އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ދެކެވޭ ސިޔާސީ ވާހަކަތަކުގައި ޝާމިލްނުވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރު އެހެން އިލްތިމާސް ކުރެއްވީ ހަނިމާދޫގައި ގާއިމްކުރާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓާޒްގެ ބިންގާ އަޅުއްވައިދެއްވަމުންނެވެ.

މާރިޔާ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަކީ ރާއްޖޭގެ ތާރީހުގައިވެސް ހިނގާ އެންމެ ވާދަވެރި ސިޔާސީ ހަރަކާތް ކަމަށެވެ. މިއީ ކެމްޕޭނުގެ މޫސުންކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ އެކިކަހަލަ ވާހަކަތައް އެކި މަގުސަދުގައި ދައްކަމުންދާނެ ކަމަށެވެ. އަދި ސިފައިންވެސް އެ ވާހަކަތަކުގައި ޝާމިލްކޮށް ސިޔާސީ ކުރުވަން ބައެއް ފަރާތްތަކުންކުރާނެ ކަމަށެވެ.

"ސިފައިންގެ އެއްވެސް މީހަކު އެފަދަ އެއްވެސް ވާހަކައެއްގައި ނުވަތަ އަމަލެއްގައި ޝާމިލްނުވެ، ތިޔަ ބޭފުޅުންނާއި ހަވާލުވެފައިވާ ގައުމުގެ ދިފާއީ، ގައުމުގެ ސަލާމަތީ މަސްއޫލިއްޔަތު އަދާކުމުގައި ސާބިތުވެ ތިބުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް" މާރިޔާ އިލްތިމާސް ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިން އަބަދުވެސް ދެމިތިބެންޖެހޭނީ، އަސްކަރީ އަހުލާގާއި އަސްކަރީ އުސޫލުތަކުގެ މަތީގައި ކަމަށެވެ. މާރިޔާ ވިދާޅުވީ ނޮދަން އޭރިއާ ކޮމާންޑުގެ އާ ހެޑްކްއޯޓާޒް ހަނިމާދޫގައި ގާއިމްކުރުމުގެ މަސައްކަތަކީ، ސިފައިންގެ ތަރައްގީ އާއި ކުރިއެރުމާ ގުޅޭގޮތުން، ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަންފީޒު ކުރައްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ހަމަ އެންމެ ކަމެއް ކަމަށެވެ.

"ލ. އަތޮޅުގައި ތަރައްގީކުރުމަށް މަސައްކަތްކުރަމުންދާ ކައްދޫ އެއާޕޯޓްގެ ތަރައްގީ އާއެކު، ސެންޓްރަލް އޭރިއާ ކޮމާންޑަށްވެސް މިހާރަށް މާ ފުރިހަމަ މަރުކަޒެއް ކައްދޫގައި ގާއިމްކުރެވިގެންދާނެ. ކަމަށާއި އަސްކަރީ ދާއިރާއަށް ގެނެވޭ ތަރައްގީ އާއެކު، ސިފައިން ބޭނުންވާ މިންވަރުވެސް އިތުރުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ފަސް އަހަރުގެ ތެރޭގައިވެސް ރައީސް ވަނީ ސިފައިންގެ ކޯޓާ ފަނަރަ އިންސައްތައް އިތުރުކޮށްދެއްވާފައެވެ. އެކަންކަމުގެ އިތުރުންވެސް، ސިފައިންގެ ވަކި ފަރުދުންގެ ވެލްފެއާ އާއި ގުޅުންހުރި ކަންކަމަށްވެސް ރައީސް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ.