ރާއްޖޭގެ ގިނަ އިލްމުވެރިންތަކެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވަން ނިންމަވައި އެކަން އިއުލާންކޮށްފިއެވެ.
މާޒީގައި ތަޖުރިބާ ކުރެވިފައިވާ ގިނަ ކަންތައްތަކެއްގެ މައްޗަށް ބުރަވެ އަދި އިލްމީ ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ރިޔާއަތްކޮށް ރައީސަށް ތާއިދުކުރަން ނިންމިކަން ހާމަކުރަން ގިނަ އަދަދެއްގެ އިލްމުވެރިން ބައިވެރިވެވަޑައިގެންނެވި އެ ޕްރެސް ގައި މަޝްހޫރޫ ދީނީ އިލްމުވެރިޔާ ޝޭހް އިލްޔާސް ހުސެއިން ވިދާޅުވީ ރައީސްގެ ފަރާތުން ފެނިވަޑައިގެންނެވި އެންމެ މުހިއްމު އެއް ސިފައަކީ ކެތްތެރިކަން ކަމަށެވެ.
"ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ކެތްތެރިކަން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ބޭފުޅެއް" އިލްޔާސް ވިދާޅުވިއެވެ.
މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ހިލާފަށް ރައީސް އަކީ އެތެރެ އާއި ބޭރުގެ ދުށްތުރާތައް ކުރިމަތިލާން ޖެހުނުއިރުވެސް ބައެއް ބޭފުޅުން ގޮތަށް ރުޅި އިސްކުރުއްވައި ރުންކުރު ނިންމުންތަކެއް ނިންމަވާފައިނުވާ ބޭފުޅެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މީހުން ހިފާ ހައްޔަރުކޮށް ޖަލަށްލުމުގެ ބަދަލުގައި ތަފާތު ހިޔާލުތަކަށް އެމަނިކުފާނު ޖާގަދެއްވިކަން، ރައީސަށް އިލްމުވެރިން ތާއިދުކުރައްވާ ސަބަބުން ހާމަކުރައްވަމުން ވިދާޅުވިއެވެ.
އޭގެ އެންމެ ބޮޑު އެއް ނަތިއްޖާއެއްގެ ގޮތުން މިއަދާ ހަމަޔަށް، 2018 ވަނަ އަހަރު ރައީސް އުފެއްދެވި ކޯލިޝަން ދެމެހެއްޓިފައި އޮތުމަކީ އެންމެންނަށް ފެންނަން އޮތް ހަގީގަތެއް ކަމަށް ވިދާޅުވިއެވެ.
"މިއީ ރާއްޖޭގެ ސިޔާސީ މާހައުލެއް އުފެދުނު ފަހުން ރާއްޖެ ތަޖުރިބާކޮށްފައިނުވާ ހަމަޖެހުން މިއަދު ރައްޔިތުންނަށް ތަޖުރިބާކުރަން ލިބުނު އެންމެ ބޮޑު އެއް އަސްލު" އިލްޔާސް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު އަލީ ޒާހިރު ވިދާޅުވީ ދީނީ އިލްމުވެރިން މިނިވަންކަމާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު ރައީސް ފަހިކޮށްދެއްވާފައިވާ ކަމަށެވެ.
ދީނުގެ ދައުވަތުގެ މައިދާނުގައި މަސައްކަތްކުރަމުން ދިޔައިރު ގިނަ އިލްމުވެރިންތަކެއް ރަށްރަށަށް ވަޑައިގެން ޕްރޮގްރާމްތަކުގައި ބައިވެރިވިކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޑރ ޒާހިރު ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ދީނީ ރޮނގުން ޕްރޮގްރާމްތައް ހިންގިފައި ނުވާ ވަރަށް މި ސަރުކާރުގައި ޕްރޮގްރާމްތައް ހިންގާފައިވާނެ ކަމަށެވެ.
"ގާތްގަނޑަކަށް 10691 ޕްރޮގްރާމް ހިންގިފައިވޭ" ކުރީގެ ސަރުކާރުތަކާއި އަޅައިބަލާއިރު ދައުވަތުގެ މައިދާނުގައި ހިންގިފައިނުވާވަރުގެ ޕްރޮގްރާމްޔތަކެއް މި ސަރުކާރުން ހިންފާއިވާއިރު ރައީސް ހާއްސަ ސަމާލުކަމެއް ދީގެން ޒަކާތުގެ ބިލަކާއި ހައްޖުގެ ބިލެއްގެ އިތުރުން ވަގުފްގެ ބިލެއްވެސް އެކުލަވާލާފައިވާ ކަމަށް ޑރ ޒާހިރު ވިދާޅުވިއެވެ. އެ ބިލްތައް މިހާރު ބަންޑާރަނައިބުގެ ލަފާއަށް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮވިޑް-19 ބަލިމަޑުކަމުގެ ދުވަސްވަރު ދީނީ ގޮތުން ދިމާވާ މައްސަލަތަކަށް ބަހުސްކޮށް ވާޙަކަ ދައްކަން ރައީސް ސޯލިހު ދެއްވާފައި އޮތް ލަފާފުޅަކީ އިލްމުވެރިން މަޝްވަރާކޮށްގެން ކަންތައްތައް ނިންމުންކަމަށް މިނިސްޓަރު ވިދަޅުވިއެވެ.
"ރައީސް ކޮންމެ ކަމެއް ނިންމަވަމުން ގެންދެވނީ އިލްމުވެރިން ދެއްވާ ލަފާގެ މަތިން. އިލްމުވެރިން ވިސްނާ ފިކުރުކޮށް ބަހުސްކުރުމަށް ފަހު ރައީސްގެ އަމަލުފުޅު ބެހެއްޓެވީ" މިނިސްޓަރު ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ އިލްމުވެރިންތަކެއް ރައީސަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައި މިވަނީ އިލްމުވެރިން ގުޅުމުގެ ގިނަ އިލްމުވެރިންތަކެއްގެ ތާއީދު އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް އޮތް ކަމަށް ހާމަ ކޮށްފައި ވަނިކޮށެވެ.