ފެންނަނީ އެނބުރި އަނިޔާވެރިކަމަށް ދާން ބޭނުންނުވާތަން: ރައީސް
މިއަދު މުޅި ރާއްޖެއިން ފެންނަނީ ރައްޔިތުން އަނިޔާވެރި ވެރިކަންތަކަށް ނޫނެކޭ ބުނާ މަންޒަރުކަމަށް އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އުފެދިގެން މިހާ ހިސާބަށް އައިރު އެ ޕާޓީގެ މެމްބަރުން "ތަހައްމަލު" ކުރަން ޖެހުނު ހިތްދަތި ދުވަސްތައް ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް މިރޭ ޒުވާނުންގެ މަރުކަޒު ގައި ބޭއްވި ޖަލްސާގައި ވަނީ ދައްކާލާފައެވެ.
އެއަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ، އަނިޔާވެރިންގެ ކުރިމަތީގައި އެމްޑީޕީ ފަހަތަށް އެންމެ ފިޔަވަޅެއްވެސް ނާޅައި ދިޔައީ ކުރިއަށް ކަމަށެވެ. މަގުމައްޗަށް ނިކުމެގެ އަޑުއުފުލައިގެންވެސް މަސައްކަތްކުރީ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އެއަށް ފަހު ރައީސް ވިދާޅުވީ ރާއްޖޭގައި ވެރިކަންކުރަން އެންމެ ފައްކާވެފައ އޮތް ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމިގެން ދިޔުމުން މަގުމައްޗަށް ނިކުމެ އަޑުއުފުލިވާހަކަތަކުގެ ހަނދާން އާ ކުރައްވަމުން ރައީސް ތަކުރާރުކުރެއްވީ" އަނިޔާވެރިކަމަށް އަޅުގަނޑުމެން ފަހަތަކަށް" ނުޖެހޭނެކަން ކަމަށެވެ. މި ސަރުކާރުން އަނިޔާވެރިކަން މާޒީގެތެރެއަށް ގެންގޮސް ރާއްޖެއަށް އުފާވެރިކަމާއި އަމާންކަން ގެނެސްދެވިއްޖެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ދެއްވި ޔަގީންކަމަކީ ދެވަނަ ބުރަކަށް ނުގޮސް އެމްޑީޕީން އިންތިހާބު ކާމިޔާބުކުރާނެކަމެވެ.
ގިނަ އަދަދެއްގެ ބަޔަކު އެއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެހެން ވިދާޅުވަނީ ސަބަބުތަކެއް އޮވެގެން ކަމަށެވެ. ކެމްޕޭނަށް ވަޑައިގެންނެވި ރަށްތަކުގެ ނަން ވިދާޅުވުމަށް ފަހު ރައީސް ވިދާޅުވީ އެ ރަށްތަކުން ފެނިވަޑައިގެންނެވީ އެއްވެސް ރައްޔިތަކު އަނިޔާވެރި ވެރިކަމެއް ބޭނުންނުވާކަން ކަމަށެވެ.
"އެނބުރި އަނިޔާވެރިކަމުގެ ތެރެއަށްދާކަށް ބޭނުންނުވާކަން. އެއްވެސް މީހަކު ބޭނުންނުވާކަން" ފޯރާއި ޖޯޝުގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުންނަމަ ރައްޔިތުން ބޭނުންވަނީ އެމްޑީޕީން ފެށި "އުފާވެރި އަމާން ރާއްޖޭ" ގެ މަސައްކަތް ނިންމާލަން ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ކެނޑިޑޭޓުންކަން ވާދަކުރައްވާ އިންތިހާބުކަން ފާހަގަކުރައްވާ ރައީސް ވަނީ 2018 ގެ އިންތިހާބުގެ ދުވަސްވަރު އޮތް ހާލަތާއި މި އަހަރުގެ އިންތިހާބާ ދެމެދު ހުރި ފަރަގު ހާމަކުރައްވާފައެވެ. ވިދާޅުވީ ހިޔާލުފާޅުކުރުމާއި މިނިވަންކަމަކީ ވެރިކަމަށް އޮތް ހުރަހެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ކޮވީޑް-19 ގެ ތެރޭގައި އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ އިގްތިސާދު ހިނގަން ފަށައި ފަތުރުވެރިން ރާއްޖެއަށް އަންނަން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖެ މިސާލެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.