ތިލަފުށި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ވޭސްޓް (ސީއެންޑްޑީ) ޕްރޮސެސިން ޕްލާންޓެއް ގާއިމްކުރުމަށްޓަކައި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެ ޕްލާންޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ދިވެހި ސަރުކާރާއި ގުޅިގެން މާލެ ސަރަހައްދު ހިމެނޭހެން ޒޯން ތިނެއްގެ އާންމުން ދިރިއުޅޭ ރަށްތަކުގެ ކުނި މެނޭޖްކުރުމަށް ކުރިޔަށްގެންދާ "ގްރޭޓާ މާލެ އެންވަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ދަށުން، ގައު ކުނޑި އަދި އިމާރާތްކުރުމުގައި އުފެދޭ ބަރު ކުނި (ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން - (ސީ.އެންޑް.ޑީ) މެނޭޖްކުރުމަށްޓަކައި ރާއްޖޭގައި މުޅިން އަލަށް ގާއިމްކުރާ ޕްލާންޓެކެވެ.

މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 4.095 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި މި ޕްލާންޓަކީ އުކާލަން ގެންނަ ގައު ކުނޑި ބޭނުންކޮށްގެން، އިމާރާތް ކުރުމަށް ބޭނުންވާ ވެލި ނުވަތަ އެގްރިގޭޓް 5 ގްރޭޑަކަށް ތައްޔާރުކުރުމުގެ ގާބިލްކަން ލިބިފައިވާ ޕްލާންޓެކެވެ.

އަދި މި ކޮންޓްރެކްޓްގެ މަސައްކަތް ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ނިންމައި، މި ޕްލާންޓް ބޭނުންކުރަށް ފެށުމަށްވަނީ ހަމަޖެހިފައެވެ. އަދި މިޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ތިލަފުށި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ކަނޑައަޅާފައިވާ ބިމުގެ 39,000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައެވެ.

މި ކޮންޓްރެކްޓްގެ ދަށުން (ސީއެންޑްޑީ) ޕްލާންޓް ޑިޒައިންކުރުމާއި، ސަޕްލައި އަދި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި ޕްލާންޓްއަށް ބޭނުންވާ ކޮންކްރީޓް ޕްލެޓްފޯމާއި، ކެރިޖްވޭ ހިމެނޭހެން ޕްލާންޓްގެ ސުޕަ ސްޓްރަކްޗާތައް ޑިޒައިންކުރުމުގެ މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

ޕްލާންޓް ޑިޒައިންކުރުމުގައި އޭޑީބީ އިން ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މޫސުމީ އަދި ކާރިސީ ހިރާސްތަކުން ރައްކާތެރިވާނެ މިންގަނޑުތަކަށް ބެލިފައި ވާނެއެވެ.

މިފަދަ ޕްލާންޓެއްގެ ރާއްޖޭގައި ޤާއިމުކުރުމުގެ މުހިއްމުކަން ދެނެގަތުމަށްޓަކައި، އެންވަޔަރަމެނޓް މިނިސްޓްރީ އިން ވާނީ 2019 އިން 2021 ގެ ނިޔަލަށް އިނގިރޭސިވިލާތުގެ އިންޖިނިއަރިންގ ކޮންސަލްޓަންޓް ފާމް، މޮޓް މެކްޑޮލަޑް އާއި ހަވާލު ކޮށްގެން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި އުފެދޭ ކުނި މެނޭޖްކުރާނެ ގޮތުގެ ދިރާސާއެއް ތައްޔާރުކޮށްފައެވެ.

އަދި މިދިރާސާއިން ރައްޖޭގައި އުފެދޭ ސީއެންޑީ ކުނި އުކާލާ މިންވަރު އިތުރުވެފައި، މިކުންޏަކީ އަލުން ރީސައިކަލްކުރެވޭނެ އެއްޗެއްކަން ވަނީ ހޯދިފައެވެ. އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު ދުވާލެއްގެ މައްޗަށް ތިލަފުއްޓަށް ގެންދެވޭ ސީއެންޑީ ކުނީގެ މިންވަރު 200 ޓަނަށް ވުރެއް އިތުރުވެފައި ވީއިރު، މި ކުނި މެނޭޖްކުރުމަށް މިފަދަ ޕްލާންޓެއްގެ މުހިއްމުކަން ވަނީ ބޮޑުވެފައެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އަލަށް ގާއިމްކުރެވޭ ސީއެންޑީ ޕްލާންޓް ބަހައްޓާ، ދެ އަހަރު ދުވަހުގެ އޮޕަރޭޝަނަށް ބޭނުންވާ ސްޕެއާ ޕާޓްސް ފޯރުކޮށްދިނުމަށްވެސް ވަނީ ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައެވެ.

އަދި ޕްލާންޓް ހިންގުމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި، ވެމްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފައެވެ.