ށ. ބިލެތްފަހި ރައްޔިތުންގެ އުއްމީދާ އެއްގޮތަށް އެ ރަށުގައި އެއާޕޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ބިލެތްފަހީގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި އުތުރުގެ ޒޯންތަކުގައި އިންޓްގްރޭޓެޑް ޑިވްލޮޕްމެންޓު ޒޯނެއް ތަރައްގީ ކުރުން ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި ކަނޑައެޅޭ ބައެއް ސަރަހައްދުތަކުގައި އެއާޕޯޓް އެޅުމާއި ބައެއް އެއާޕޯޓްތައް އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރުމުގެ އިތުރުން ފަތުރުވެރިކަން ތަރައްގީކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ.

"އެ ޕްލޭނުގެ ދަށުން މި ރަށް (ބިލެތްފަހި) ގެ ފަޅުތެރޭގައި އެއާޕޯޓް ހިމެނޭ ގޮތަށް އުމްރާނީ ތަރައްގީގެ އަދި އިގްތިސާދީ ތަރައްގީގެ މަޝްރޫއު ހިންގުމަކީ މި ޕްލޭންގައި ހިމެނޭ ކަމެއް" މުއިއްޒު ވިދާޅުވިއެވެ.

އެހެންވެ "ރައްޔިތުން އުއްމީދުކުރާ ގޮތަށް ކަންކަން ފަހިވެގެންދާނެ" އެއާޕޯޓެއް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރާ ހިލާފަށް ޕީއެންސީގެ ސަރުކާރުގައި މަޝްރޫއުތައް ކުރިއަށް ގެންދާނީ ބާރޫ ސްޕީޑުގައި ތަރުތީބު ކުރެވިގެން ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އެ ރަށުގައި، މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއި އަދި ފަށަން ސޮއިކުރެވިފައިވާ މަޝްރޫއުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމައިދޭނެ ކަމަށެވެ.

އެހެން ރަށްތަކެކޭ އެއް ފަދައިން އެ ރަށެއްގެ އާބާދީގެ ނިސްބަތުން ބަޖެޓު ކަނޑައަޅައިގެން ކުނި މެނޭޖް ކުރުމާއި ރަށްގިރުމުގެ މައްސަލައ ހައްލުކޮށްދޭނެ ކަމުގެ ވައުދު މުއިއްޒު ވެވަޑައިގެންނެވިއެވެ. އަދި ރަށްރަށުގެ ސިއްހީ ނިޒާމާއި ރަނގަޅުކޮށް ބިލަތްފަހީގެ ޒުވާނުންގެ ފެސިލިޓީވެސް ރަނގަޅު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.