އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރިޔާސީ ކެމްޕެއިންގެ ޑޯޓުޑޯ އަށް މިއަދު ހަވީރު ހުޅުމާލެ ފޭސް ދޭކަށް ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ހިންގި ހުތުރު އަމަލުގެ ސަބަބުން އެމްޑީޕީ އަށް ވީ ފައިދާ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.
ފަޒްނާގެ ފޭސްބުކްގައި އާއްމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ ފޭސް ދޭކަށް އެކަމަނާ ވަޑައިގެން ދޮރުން ދޮރަށް ހިންގަވަން ފެށުމުން އެވަގުތު އެ ސަރަހައްދުގައި ތިބި ބޮޑު ދެ ފިރިހެނަކު ފުރައްސާރަކޮށް ހިނގަމުން ދިޔަ ކަމަށެވެ. އަދި އެ ދެ މީހުންނަކީ ވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަށް ތާއީދު ކުރާ ދެ މީހުން ކަމަށް ފަޒްނާ ވިދާޅުވިއެވެ.
"އެކަމުގެ އެއް ހެއްކަކީ އަޅުގަނޑާ އެކުހުރި އެމްޕީ ނިޔާޒް [ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު]، ހުޅުމާލެ ކައުންސިލް މެންބަރު [އިބްރާހީމް ޝުޖާއު] ގުޅުމުން އެހެން ހޭ ، ތަންކޮޅެއްދެން ހަޔާތް ކުޑަ ދޯއޭ، ތިމަންނަ މިހިރީ ރައްޖޭން ބޭރުގައޭ، މި ބަލަނީ އޭ.. މިހެން ބުނެފަވާތީއެވެ." ފަޒްނާގެ ލިޔުމުގައިވެއެވެ.
އަދި އެކަމާއި ގުޅިގެން މެންބަރު ނިޔާޒު އިދިކޮޅު ކެންޑިޑޭޓު ޑރ. މުއިއްޒަށް ގުޅުއްވި ކަމަށާއި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވި ކަމަށް ފަޒްނާ ވިދާޅުވެފައިވެއެވެ. ފޯނަށް ޖަވާބު ނުދެއްވުމުން މެސެޖެއް ކުރެއްވި ކަމަށާއި އެ ޕޯސްޓު ލިޔުއްވުމާއި ހަމައަށް ވެސް މުއިއްޒުގެ ޖަވާބެއް ލިބިވަޑައިގެންފައި ނުވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އާންމުން ނުކުމެ އަޅުގަނޑަށް ފުރައްސާރައެއް ނުކުރާނެއެވެ. އަޅުގަނޑު މަގުމައްޗަށް ނުކުތީ އަލަކަށް ނޫނެވެ. މިބުނާ ބޮޑު ދެ ފިރިހެނުންނާ ދިމާއަށް އަޅުގަނޑު ގާތު ތިބި މީހުން ހަޅޭއްލަވަން ފެށުމުން އަޅުގަނޑު އެމީހުންގާތު ހަޅޭއްނުލަވާށޭ، އަޅުގަނޑަށް ކެތްވަންޔާ އެމީހުނަށްވެސް ކެތްވާނެ ކަމަށް ބުނީމެވެ."
ފަޒްނާ ވިދާޅުވީ މިއަދުގެ މަޣްރިބު ނަމާދަށް ގޮވުމުންނާއި އަދި އެހެން ބައްދަލުވުމެއް ވެސް މިއަދުގެ 18:30ގައި އޮތުމުން ފޭސް ދޭއްގެ ޑޯޓުޑޯ މިއަދަށް ނިންމާލި ނަމަވެސް އެހެން ދާއިރާތަކުގެ ޑޯޓުޑޯ ނިމުމުން ދައުވަތު ދެއްވި ހިޔާ ފްލެޓުތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ. އަދި ވިދާޅުވިއެވެ. އެކަމަނާ މިކަމާއި އަޅާ ނުލެއްވި ނަމަވެސް އެއީ ސީރިއަސް މައްސަލައެކެވެ.
ލިޔުން ނިންމާލައްވަމުން ފަޒްނާ ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.