ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިއަދު 10:00 ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ އަދަދު ފުރަތަމަ ބުރަށް ވުރެން ދެގުނަ އިތުރުވެފައިވާ ކަން އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 10 ޖެހުމާ ހަމައަށް 65،600 މީހުން ވޯޓުލާފައިވެއެވެ. އޭގެ ތެރެއިން 38،309 މީހުންނަކީ ފިރިހެނުންނެވެ. އަދި 27،291 ވޯޓަކީ އަންހެނުންނެވެ. މިއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ނިސްބަތަށް ބަލާއިރު ގައިގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ. ފުރަތަމަ ބުރުގައި 10 ޖެހުމާ ހަމައަށް ވޯޓުލާން ނުކުތީ 36،163 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 22403 ފިރިހެނުންނާއި 13760 އަންހެނުންނެވެ.

ފުރަތަމަ ބުރާ ހިލާފަށް މިއަދުގެ 12 ޖެހުމާ ހަމައަށް ވޯޓު ލާން ހަމަޖައްސާފައިވާ އިންތިޒާމުތައް ވަރަށް ރަނގަޅުކަން ގިނަބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. ފުރަތަމަ އިންތިޒާމުތައް ގޯސްވެ، ކިޔޫތައް ދިގުވި މައްސަލަ މިހާތަނަށް އައިއިރު ވަނީ ހައްލުވެފައެވެ. އަދި ބައެއް ވޯޓު ފޮށިތައް ކައިރީގައި މާ ބޮޑު ކިޔުއެއް ހަދާފައި ނެތް އިރު އެންމެ ގިނަ ވެގެން ވެސް 10-15 ވަރަކަށް މިނެޓްގެ ތެރޭގައި ގިނަ ފޮށިތަކަށް ވޯޓުލެވެއެވެ.

ފުރަތަމަ ބުރުގައި ވޯޓު ލާން ނުކުތް މީހުން ވަރަށް މަދެވެ. އެއީ ރާއްޖޭގެ ރިޔާސީ އިންތިހާބެއްގައި ވޯޓު ލާން ނުކުތް މީހުންގެ އަދަދު އެންމެ މަދުވި ފަހަރު ވެސް މެ އެވެ. އެ ބުރުގައި ވޯޓު ލީ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ 80 ޕަސެންޓް މީހުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އިތުރު 7 ކެންޑިޑޭޓުންނާ ވާދަކުރައްވައި، ފުރަތަމަ ބުރުގައި މުއިއްޒަށް ވަނީ 46 ޕަސެންޓް ވޯޓު ލިބިވަޑައިގެންފަ އެވެ. ރައީސް އަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.