މަސްތުވާތަކެތީގެ މައްސަލާގައި މަރުގެ އަދަބު ދިނުމަކީ އެއީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް ވިދާޅުވެ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ޑްރަގު މައްސަލާގައި މަރުގެ އަދަބު ތަންފީޒުކުރަން ގޮވާލަމުންދާ ގޮވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދުދެއްވައިފިއެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ ޑްރަގު އެތެރެކުރާ ބޯޓުތަކަށް ކަނޑުމަތިން ބަޑިޖަހާ ފައްތާލާނެ ކަމަށާއި ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނެ ކަމަށް އުމަރު ނަސީރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އެމްއެންޕީގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނާޒިމްވެސް ވަނީ ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ނާޒިމު ވިދާޅުވެފައިވާ ގޮތުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ މަސްތުވާތަކެތި ވަންނަ ދޮރުތައް ބަންދުކޮށްގެން އަދޮ އެތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި އަދަބުވެސް ދީގެންނެވެ.
އެމްޑީޕީގެ ޒުވާނުންގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް މިރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންގެ އަދަދު ރާއްޖޭގައި ގިނަ ކަމަށާއި މަސްތުވާތަކެތީ ބޭނުންކުރާ މީހުންނާ އެމީހުންގެ އާއިލާތަކުން ތަހައްމަލު ކުރަމުންދާ ހިތްދަތިކަމަކީ އަބަދުވެސް އަޑު އަހަމުންދާ ވާހަކަތަކެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ޒުވާނުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ހަރުކަށި ފިޔަވަޅުތަކަށްވުރެ ބޮޑަށް ގެންގުޅެންވީ "ކުލުނުވެރި އެޕްރޯޗް" އެއް ކަމަށެވެ. އެކަން ކުރާނީ ޑްރަގުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އޯގާތެރިކަމާއި އެކު ރިހިބެލިޓޭޝަންގެ ފަރުވާ ފަހިކޮށްދީގެން ކަމަށާއި އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވޭ މަރަންވީއޭ، ބޮޑެތި އަދަބު ދޭންވިއްޔޭ، ނޫން އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ އެޕްރޯޗްއަކަށް ވާންވީ ކުލުނުވެރި އެޕްރޯޗް" އުމަރާ ނާޒިމްގެ ނަން ނުގެންނަވައި ބައެއް ސިޔާސީ ބޭފުޅުން މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދިނުމަށް ގޮވާލާ ގޮވާލުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ޑްރަގު ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދިނީ އަތޮޅު ތެރޭގައި ޑްރަގު ރިހެބިލިޓޭޝަން ފެށުން ކަމަށާއި މިހާރު ބައެއް ސަރަހައްދުތަކުގައި އެ ހިދުމަތް ދެމުންދާ ކަމަށެވެ. އެކަމަކު މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ހައްލެއް ނުލިބޭ ކަމަށް ވިދާޅުވިއެވެ.