ހުޅުމާލެއިން ގެދޮރުވެރިކަމަށް ކަނޑައަޅާފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި ކުރިން އިމާރާތް ކުރެވޭ މިންވަރަށްވުރެ އިތުރަށް ގެދޮރު އިމާރާތް ކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ.

ކުރިން ގަވާއިދުގައި ބަޔާން ކޮށްފައި އޮތީ ހުޅުމާލޭގައި ޓެރަސް އާއި އެކު 7 ފަންގިފިލާ އަށް އިމާރާތްކުރެވޭ ގޮތަށެވެ.

ނަމަވެސް ކުރިން އޮތް އޮތުން ބަދަލުކޮށް، 10 ފަންގިފިލާ އަށް އިމާރާތްކުރެވޭ ގޮތަށް މިހާރު ބަދަލުކޮށްފައެވެ. އާބަންކޯ އިން ރޭ ބުނީ އެގޮތުން 31 މީޓަރަށް މިހާރު ރެޒިޑެންޝަލް ޕޮލޮޓުތައް ހިއްލޭނެ ކަމަށެވެ.

މީގެ އިތުރުން، ޕާކިންގެ އައު ޝަރުތުތައް އިތުރުކޮށް، އިމާރާތުގެ އިމުގެ ތެރޭގައި ޕާކިން ހެދުމަށް ވަނީ ކަނޑައަޅާފައެވެ. އާބަންކޯ އިން ބުނީ އެގޮތުން، މަދުވެގެން ދެ ސައިކަލު ޕާކް ކުރާނެ ޖާގަ ކޮންމެ 2 ކޮޓަރީގެ އެޕާޓްމަންޓަކަށް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ އެއް ކޮޓަރީގެ އެޕާޓްމަންޓް އަކަށް އެއް ސައިކަލު ޕާކް ކުރާނެ ޖާގަ ކަނޑައަޅަން ޖެހޭނެ ކަމަށް އާބަންކޯ އިން ބުންޏެވެ.

އާބަންކޯ އިން ބުނީ ސައިކަލު ޕާކިންގެ ސައިޒެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 0.8 * 2 މީޓަރެވެ. އަދި ކާރު ޕާކިންގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 2.5 * 4.8 މީޓަރެވެ.

ހުޅުމާލޭގައި އިމާރާތް ކުރެވޭ މިންވަރު އިތުރު ކޮށްފައި މިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ހުޅުމާލެ އިން ވެސް ގޯތި ދޭން ނިންމާފައި ވަނިކޮށެވެ.