ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިދުމަތަކީ ތާއަބަދަށް ދިވެހިރާއްޖެ ބަދަލު ކޮށްލާނެ ހިދުމަތެއް ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އާރްޓީއެލް ހިދުމަތަކީ ހަމަ ހުރެލާފައި ފެށި ހިދުމަތެއް ނޫން ކަމަށެވެ.

އެ ހިދުމަތަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޕްލޭން ކުރެވިގެން ފެށި ހިދުމަތެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ރަނގަޅު ޕްލޭނެއް ނުކޮށް ކުރާ މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވާ، ވިދާޅުވުން އަސްލަމް ވެސް ތަކުރާރު ކުރެއްވިއެވެ.

އޭނާގެ ވާހަކަފުޅުގައި ގައުމެއްގެ ރައްޔިތުން ސަރުކާރެއްގެ ކިބައިން އެދެން ބޭނުންވާނެ ކަންކަމަކީ އެގައުމުގެ ރައްޔިތުންނަށް އިންގިލާބީ ބަދަލެއް ގެނެސްގެން އެގައުމު ބަދަލު ކޮށްލާނެ ޒާތުގެ ކަންކަން ކުރުން ކަމަށް ވިދާޅުވިއެވެ.

"މިއީ މި ދިވެހިރާއްޖެ ތާ އަބަދަށް ބަދަލު ކޮށްލާނެ ހިދުމަތެއް. މިއަދަކު ނުހުންނާނެ ނަޑެއްލާ އިން ފުރައިގެން ހޮސްޕިޓަލަށް ދައްކަން ނާދެވޭ ރައްޔިތަކު ނުހުންނާނެ މި ތިނަދޫ އަކަށް. ޑޮކްޓަރު ދެއްކީމަ ޑޮކްޓަރު މި ބުނަނީ ތިމަންނާ ބޭނުމޭ ފާސްޓިން ބްލަޑް ޝުޖާ ޓެސްޓެއް ހަދަން. ބުނީމާ މިހާރު ދާނީ ރަށަށް. މާދަމާ އަންނާނީ ޓެސްޓު ހަދަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި މީގެކުރިން އެފަދަ ހާލަތްތައް ދިމާވުމުން މީހުން އުޅެން ޖެހުނު ހާލަތު ހިއްސާ ކުރައްވައިފައެވެ. އެގޮތުން އެފަދަ ޓެސްޓެއް ހަދަން ޖެހިއްޖެ ނަމަ ތިނަދޫގައި ކުއްޔަށް ތަނެއް ހިފައިގެން ބައެއް ފަރާތްތަކުން ތިބެން ޖެހުނު ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންނަމަވެސް އާރްޓީއެލްއާއެކު މިއަދު އެ ދުވަސްތައް މާޒީވެގެން ހިނގައްޖެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެވެސް ފޯރާ އަގެއްގައި. އަޅުގަނޑުމެންގެ ޖީބަށް ބުރައެއް ނެތް މިންވަރެއްގައި ހަރަދު ކޮށްގެން ދެވޭނެ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ފާހަގަކުރެއްވި ގޮތުގައި މީގެކުރިން އެފަދަ ދަތުރެއް ކުރެވޭނީ މަދުވެގެން 2500 ރުފިޔާ އަށް ކަމަށެވެ. ނަމަވެސް މިއަދު އެންމެ ގިނަވެގެން ވެސް އާއްމު މީހާގެ އަތުން ހަރަދު ވާނީ 125 ރުފިޔާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ 19 ރަށް އޮވެއެވެ. އެ އަތޮޅު ބޮޑުވުމުގެ ސަބަބުން އިދާރީ ގޮތުން ދެ ދާއިރާއަކަށް ވަނީ ބަހާފައެވެ. އެއީ ގއ. އަތޮޅާއި ގދ. އަތޮޅެވެ. މުޅި ހުވަދު އަތޮޅުގައި 4 އެއާޕޯޓް ހިންގަމުންދާއިރު، އެ އަތޮޅުގެ އާބާދީއަކީ 36،000 ވުރެ ގިނައެވެ.

އާރުޓީއެލް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އެ މަޝްރޫއުގެ ފުރަތަމަ ފޭސް އެކެއްގައި ހިމެނެނީ ހއ، ހދ، އަދި ށ، އަތޮޅުގެ 41 ރަށެކެވެ.

މި މަޝްރޫއު އަކީ ގާތްގަނޑަކަށް 800 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި މަޝްރޫއު ނިމުމުން ދަތުރުފަތުރުގެ ނިޒާމުގައި ބޭނުން ކުރުމަށް 80 ވަރަކަށް ލޯންޗު ބޭނުން ކުރެވިގެން ދާނެ ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.

ފެރީ ނެޓްވޯކުގައި ބޭނުންކުރާނީ 47 ފޫޓުގެ ލޯންޗުތަކެކެވެ. އެ ލޯންޗުތަކުގައި 40-50 މީހުންގެ ކެޕޭސިޓީ ހުންނާނެއެވެ. އާއްމު ގޮތެއްގައި 14 ލޯންޗެއް އެކަމަށް ބޭނުން ކުރާއިރު އެއްވެސް ލޯންޗަކަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި އަބަދުވެސް ބެކަޕްގައި ތިން ލޯންޗު އޮންނާނެއެވެ.