މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކައުންސިލުން ނިންމީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއެކު މަޝްވަރާ ކުރުމަށް ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔައީ އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންނެވެ.

އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. ދެން އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އިންތިހާބުގައި ބެހެއްޓި 574 ވޯޓު ފޮށި ގުނާ ނިމުނުއިރު މުއިއްޒަށް 101،128 ވޯޓު ލިބިވަޑައިގަތެވެ. އެއީ 46.01 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަތީ 85،989 ވޯޓެވެ. އެއީ 39.12 ވޯޓެވެ.

ނާޒިމަކީ ވެސް އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓެކެވެ. އެމްއެންޕީގެ ޓިކެޓުގައި ނިކުމެވަޑައިގެންނެވި ނާޒިމަށް މާބޮޑު ކާމިޔާބީއެއް ލިބިވަޑައެއް ނުގަތެވެ.

އެހެންކަމުން އިންތިހާބުގެ ދެވަނަ ބުރުގައި އެޕާޓީން ކުރިޔަށް ދާނެ ގޮތަކާއި މެދު މިރޭ ބޭއްވި އެޕާޓީގެ ކައުންސިލްގައި ވަނީ މަޝްވަރާކޮށް ގޮތެއް ނިންމައިފައެވެ.

ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ދައުވަތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ނިންމީ ޕީޕީއެމް/ޕީއެންސީއާއެކު މަޝްވަރާ ކުރުމަށް. އެ ފުރުސަތު ޕާޓީގެ ކައުންސިލުން ވަނީ ދީފައި.،" އެމްއެންޕީގެ އޮފީސް ބޭރުގައި ހުންނަވައިގެން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވިއެވެ.

ދެވަނަ ބުރު އިދިކޮޅާއެކު ކުރިޔަށް ދިއުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން އެމްއެންޕީން ނިންމިއިރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފަރާތްތަކުން ޕީއެންސީގެ ފަހަތަށް އެރުމަށް އިދިކޮޅު ކެންޑިޑޒެޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ދައުވަތު ދެއްވައިފައެވެ.