އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު 56 ޕަސެންޓުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވުމުން، އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ބަލާފައި ގިނަ ބަޔަކު ވޯޓުލާން ނުދާތީ، އެހެން ވިދާޅުވެވުނު ކަމަށްޓަކައި އެމަނިކުފާނު މިރޭ މައާފަށް އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބީއަށްފަހު، ފުރަތަމަ ފަހަރަށް ރައީސް ސާލިހާ އެކު އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭނާ ދެއްކި ވާހަކައަށް ބަލާފައި ގިނަ ބަޔަކު ވޯޓުލާން ނުނުކުންނަ ކަމަށެވެ.

އަޅުގަނޑު 56 ޕަސެންޓޭ، މޮޅުވާ ވާހަކަ ދެންނެވީމަ ވަރަށް ގިނަ ބޭފުޅުން ވޯޓުލާން ނުގޮސް ތިބި. މޮޅުވާތީ. އެންވީހަމަ އެކަމަށް ތި އެންމެހާ ބޭފުޅުންގެ އަރިހުން މައާފަށް އެދެން
ފައްޔާޒު އިސްމާއިލް، އެމްޑީޕީ ޗެއާޕާސަން

"ވޯޓު ކޮންމެހެން ނުލިޔަސް، އަޅުގަނޑުމެން ހޮވޭ ކަމަށް ބަލައިގެން ތިއްބެވި ބޭފުޅުން ތިއްބެވި،" ގިނަ ބަޔަކު ބައިވެރިވި އެމްޑީޕީ ދަނޑިކޮށި ޖަގަހަ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ "ދަނޑިކޮށި ޖަގަހަ"ގައި މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ އެމްޑީޕީ

އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިން ނިންމާލުމަށް ކާނިވަލުގައި ބޭއްވި އެމްޑީޕީ ބޮޑު ޖަލްސާގައި ފައްޔާޒު ވިދާޅުވީ އޭނާއަކީ އެމްޑީޕީގެ ޓޭޓާ ބަލަހައްޓާ "ކުއްޖާ" ކަމަށާއި 56 ޕަސެންޓަށް ވުރެ އެންމެ ވޯޓެއް ވެސް މަދުނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބައެއް ރައްޔިތުންނަށް އިލެކްޝަން ކޮމިޝަނަކީ ސަރުކާރުކަމަށް ހީވީޔަސް އެއީ ވަރަށް މިނިވަންކޮށް ހިންގާ މުއައްސަސާއެއް ކަމަށެވެ. އެހެންވެ ވޯޓުލުމުގެ އިންތިޒާމު ކަށަވަރުކޮށް ދިނުމަށް އިލެކްޝަން ކޮމިޝަނަށް ފައްޔާޒު ގޮވާލިއެވެ. ވިދާޅުވީ ސަރުކާރުގެ ފަރާތުން ބޭނުންވާ ހުރިހާ އެއްބާރުމެއް އީސީއަށް ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ނުލެވި އޮތް 37،000 ވޯޓު އެ ވޯޓުތައް ނެރުމަށް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. އެކި އެކި ސަބަބު އެބަހުރި ވޯޓު ނުލެވުމުގައި،" ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަދުވި އެއް ސަބަބަކީ ރީ ރަޖިސްޓާ ކުރި އަދަދު ދަށްވުމުގެ ސަބަބުން ބައެއް ރަށްތަކަށް މީހުން ގެންދިޔުމުގައި ދަތިތަކެއް ކުރިމަތިވުން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ދެ ވަނަ ބުރުގެ ކެމްޕޭނަށް ނުކުންނަނީ ފުރަތަމަ ބުރުގައި ދިމާވި ދަތިތައް ފިލުވާލާނެ ގޮތްތައް ހޯދައި އެ ކަންކަން ރަނގަޅަށް ކުރެވޭނެ މަގުތައް ކަށަވަރުކޮށްގެން ކަމަށެވެ.

ސީދާ ވަކި މީހެއްގެ ނަން ނުގެންނަވައި ދަ ޑިމޮކްރެޓުންނާ އިޝާރާތް ކުރައްވާ ފައްޔާޒު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާ ލިބުނު ބައެއް ފަރާތްތަކުން އެކަން ހަނދާން ނެތިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރާނެ އެއްވެސް ޖާގައެއް ނެތް އަޅުގަނޑުމެންގެ ވާދަވެރިން އެ ބޭފުޅުންގެ އަނިޔާވެރިކަމުގެ ފިކުރަށް އެއްވެސް ބަދަލެއް އައި ކަމަށް،" ފައްޔާޒު ވިދާޅުވިއެވެ.