ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި މިހާރު ހުންނެވި ޑރ މުހައްމަދު މުއިއްޒު، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ކަފުން ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގެ ތަރުޖަމާނުގެ ހައިސިއްޔަތުން މާރިޔާ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މިއަދު ވެސް ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު މުއިއްޒަށް ފާޑު ވިދާޅުވެފައެވެ. ހާއްސަކޮށް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކަށް ފާޑު ވިދާޅުވިއެވެ.

މިއަދުވެސް މުއިއްޒު އަށް ވިދާޅުވެ، މާރިޔާ ވަނީ މީގެ ކުރިން ޕީޕީއެމުން ބުނަމުން އައީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް ކޮށްފައި ވަނީ ހަރާން ހުކުމެއް ކަމަށެވެ. އެކަމަކު ކުއްލިއަކަށް އެއީ "ހަލާލް" ހުކުމަކަށްވެއްޖެ ކަމަށެވެ.

އެހެން މާރިޔާ އެ ވިދާޅުވީ ޔާމިނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއިދުކުރުމުން ޔާމީން ދެ ޕާޓީގެ ސެނެޓަށް ފޮނުއްވި ނޯޓަށް އިޝާރާތްކުރައްވައެވެ. އެ ނޯޓުގައި ޔާމިން ވިދާޅުވީ، އެމަނިކުފާނަށް ކޮށްފައިވާ ހުކުމަކީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށް ގަބޫލުކުރެވޭނަމަ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެކަމަކު ސެނެޓުން ފާސްވީ އިންތިހާބުގައި ވާދަކުރަން ފެންނަ ކަމަށެވެ.

އެއަށް ފަހު މާރިޔާ ވަނީ ކޯޓުގައި ހުންނަވައިގެން ޔާމީން، މުއިއްޒާ ގުޅޭ ދެއްކި ވާހަކަތަކެއް ކަމަށް ބުނު ފަތުރަމުންދާ ވާހަކަތަކެއް ހިއްސާކުރައްވާފައެވެ

"ޔާމީން ކޯޓުގައި ހުންނަވައިގެން ދެއްކެވި ވާހަކައެއް..... އަޅުގަނޑާ ގުޅޭ ގޮތުން މުއިއްޒު އެ ދައްކާ ވާހަކަތަކުން ފައިދާއެއް ނުވާނެ. ހަމަ ވޯޓު ގެއްލޭނީ، ކޮން ބައެއް މުއިއްޒު ދަންނަނީ. މާލެއިން ބޭރަށްވެސް ދިޔަ މީހެއްތޯ މުއިއްޒަކީ. މުއީއްޒުއަށް ދަންނަވާ. ސައީދަށްވެސް ދެންނެވޭނެ. ޓޮމްއަށްވެސް ދެންނެވޭނެ" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އެ ވިދާޅުވި ވާހަކަފުޅަކީ އިއްޔެ ހައިކޯޓުގައި އޮތް ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް ކޯޓަށް ވަޑައިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް) ގާތުގައި ޔާމީން ވިދާޅުވި ވާހަކަފުޅެއް ކަމަށް ބުނެ ފެތުރެމުން އަންނަ ވާހަކައެކެވެ.

އެއަށް ފަހު މާރިޔާ ވިދާޅުވީ މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީޕީއެމް "ކުޑަ" ކޮށްލެވޭތޯ ކަމަށެވެ.

"އެ ބޭފުޅާ ވެރިކަމަށް ވަޑައިގެން ރައީސް ޔާމިން ނުވެސް ނެރުއްވާނެ. ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ކަފުން ކުރުން އެއޮތީ މުއިއްޒު ފައްޓަވާފައި. ގޮން ޖައްސަވާ ފައްޓާވާފައި" އެކަމާއި މެދު ޕީޕިއެމް/ޕީއެންސީއަށް ވޯޓު ދޭ ފަރާތްތަކުން ވިސްނުމަށް މާރިޔާ އެދިވަޑައިގެންނެވިއެވެ.