ކުރީގެ ރައީސް ޔާމީން ޖަލުގައި ހުންނަވަން ޖެހުމުން ކަންބޮޑުވާ ކަމަށާއި ނަމަވެސް އެމަނިކުފާނު މިނިވަން ކުރުމުގެ ބާރެއް ލިބިވަޑައިގެންފައިނުވާ ކަމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ނިމެންދެން ޖަލު ހުކުމާއި ޖޫރިމަނާގެ ފަސްކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި ދާދިފަހުން އެދިވަޑައިގަތެވެ. އެމަނިކުފާނުގެ ކިބައިން ޖޫރިމަނާ ހޯދަން ދައުލަތުން މިހާރު ވަނީ ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފައެވެ.
ހައި ކޯޓުން އެންގީ ޖޫރިމަނާގެ އަދަބު ތަންފީޒުކުރަން އެއްވެސް ފިޔަވަޅެއް ކަމާބެހޭ އިދާރާއަކުން ނޭޅުމަށެވެ. ނަމަވެސް ޖަލު އަދަބު ތަންފީޒުކުރަން އަމުރު ކުރެވޭނެ ގާނޫނީ ހަމައެއް ނެތުމުން އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެއެވެ.
ރަސްދޫގައި މިއަދު ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު ވާދަވެރިން ކަމަށްވާ ޕީޕީއެމް/ޕީއެންސީ އިން އެންމެ ކަންބޮޑުވާ އެއް ކަމަކީ ޔާމިން ޖަލުގައި ހުންނެވުން ކަމަށެވެ. އެއީ ހުދު އެމަނިކުފާނުވެސް ކަންބޮޑުވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމަކު ޝަރިޔަތުގައި ހިނގަމުންދާ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ބާރު އެމަނިކުފާނަށް ލިބިވަޑައިގެންފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ޝަރިޔަތުގެ މަރުހަލާ ނިމުމުން ގާނޫނީ އިމުގެ ތެރެއިން ކުރެވެން އޮތް ކަމެއް ކޮށްދެއްވުމުގެ އިހުތިޔާރު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
"ޝަރިޔަތެއްގެ މެދު ތެރޭގައި އޮއްވާ އެއާ ދޭތެރެއަކު ގޮތެއް ނިންމުމުގެ ބާރެއް އަޅުގަނޑަކަށް ނޯވޭ" ޔާމީންގެ މައްސަލައަށް އިޝާރާތް ކުރައްވާ ވިދާޅުވިއެވެ.
"އޭގެ ތެރެއަށް (ޝަރިޔަތަށް) އަތް ބާނާ ނުފޫޒު ފޯރުވަން އަޅުގަނޑަށް މަޖުބުރުކުރުން. އެކަމެއް އަޅުގަނޑު ނުކުރާނަން" ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ދެއްވި ޔަގީންކަމަކީ ޝަރުއީ ދާއިރާ ހިންގަނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއި އެކުކަމެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ