ކޮންޓެއިނަރ ޕާރކްގެ ކޯ ވޮރކިންގ ސްޕޭސް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. މި ކޯ ވޮރކިން ސްޕޭސް ފުރަތަމަ މަހު ބޭނުންކުރެވޭނީ ހިލޭއެވެ.

މިތަނަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓް، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން އަދި އާބަންކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ކޮންޓެއިނަރ ޕާކް އަކީ، ހުޅުމާލެ ޒަމާނީ "އަރބަން" ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އަރބަންކޯއިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. އެގޮތުން މި ކޮންޓެއިނަރ ޕާކަކީ ޒަމާނީ އަދި "އާޓިސްޓިކް" ޕްލޭނެއްގެ ދަށުން، ހުޅުމާލެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ގޮތަކަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

ކޮންޓެއިނަރ ޕާރކް: މިތަނަކީ އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރާއި އާބަންކޯ ގުޅިގެން ތަރައްގީކޮށްފައިވާ ތަނެއް-- ފޮޓޯ/ އާބަންކޯ

މިއާއެކު އިއްޔެ ކޯ ވޮރކިންގް ސްޕޭސް ހުޅުވިއިރު، ވަރަށް އަވަސް މުސްތަގްބަލެއްގައި މިތަނުގައި ޓޭކްއަވޭ ކެފޭ އަކާއި، ފާސްޓް ފުޑް އައުޓްލެޓް އަދި މީޓިން ރޫމެއް ހެދި، މި ސަރަހައްދުގެ އޯޕަން އޭރިއާ އާންމުންނަށް އެއްވެ އުޅެވޭ ޕާކެއްގެ ގޮތުގައި ތަރައްގީކުރެވިގެންދާނެއެވެ.

ހަމަ އެހެންމެ މި ކޯ ވޮރކިންގ ސްޕޭސް މެދުވެރިކޮށް ހުޅުމާލޭގައި އަލަށް ވިޔަފާރިތައް ފަށާ ފަރާތްތަކަށާއި، އެފަދަ ފުރުސަތުތައް ބޭނުންވާ މީހުންނާއި، ގްރޫޕްތަކަށް އެ ފުރުސަތު ފަހިކޮށްދެވިގެންދާނެއެވެ. މި ސްޕޭސް އަށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ބުކްކޮށްލެވޭނެ ގޮތްވެސް ހަމަޖެހިގެނަދާނެއެވެ. ކޯ ވޮރކިންގ ސްޕޭސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު ނުވައަކުން އިރުއޮއްސި ހައެއްގެ ނިޔަލަށް ހުޅުވިފައިވާނެއެވެ.

ކޮންޓެއިނަރ ޕާރކް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން: އަވަސް މުސްތަގްބަލެއްގައި މިތަނުގައި ޓޭކްއަވޭ ކެފޭ އަކާއި، ފާސްޓް ފުޑް އައުޓްލެޓެއް ހުޅުވިގެންދާނެ-- ފޮޓޯ/ އާބަންކޯ

މި ކޮންޓެއިނާ ޕާކުގެ މައިގަނޑު މަގްސަދަކީ ލައިވްލީ އަދި ކޮމިއުނިޓީ އެންގޭޖިންގ މާހައުލެއް ބިނާކުރުންމެވެ. އަދި މީގެ އިތުރުން އާޓިސްޓުންނަށް ވެސް ފުރުސަތު ލިބިގެންދާނެ ފަދަ ހަބެއް ތައްޔާރުކުރުމެވެ. މި ޕާކް މެދުވެރިކޮށް ހުޅުމާލޭގެ ގިނަ ޒުވާނުންތަކަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އަރބަންކޯއިން ދަނީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް މުޖަތަމައުއަށް ފައިދާކުރުވަނިވި ކަންތައްތައް ވީހާވެސްގިނައިން ކުރިއްށްގެންދަމުންނެވެ.