތްކުރަން ބޭނުންވޭ، އޭގެ ތެރޭގައި އެންމެ ބޮޑު ހިއްސާދާރަކީ އިންޑިއާ،" މާލޭގައި ހުންނަވާ ފޯނުން "ދަ ވަޔާ" އަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު މުއިއްޒު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ހަތާވީސް ފޮޓޯ | މުހައްމަދު އަފްރާހް

''ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރު އިންޑިއާ ނޫން ކަނޑުގެ އެއްވެސް ގައުމެއްގެ ހިއްސާއެއް އޮންނާނެ ކަމަށް ނުވަތަ ހިއްސާ އޮންނަން ޖެހޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ބައިނަލްއަގުވާމީ މުޖުތަމައުގައި އިންޑިއާގެ އެންމެ ވަރުގަދަ އެއް ބައިވެރިޔާގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ތާރީހީ ގޮތުން ބަލާއިރު، ރާއްޖޭގެ އާ ރައީސަކު އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކީ އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ކަމަށެވެ. "ހަމަ ޔަގީނުން ވެސް އަޅުގަނޑުމެން ބޭނުން ވަނީ އެ އާދަ ދަމަހައްޓަން،" އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، އެކަމާ ބެހޭގޮތުން އަދިވެސް މަޝްވަރާ ކުރާނެ ކަމަށާއި، ކެމްޕެއިންގައި މުއިއްޒު ވައުދުވެވަޑައިގެންނެވި ފަދައިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ތެރޭގައި އިންޑިއާއިން ފަށާފައިވާ ތަރައްގީގެ އެކިއެކި މަސައްކަތްތައް ވެސް އަންނަ ސަރުކާރުން ބަލާނެ ކަމަށް ވިދާޅުވިއެވެ.

"ޕްރޮޖެކްޓްތަކުގެ ވާހަކަ ދައްކާއިރު ހުރިހާ ޕްރޮޖެކްޓަކަށް ވެސް އިހުތިރާމް ކުރާނަން. އެކަމަކު އެއިން އެއްވެސް އެއްޗެއްގެ ޕްރިންޓެއް އަދި ނުދެކެން. ހިތާމައަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިންޑިއާއާއެކު ވެފައިވާ އެއްވެސް އެއްބަސްވުމެއް މީޑިއާއާއި ނުވަތަ މަޖިލީހާ ހިއްސާކުރަން ދެކޮޅު ހެދިކަން... އެހެންވީމާ، ހަމަ ޔަގީނުންވެސް އަޅުގަނޑުމެން އެކަން ރިވިއުކުރާނަން، އަޅުގަނޑުމެންގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި އެ އެއްބަސްވުންތަކަކީ ފީސިބަލް އެގްރީމެންޓްތަކެއް ނަމަ، އަޅުގަނޑުމެން ކުރިއަށް ދާނަން، ހުރިހާ ޕްރޮޖެކްޓެއް ނިންމުމަށް ވަރަށް ބޮޑަށް އެއްބާރުލުން ދޭނަން،" މުންދު ވިދާޅުވިއެވެ.

ރައީސް ސޯލިހު، އިންތިހާބީ ރައީސް ޑރ. މުއިއްޒާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ | ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުން ނަމަ ރާއްޖެއާ އިންޑިއާ ދެގައުމުގެ ގުޅުމަށް ކުރިމަތިވީ އެންމެ ބޮޑު ހުރަހަކީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތަކުގެ މައްސަލައިގައި ވަށައިގެން ހިނގައިދިޔަ ކަންކަން ކަމަށެވެ.

''އިންޑިއާ ވެގެންދާނީ އަޅުގަނޑުމެންގެ އެންމެ ގާތް އަވަށްޓެރި ގައުމަށް. އެހެންނަމަވެސް، އަޅުގަނޑުމެން އަބަދުވެސް މީޑިޔާއަށް އަދި ކެމްޕެއިންގެ ތެރޭގައިވެސް ވަރަށް ސާފުކޮށް ދައްކަމުން މިގެންދަނީ ހަމައެކަނި އިންޑިއާ އެކަންޏެއް ނޫން، އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެން އެއްބަސްނުވެވޭނެކަން،" މުންދު ވިދާޅުވިއެވެ.

އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތަކާއި ގުޅޭ ގޮތުން މުންދު ވިދާޅުވީ އެ އެއްބަސްވުމުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ދިވެހި ޕައިލެޓުން ތަމްރީނު ކުރުމަށް ފަހު ހެލިކޮޕްޓަރުތައް ދިވެހި އަސްކަރިއްޔާއާ ހަވާލުކުރަން ޖެހޭ ކަމަށްވިޔަސް އިންޑިއާގެ ޕައިލެޓުން މަތިންދާބޯޓު އޮޕަރޭޓް ކުރަމުން ދިޔުން ކަމަށެވެ.

''އަޅުގަނޑުމެން އިންޑިއާ ސަރުކާރާ މަޝްވަރާކުރަން ބޭނުންވަނީ ހެލިކޮޕްޓަރުތައް އަނބުރާ ގެންދެވޭނެ ގޮތެއް. އަދި ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއިން ނުތިބޭނެ ގޮތެއް،" މުންދު ވިދާޅުވިއެވެ.

ޔާމީންގެ ސަރުކާރުގައި ޗައިނާއާއެކު ހަދާފައިވާ އެއްބަސްވުންތަކާއި އަދި ނަގާފައިވާ ދަރަންޏާ ގުޅޭ ގޮތުން މުންދު ވިދާޅުވީ ޗައިނާ ސަރުކާރާ އެކު ނުރަނގަޅު އެއްވެސް އެއްބަސްވުމެއް ހަދާފައިނުވާނެ ކަމަށެވެ. ޗައިނާއާ އެކު ބޭއްވި ގުޅުމަކީ ވިޔަފާރީގެ ގުޅުމެއް ކަމަށާއި އެއްވެސް ގޮތަކަށް އަސްކަރީ ''އޭންގަލް" އަކުން ކަމެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވިއެވެ.