އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ދިވެހި ކުދި ބޮޑު އެންމެހާ ރައްޔިތުންގެ ހިތްތައް ފަތަހަ ކުރައްވާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ އާއްމު ރައްޔިތުންނާއެކު ކާނިވާ ސަރަހައްދުގައި މިހާރު އެމްޑީޕީން ބާއްވަމުން އަންނަ ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ރައީސް ސޯލިހާ ގާތަށް ވެސް ދިވެހި ރައްޔިތުންގެ އިހުސާސްތައް އެނގޭނެ އެހެން އެއްވެސް ކެންޑިޑޭޓަކު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާ ކަމަށެވެ.
އެގޮތުން މާރިޔާ ވަނީ ހަމައެކަނި މި ފަސް އަހަރުގައި ފެނިގެން ދިޔަ ތަފާތުތަކުން އެކަނި ވެސް ރައީސް ސޯލިހަށް ދިވެހިންގެ އިހުސާސްތައް އެނގިވަޑައިގަންނަވާކަން ހާމަވެއްޖެ ކަމަށެވެ.
"ކުޑައެއް ބޮޑެއް، ޒުވާނެއް މުސްކުޅިއެއް، އަންހެނެއް ފިރިހެނެއް ބަލާނެ ކަމެއްނެތް. ހަމަ ހަގީގަތުގައި ވެސް ރައީސް ސޯލިހް އަޅުގަނޑުމެން އެންމެންގެ ހިތްތައް ފަތަހަ ކުރައްވައިފި،"
ވެރިކަމުގެ މިވީ ފަސް އަހަރުގެ ތެރޭގައި ރައީސް ސޯލިހު ގެންދެވީ، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުރިހަމަކޮށްދެއްވަމުން، ޤައުމުގެ މުސްތަޤްބަލް ބިނާކުރައްވަމުން. ރައީސް ސޯލިހު ވިސްނުންފުޅު ގެންގުޅުއްވީ، އުފަންވާ ރަށެއްގެ ގޮތުން، ނުވަތަ ދިރިއުޅޭ ތަނެއްގެ ސަބަބުން، ރައްޔިތުމީހާއަށް ޙައްޤުވާ މިންވަރުގެ ތަފާތެއް އޮވެގެން ނުވާނެކަން،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ ވާހަކަފުޅުގައި މީގެ ކުރިއާ ރައީސް ސޯލިހުގެ ފަސް އަހަރާއި ހުރި ތަފާތުތައް ހާމަ ކުރައްވަމުން ވިދާޅުވީ ސިޔާސީ ވާދަވެރިން ހައްޔަރުކޮށް އެމީހުންގެ އަޑު ކަޑުވާލުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކަކަށް ވެސް މިނިވަންކަން މި ސަރުކާރުން ދީފައިވާ ކަމަށެވެ.
"އެލް ބޯޑު ޖަހައިގެން، ފެބްރުއަރީ 2012 ން ފެށިގެން ނޮވެމްބަރު 2018 އަށް ވަޒީރެއްގެ ގޮތުގައި ހުރެ، އަދި މިހާރު މާލެ މޭޔަރަކަށް ހުރެ، އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓް، ޕީއެންސީ ގެ މުޢިޒު ހިންގާފަވާ ޖަރީމާތައް މާލޭގަ ދިރިއުޅޭ ރައްޔިތުންނަށް ރަގަޅަށް އެގޭނެ. އަޅުގަނޑު ކޮންމެހެން ދަންނަވާކަށް ނުޖެހޭ،" މާރިޔާ ވިދާޅުވިއެވެ.
މީގެއިތުރުން މާރިޔާ ވަނީ މުއިއްޒަކީ ހުލްގު ހެޔޮ، އޯގާތެރި، ހިތްހެޔޮ، ރައްޔިތުންގެ އަޑުއަހާ، އަދި ރައްޔިތުންގެ އިޙްސާސްތައް ދެނެގަނެ، ރައްޔިތުންގެ ތަކުލީފްތަކަށް ތަސައްލީ ގެނުވާނެ ވެރިއެއްތޯ ޖަލްސާގެ ހާޒިރީންނަށް ސުވާލު ކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ހުލްގު ހެޔޮ އޯގާތެރި ބޭފުޅަކީ ރައީސް ސޯލިހު ކަމަށާއި އެ ނޫން ޗޮއިސް އެއް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.