ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގޮވާލައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ގަރާރު، މަޖިލީހުން ބަލައިގެންފިއެވެ.
އެ ގަރާރު ބަލައިގެންފައި ވަނީ މަޖިލީހަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ. އެ ވޯޓުގައި ބައިވެރިވީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.
ގަރާރު މަޖިލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. މުޅި މަޖިލީހުގެ ކޮމެޓީގެ މަސައްކަތް ފަށާނީ މާދަމާ ހެނދުނު 9:00 ޖަލްސާއަށްފަހުގައެވެ. ނަމަވެސް ކުރިން ރާވާފައި އޮތީ ކޮމެޓީން މިއަދު އެ ބަހުސްކޮށް، މިއަދު މަޖިލީހުން އެ ގަރާރު ފާސްކުރުމަށެވެ.
ގަރާރު ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އެހުމުގެ ކުރިން، މަޖިލީހުގެ ތަޅުމުގައި ނަޝީދާއި އަސްލަމް މަޝްވަރާ ކުރެއްވި މަންޒަރު ފެނިގެންގޮސްފައިވެއެވެ. އަދި މަޖިލީހުގެ ތަޅުމަށް އެމްޑީޕީ މެމްބަރުން ހާޒިރުވެ، ގޮނޑިކޮޅުތަކުގައި އިށީންދެގެން ތިއްބެވިތަން ވެސް ފެނިގެންދިޔައެވެ.
މިއަދު މަޖިލީހުގައި ކުރި ބަހުސްގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވެވަޑައިނުގަންނަވައެވެ. އަދި ތަޅުމަށް އެއިން މެމްބަރަކު ވަޑައިނުގަންނަވައެވެ.
ނިޒާމީ ވޯޓު ނެގުމަށް އެއްބަސްވެވަޑައިގަންނަވާކަން އިއްޔެ ރައީސް ވަނީ ހާމަކުރައްވާފައެވެ. ސާލިހު ވިދާޅުވީ މަޖިލީހުން ފާސްކޮށް، އެމަނިކުފާނަށް އެ ގަރާރު ފޮނުވުމުން އެކަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ނިޒާމީ ވޯޓު ނަގާނީ މި ހިނގާ ރިޔާސީ ދައުރު ނޮވެމްބަރު 17ގައި ހަމަވުމުގެ ކުރިންނެވެ.
އާ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުން އެދިގެން، އޮގަސްޓް 18، 2007 ވަނަ އަހަރު ނެގި ނިޒާމީ ވޯޓަށް އިޝާރާތް ކުރައްވައި އިލްޔާސް ވިދާޅުވީ ނިޒާމީ ވޯޓު އަލުން ނަގަންޖެހޭ ސަބަބުތަކެއް މިހާރު އެބަހުރި ކަމަށެވެ.
ނިޒާމީ ވޯޓު އަލުން ނަގަން ގަރާރު ހުށަހެޅި ސަބަބު:
- ކޯލިޝަނަކާ ނުލައި ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިފައިނުވުން
- ވަކި ހިސާބަކުން ކޯލިޝަން ރޫޅި ތަރައްގީއަށް ހުރަސްއެޅުން
- ވެރިކަމުގައި ސިޔާސީ މީހުން ބަންދުގައި ތިބެން ޖެހުން
- ސިޔާސަތަށް ވޯޓުދިނުމުގެ ބަދަލުގައި، ވެރިކަން ބަދަލުކުރަން ވޯޓު ދިނުމުގެ ސަގާފަތް އޮތުން
ޑިމޮކްރެޓްސްގެ ޓިކެޓުގައި، ރިޔާސީ އިންތިހާބުގައި ވާދަކޮށް ހަތް ޕަސެންޓް ލިބިވަޑައިގެންނެވި އިލްޔާސް ލަބީބު ހުށަހަޅުއްވައި ނޮވެންބަރުގެ ކުރިން ނިޒާމީ ވޯޓު ނަގަން ގަރާރު ހުށަހަޅާފައި ވަނީ އެ ވޯޓާ ގުޅޭ ގޮތުން ދެ ތާރީހެއް ޑިމޮކްރެޓްސްއިން މީގެ ކުރިން ހުށަހަޅާފައިވަނިކޮށެވެ. އެގޮތުން މިމަހުގެ 25ގައި އެ ވޯޓު ނެގުމަށް ކުރިން ހުށަހެޅިއެވެ. އަދި އޭގެ ފަހުން ރޭގައި އެ ޕާޓީން ފާސްކޮށްފައި ވަނީ މި މަހުގެ 28 ކުރިން އެ ވޯޓު ނެގުމަށެވެ.