އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުތައް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކޮޕީ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އޭނާއަށް ވަނަމެއް ދެއްވައިފިއެވެ.

މާރިޔާ އޭނާއަށް ދެއްވި ވަނަމަކީ "ކޮޕީކެޓް" މުއިއްޒެވެ.

މާރިޔާ މިއަދު ވިދާޅުވީ ރައީސްގެ ރިޔާސީ ވައުދުތަކާއި ރަށްރަށަށް ވެވަޑައިގަންނަވާ ވައުދުތައް މުއިއްޒު ކޮޕީ ކުރަމުން ގެންދާ ކަމަށެވެ. އާ ކަމެއްގެ ވާހަކަ މުއިއްޒު ވިދާޅުނުވާ ކަމަށާއި އޭނާ އުޅުއްވަނީ ކޮޕީ ކުރުމައިގެން ކަމަށް ރައީސް ސާލިހުގެ ކެމްޕެއިން ތަރުޖަމާންކަން ކުރައްވާ މާރިޔާ ވިދާޅުވިއެވެ.

މުއިއްޒު ކޮޕީ ކުރެއްވި ކަމަށް ބުނާ ވައުދުތަކުގެ ތެރޭގައި ރައީސްގެ ސާލިހުގެ މެނިފެސްޓޯ ވައުދުތަކާއި ރަށްރަށަށް ރައީސް ސާލިހު ވަކިން ވެވަޑައިގަންނަވާ ވައުދުތައް ހިމެނެއެވެ. މިނިސްޓަރު މާރިޔާ މީގެ ކުރިން ފާހަގަ ކުރެއްވި ގޮތުން ބޯހިޔާވަހިކަމަށް ހާއްސަ ބޭންކެއް އުފައްދަވާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު، އެކަން އެގޮތަށް ކުރައްވާނެ ކަމަށް ރައީސް ސާލިހު ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި މުލީގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއިރު، އެ މަޝްރޫއު ފަށައިގެން ސަރުކާރުން ކުރިއަށް ގެންދެއެވެ. އަދި އައްޑޫ ސިޓީގެ ބިން ހިއްކާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއިރު، އެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ.

"ރައީސް ސާލިހު މިދިޔަ އަހަރު ވިދާޅުވި އައްޑޫއިން ބިން ހިއްކާނަމޭ. 224،000 އަކަމީޓަރުގެ މިހާރު އައްޑޫއިން ރައީސް ސާލިހުގެ ސަރުކާރުން ހިއްކަވައިފި. އެހެންވީމަ އަޅުގަނޑުމެން މި ދަންނަވަނީ ކޮޕީކެޓޭ،" ސާލިހުގެ ކެމްޕެއިން މައި އޮފީސް ހިންގަމުންދާ ސޯލްޓް ކެފޭ ހިންގާ އިމާރާތުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މާރިޔާ މިއަދު ވިދާޅުވިއެވެ.

މާރިޔާ މިއަދު ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ މުސާރަ 40 ޕަސެންޓަށް ބޮޑުކުރައްވާނެ ކަމަށް ރައީސް ސާލިހު ވެވަޑައިގެންނެވި ވައުދު މުއިއްޒު ކޮޕީ ކުރައްވާނެ ކަމަށެވެ.

"ކޮޕީކެޓް މުއިއްޒު އަރުވައި، ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނެ ވާހަކަ ދައްކަވާނެކަން. ހަމަ ޗެލެންޖުކޮށްފައި އަޅުގަނޑު މި ދަންނަވަނީ. މި އިންތިހާބުގެ މި ކެމްޕެއިންގެ ތެރޭގައި އެބޭފުޅާ ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ވާހަކަ ނުވިދާޅުވެއްޖެނަމަ، މުއިއްޒު މުއިއްޒަކަށް ނުވާނެ،" މާރިޔާ ވިދާޅުވިއެވެ.