ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުގެ ވާހަކަ ދައްކަން ބޭނުން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށްފަހުގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ހަތާވީސް" އަށް ދެއްވި އިންޓަވިއުއެއްގައި ނިޒާމީ ވޯޓާ ގުޅޭ ސުވާލު ކުރުމުން މުއިއްޒު ދެއްވީ ވަރަށް ކުރު ޖަވާބެކެވެ.

"ތިކަމަށް [ނިޒާމީ ވޯޓު] އަޅުގަނޑު އެހާ ފޯކަސް ކުރާކަށް ގަސްދެއް ނުކުރަން. އަޅުގަނޑު ދެކޭ ގޮތުގައި އެންމެ މުހިއްމު ކަމަކީ މި އިންތިހާބު [ރިޔާސީ އިންތިހާބު] ކާމިޔާބު ކުރަން މަސައްކަތް ކުރުން. އެއަށްފަހު އަޅުގަނޑު ގަސްދު ކުރަނީ ތިކަމާ މެދު ވިސްނާއި މަޝްވަރާ ކުރަން،" މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ނެގުމަށް އޮތް ކުރު މުއްދަތުގެ ތެރޭގައި ނިޒާމީ ވޯޓާ ގުޅޭ ގޮތުން އެހާ ބޮޑަށް މަޝްވަރާ އެއް ނުކުރެވޭނެއެވެ.

"އަޅުގަނޑު އެހެންވެ މިވަގުތު ނިޒާމީ ވޯޓުގެ ކަންތަކުގައި އެހާ ގިނަ ވާހަކައެއް ދައްކާކަށް ގަސްދެއް ނުކުރަން،" މުއިއްޒު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލައި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، ހުށަހަޅާފައިވާ ގަރާރު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނިޒާމީ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގައި މަޖިލީހުން ދެންނެވުމަށް ގަރާރަށް ވަނީ ބަދަލު ގެނެސްފައެވެ. މަޖިލީހުން އެ ގަރާރު ފާސްކުރީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުންގެ ތާއިދާ އެކު، 35 މެމްބަރުންގެ ވޯޓުންނެވެ. އެ ވޯޓުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރަކު ބައިވެރިވެވަޑައިނުގަންނަވައެވެ.