އެމްޓީސީސީން ހަތް ބިލިއަން ރުފިޔާގެ މަޝްރޫއުތައް މި ސަރުކާރުގައި ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އާޒިމް އެހެން ވިދާޅުވީ ހުވަދު އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ ސަރވޭ ހެދުމާއި އީއައިއޭ ހެދުމުގެ މަރުހަލާގައި ހުރި އެމްޓީސީސީގެ މަޝްރޫއުތަކުގެ އަގު ވެސް ހަތަރު ބިލިއަން ރުފިޔާއަށް އަރާ ކަަމަށެވެ. އާޒިމްގެ ވާހަކަފުޅުގައި އެ ކުންފުނިން ނިންމާފައިވާ މަޝްރޫއުތަކާއި ކުރިއަށްދާ މަޝްރޫއުތަކުގެ ތަފްސީލު ހާމަކޮށްދެއްވިއެވެ.

އެމްޓީސީސީގެ މަޝްރޫއުތައް:

  • 57 ބަނދަރު ނިންމާފައިވޭ
  • 66 ބަނދަރުގެ މަސައްކަތް ދަނީ ކުރިއަށް
  • 3 އެއާޕޯޓް ތަރައްގީކޮށްފި
  • އިތުރު 5 އެއާޕޯޓް ތަރައްގީކުރުން ހިނގަމުންދަނީ

"ދެން ކޮބައިތޯ؟ ބްރިޖުތަކާއި ހޮސްޕިޓަލްތަކާއި މަލްޓިޕާޕަސް ހޯލްތަކާއި އިމާރާތްތަކާއި ކޯޒްވޭތަކާއި އައްސޭރިފަށް ހިމާޔަތް ކުރުންފަދަ މަސައްކަތްތަކާއި މަގުހެދުމުގެ މަސައްކަތްތަކާއި ބިން ހިއްކުމާއި މިހާރު ވެސް ފަތުއަޑުކިޔާފައި އެ ދަނީ ހިނގަމުން،" އާޒިމް ވިދާޅުވިއެވެ.

ރައީސް ތިނަދޫއަށް ވަޑައިގެންނެވި އާރްޓީއެލް ފެރީ (ވ) އެ ރަށާ ގާތް ކުރަނީ-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

ހުވަދޫގައި އާރްޓީއެލްގެ ހިދުމަތް ދޭން ފަށާފައިވާތީ، އެކަމަށް އިޝާރާތްކޮށް އާޒިމް ވިދާޅުވީ އާރްޓީއެލް ހިދުމަތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަސައްވަރެއް ކަމަށެވެ. މިއަދު އެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރެވެމުން ދާތީ އެކަމުގެ އެންމެ ބޮޑު އުފަލެއް ލިބިވަޑައިގަންނަވާނެ ބޭފުޅާ އަކީ ވެސް ރައީސް ސޯލިހު ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކު ސިޓީގައި އާރްޓީއެލް ހިދުމަތް ފެށުމާއެކު ބޮޑެތި އާބާދީތަކަށް އެ ހިދުމަތް ފެށިގެން ދިޔައީ ކަމަށެވެ. އެ ގާތްގަނޑަކަށް ލައްކައަކަށްވުރެ ގިނަ މީހުންގެ އާބާދީއެއް ގުޅާލުން ކަމަށް އާޒިމް ސިފަ ކުރެއްވިއެވެ.

"މިއަދުވެސް ކުލަ ޖެހެމުން މިދަނީ މަނިކުފާނު [ރައީސް ސޯލިހު] ގެ ހުވަފެންގުޅެއްގައި. މި ދެންނެވި ވާހަކައިގެ ހަގީގަތެއްގައި. މިއީ މަނިކުފާނުގެ ޑްރީމެއް މިއީ މަނިކުފާނުގެ އިސްނެންގެވުމެއް އަދި މިއީ މަނިކުފާނުގެ ތަސައްވަރެއް،"

"މަނިކުފާނުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ނ. އަތޮޅަށް އާރްޓީއެލް ފެށިގެން ދިއުމަކީ މަނިކުފާނުގެ ވައުދެއް. 17 ނޮވެމްބަރުވާ ހުކުރު ދުވަހު މަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ހުވާ ކުރުމުގެ ކުރިން ނ. އަތޮޅުގައި އާރްޓީއެލް ހިދުމަތް އިންނާނީ ފެށިފައި. މަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރު ފެށި 2024 ނިމޭއިރު މުޅި ރާއްޖެ އޮންނާނީ އާރްޓީއެލް ސްޕީޑު ފެރީ ނިޒާމުން ގުޅާލެވިފައި،" އާޒިމް ވިދާޅުވިއެވެ.

އާރްޓީއެލް އުޅަނދުތަކުގައި މަސައްކަތް ކުރާ އެމްޓީސީސީގެ މުވައްޒަފުން: ގއ. އަދި ގދ. ގެ މީހުން ދިރިއުޅޭ 18 ރަށް އާރްޓީއެލްގެ ހިދުމަތުން ވަނީ ގުޅާލާފައި-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

އޭނާ ވިދާޅުވީ މުޅި މަޝްރޫއު ނިމިގެން ދިއުމުން ހަމައެކަނި އާރްޓީއެލް ފެރީން ހާހަކަށްވުރެ ގިނަ ވަޒީފާ އުފެދިގެން ދާނެ ކަމަށެވެ. އަދި އެ މަޝްރޫއު ނިމޭއިރު ޖުމްލަ 82 އުޅަނދު އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޓީސީސީއާ ދެން ހަވާލު ކޮށްފައިވާ ދަތުރުފަތުރުގެ އަނެއް މަސައްކަތަކީ ބަސް ދަތުރުގެ ހިދުމަތް ކަމަށް ވިދާޅުވެ އާޒިމް ވަނީ މާލެ ސަރަހައްދު ފިޔަވާ އައްޑޫ އަދި ފުވައްމުލަކު ސިޓީ އާއި ހައްދުން މައްޗަށް އެ ހިދުމަތް ދެމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި ދުވާލެއްގެ މައްޗަށް 23،000 މީހުން އެ ހިދުމަތް ހޯދަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާރުޓީއެލް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އެ މަޝްރޫއުގެ ފުރަތަމަ ފޭސް އެކެއްގައި ހިމެނެނީ ހއ، ހދ، އަދި ށ، އަތޮޅުގެ 41 ރަށެކެވެ.

މި މަޝްރޫއު އަކީ ގާތްގަނޑަކަށް 800 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި މަޝްރޫއު ނިމުމުން ދަތުރުފަތުރުގެ ނިޒާމުގައި ބޭނުން ކުރުމަށް 80 ވަރަކަށް ލޯންޗު ބޭނުން ކުރެވިގެން ދާނެ ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.

ފެރީ ނެޓްވޯކުގައި ބޭނުންކުރާނީ 47 ފޫޓުގެ ލޯންޗުތަކެކެވެ. އެ ލޯންޗުތަކުގައި 40-50 މީހުންގެ ކެޕޭސިޓީ ހުންނާނެއެވެ. އާއްމު ގޮތެއްގައި 14 ލޯންޗެއް އެކަމަށް ބޭނުން ކުރާއިރު އެއްވެސް ލޯންޗަކަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި އަބަދުވެސް ބެކަޕްގައި ތިން ލޯންޗު އޮންނާނެއެވެ.