ބޫޓާނުގައި މިހާރު ކުރިއަށްދާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި އެގައުމު ބަލިކޮށް ރާއްޖެއިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ބޫޓާންގައި މިހާރު ކުރިއަށްދާ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ބަލިވީ 3-0 އިންނެވެ. ތިން ޓީމު ހިމެނޭ ގުރޫޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާނުން ވަނީ 2-1 އިން ބޫޓާން ބަލިކޮށްފަ އެވެ.
މިއަދުގެ މެޗުން ރާއްޖެ މޮޅުވުމާއެކު އެ ގުރޫޕުން ދެވަނައިގެ ގޮތުގައި ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މިއީ 16 އަހަރުން ދަށުގެ ޓީމެއް ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ގުރޫޕުގެ ދެވަނައިގައި ސެމީއިން ރާއްޖެ ޖާގަ ހޯދުމުން އަންނަ ހުކުރު ދުވަހު ސެމީގައި ކުޅޭނީ ގުރޫޕު އޭ ގެ އެއްވެނަ ހޯދި އިންޑިއާއާ ދެކޮޅަށެވެ. ރާއްޖެއާ އެެއްގުރޫޕުގައި އޮތް ޕާކިސްތާން ސެމީގައި ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
ރާއްޖެއަށް މިއަދުގެ މެޗަކީ މޮޅުވުން މަޖުބޫރު މެޗެކެވެ. އެއްވަރުވެގެން ވެސް މުބާރާތަށް އަލްވަދާއު ކިޔަން މަޖުބޫރުވި އިރު، ހޯމް ޓީމުގެ މައްޗަށް ކުރި ހޯދުން އޮތީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އުނދަގޫ ކަމަކަށް ވެފައެވެ. އެހެން ނަމަވެސް ވަރުގަދައަށް މެޗު ފަށައި، ރާއްޖެއިން ވަނީ މެޗުގެ 3 ވަނަ މިނަޓުގައި ލީޑު ނަގައިފައެވެ. މި ގޯލަކީ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އީތަން އިބްރާޙިމް ޒަކީ ޑިފެންޑަރުން ބޯމަތިން އެއްލި ބޯޅައެއް އެއްފަހަރުން ގޯލަށް ފޮނުވާލައިގެން މުހައްމަދު އިލާން އިމްރާން ޖަހައިދިން ގޯލެކެވެ.
އެ ހާފުގައި ބޫޓާނުންވެސް ރަނގަޅު ހަމަލާތަކެއް ދިޔައީ އުފައްދަމުންނެވެ. އެގޮތުން މެޗުގެ 42 ވަނަ މިނިޓުގައި ކެޕްޓަން ސޯނަމް ޑޯޖީ ކާމިޔާބު ކޯށްދިން ގޯލުން އެއްވަރު ކުރިއިރު، މި ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި އޭނާ ދުރުން ފޮނުވާލި ބޯޅައެއް ގޯލަށް ފޮނުވާލައިގެން ފުރަތަމަ ފަހަރަށް ޓީމަށް ލީޑު ވެސް ނަގައިދިނެވެ. އެކަމަކު ހާފު ނިމެން މިނަޓަކަށް ވެފައިވަނިކޮށް ރާއްޖެއިން ވަނީ އެއްވަރުކޮށްފައެވެ. އެ ގޯލަކީ ހާފުގެ މެދަކާ ހަމައިން އީތަން އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުން ބޫޓާންގެ ޑިފެންޑަރެއް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.
މެޗުން ރާއްޖެ މޮޅުވި ލަނޑު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އީތަންއެވެ.