ލ. އަތޮޅުގައި އަތޮޅު އެއްފަސް ކުރުމުގައި ބޮޑު ތަސައްވަރެއް ގެންގުޅުއްވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މުއިއްޒު އެހެން ވިދާޅުވެފައި ވަނީ ގަމު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އާބާދީ އެއްފަސް ކުރަން ޖެހެނީ މަޖުބޫރުކޮށްގެން ނޫނެވެ. އޭގެ ބަދަލުގައި ގިނަ ފުރުސަތުތައް ފަހިކޮށް ދިނުމުން ރައްޔިތުން އެތަނަކަށް ޖަމާވާނެ ކަމަށެވެ.
މާލެއަކީ އޭގެ މިސާލެއްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ލ އަތޮޅަކީ ފާލަންތަކާއި ކޯޒްވޭ ތަކަކުން ގުޅިފައި އޮތް ބޮޑު ސަރަހައްދެއް ކަމަށާއި އެ ސަރަހައްދަކީ އާބާދީ އެއްފަސްކޮށް ތަރައްގީ ކުރުމަށް އޮތް ވަރަށް މުހިއްމު "ޑެސްޓިނޭޝަނެއް" ކަމަށެވެ. މެނިފެސްޓޯ އެކުލަވާލާފައިވާނީ އެ ވިސްނުމުގައި ކަމަށް ވިދާޅުވިއެވެ.
އެއަށް ފަހު ވިދާޅުވީ "ފަސް އަހަރު ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކޮށްފިއްޔާ އަމަލީގޮތުން ފެންނާނެ" ކަމަށެވެ. ގަމާއި ފޮނަދޫ ހިމެނޭހެން ގެދޮރުވެރިކަމުގެ މަޝްރޫއުތަކާއި ހައުސިން ޔުނިޓްތައް އެޅުމާއި، ހޮސްޕިޓަލް އެޅުމާއި ސްޕޯޓްސް ކޮމްޕްލެކްސް ފަދަ އުމްރާނީ ގިނަ ތަރައްގީތަކެއް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ކައްދޫގައި އިންޓަނޭޝަން އެއާޕޯޓެއް އެޅިގެންދާއިރު ސަރަހައްދުގައި ފަތުރުވެރިކަންވެސް ފުޅާވާން ޖެހޭ ކަމަށެވެ.
"މި އަތޮޅަށް ޓޫރިޒަމް އަންނަން ޖެހޭނެ. އިތުރަށް ޓޫރިސްޓު ރިސޯޓުތައް ހެދި ލޯކަލް ޓޫރިޒަމް ގެނެވި ގެސްޓުހައުސް ޓޫރިޒަމް ގެނެވި އިތުރު ކުރިއެރުން އަންނަން ޖެހޭނެ" ލ. ގައި ފަތުރުވެރިކަން ފުޅާކުރާނީ އެ ވިސްނުމުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުންނަމަ އިތުރު އެއާޕޯޓެއްވެސް އެ އަތޮޅުގައި އެޅިގެންދާނެއެވެ.