އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް، ޕީޕީއެމްގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު "ކޮޕީ" ކުރައްވާ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފާޑު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ތަރުޖަމާނު މާރިޔާ ވިދާޅުވީ ކެމްޕޭނު ޖަލްސާތަކުގައި މި ސަރުކާރުން ހިންގަމުންގެންދާ މަޝްރޫއުތައް ކޮށްދެއްވާނެ ކަމަށްވެސް މުއިއްޒު ވައުދުވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.

މިސާލެއްގެ ގޮތުން މާރިޔާ ނެންގެވީ މުލީގައި އެއާޕޯޓެއް އަޅުއްވާނެކަމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއާޕޯޓަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ވައުދުގެ ތެރެއިން މުލީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައެވެ.

"...ފަހަރެއްގައި ވެދާނެ އަޅުގަނޑުމެން، ގާތްގަނޑަކަށް ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއްހެން ކުރަމުން މިދަނީ. އިތުރަށް ވާނެ ވައުދެއް ނެތިގެން ވައުދު ތަކުރާރުކުރައްވަނީ ކަމަށް ވެދާނެ" މުއިއްޒަށް ފާޑުކިޔަމުން މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްޑީޕީން ރައްޔިތުންނަށް ވައުދުތައް ވަމުން ދަނީ އެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ވަކި އުސޫލެއްގެ ދަށުންނެވެ. އެކަން ހުދު ޕީޕީއެމަށްވެސް އެނގޭނެ ކަމަށާއި އެމްޑީޕީން ކަންކަން ހިންގަނީ މުއިއްޒު ޕީޕީއެމުން ޕީއެންސީއަށް ބަދަލުވެވަޑައިގެންނެވި އުސޫލުން ނޫން ކަމަށް ވިދާޅުވެ މާރިޔާ ބަހުގެ ހަމަލާތައް ފޮނުއްވެވިއެވެ. މާރިޔާ އެ އިޝާރާތް ކުރައްވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމުން ޕީއެންސީއަށް މުއިއްޒު ސޮއިކުރުމާއި ގުޅުވައެވެ.

"އެކަން ނިމިގެން ދިޔަގޮތުންވެސް އެ މީހުންގެ މެނިފެސްޓޯ އެއް ނޯއްނާނެކަން އެ މީހުންގެ ތަސައްވުރެއް ނެތްކަން" ޕީޕީއެމަކީ ތަރުތީބުވެގެން ކަންކަން ހިންގާ ޕާޓީއެއް ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ. ތުހުމަތު ކުރެއްވީ މުއިއްޒަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭސީ ޔަގީންކުރީ ސެނެޓް ގަނެގެން ކަމަށެވެ. އަދި ވިދާޅުވީ ކެމްޕޭނު ޖަލްސާތަކުގައި ދައްކަވަމުން ގެންދަވަނީ އެކްޓިވިސްޓުން ވިދާޅުވާ އެއްޗެއް ކަމަށެވެ.

"ކުޑަ ރަށަކަށް އަރައިފިއްޔާ ދައްކަނީ ކުޑަރަށެއް މުހިއްމު ވާހަކަ. ބޮޑު ރަށަކަށް އަރައފިިއްޔާ ބުނަނީ ތިމަންނަމެން އިސްކަންދޭނީ ބޮޑޫ ރަށަކަށެވެ. އަސްލު ފަހަރެއްގަިއ މުއިއްޒުއަށް އެނގިވަޑައިނުގަންނަފާނެ ދެއްކޭ ނުދެއްކޭ ވާހަކައެއް،" މިނިސްޓަރު ވިދާޅުވިއެވެ.