ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އަށާއި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރި ތާއީދު އަނބުރާ ގެންގޮސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް އެމްޑީއޭ އިން ނިންމި ނިންމުމަކީ ހުތުރު އަމަލެއް ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

އެމްޑީއޭ އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ތާއީދު ކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ. ދެވަނަ ބުރުގައި އެޕާޓީން އަމަލު ކުރާނެ ގޮތަކާއި ގުޅޭ ގޮތުން ރޭ އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވިއެވެ.

އެ ބައްދަލުވުމުގައި ޖުމްލަ ތިން ގޮތެއް ހުށަހެޅުނެވެ. ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ހުށަހެޅުއްވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. މިހާރުވެސް އޮތް ގޮތަށް އެމްޑީޕީއާއެކު ކުރިޔަށް ދިއުމަށް ވެސް ހުށަހެޅިއެވެ. ތިންވަނަ ހުށަހެޅުމަށް ހުށަހެޅީ މުއިއްޒަށް ތާއީދު ކުރުމަށެވެ.

ކައުންސިލް ބައްދަލުވުމުގައި ފާސްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ހުށަހެޅުއްވުން ކަމަށްވާ ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަށް ތާއީދު ކުރުމެވެ.

ޝިއްޕެ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އެމްޑީއޭގެ އެ ހުތުރު އަމަލަކީ ސިޔާސީ ޕާޓީގެ ނިޒާމަށް ރައްޔިތުން ކުރަމުން އައި އިތުބާރަށް އަނެއްކާވެސް ލޮޅުން އަރުވާލި އަަމަލެއް ކަމަށެވެ.

"އަދި އެއީ ސިޔާސީ ޕާޓީ އަކުން ކޮށްގެން ވާނެ ވަރުގެ ކަމެއްކަމަކަށް ނުދެކެން،" އެމްޑީޕީން ވަކިވެ އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި ޝިފާޒު ވިދާޅުވިއެވެ.

އެމްޑީއޭގެ ނިންމުމާއި ގުޅޭ ގޮތުން ރައީސް ސޯލިހުވެސް މިއަދު ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އެމްޑީއޭ އިން ފުރަތަމަ ބުރުގައި ކޮށްދިން މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށާއި ނަމަވެސް އެ ޕާޓީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަން އެޕާޓީ އަށްވެސް ލަސްތަކެއް ނުވެ އެނގިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.