ރައްޔިތުންނަށް ވައުދުވެ އެ ވައުދު ފުއްދުމުގެ ރިކޯޑް އޮތީ މި ސަރުކާރުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ ނ. ހެނބަދޫ އަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެ ރަށަކީ މީގެ ކުރިން އަސާސީ ގިނަ ހިދުމަތްތަކެއް ނުލިބޭ ރަށެއްކަމަށާއި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހެނބަދޫ އަށް ގިނަ ވައުދުތަކެއް މި ސަރުކާރުން ވެފައިވާ ކަމަށެވެ.
ކުރީގެ ސަރުކާރުތަކުން ކަންކޮށްފައި އޮތް ގޮތުން ރަށަށްވީ ވައުދުތައް ފުއްދައިދޭނެ ކަމަށް ގަބޫލުކުރަން އެ ރަށު ރައްޔިތުންނަށް ދަތިތަކެއްވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރަކީ ވާ ވައުދުތައް ފުއްދައިދޭނެ ސަރުކާރެއްކަމުގެ ޔަގީންކަން ރައްޔިތުންނަށް މިއަދު ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުރީ އިންތިހާބުގައި އެމްޑީޕީއަށް 48 ޕަސެންޓް ހެނބަދޫ އިން ލިބުނުއިރު މި ފަހަރު 70 އިންސައްތަ ވޯޓު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ސަބަބަކީ ހެނބަދޫގެ ރައްޔިތުންވެސް ބޭނުންވީ ޓެސްޓުކޮށް ނިމިފައި އޮތް ސަރުކާރެއް ކަމަށާއި އެކަމުގެ ރެކޯޑް އޮތީ މި ސަރުކާރުގައި ކަމަށެވެ.
"އެކަމުގެ ރިކޯޑް (ވައުދުވެ ވައުދު ފުއްދާ ސަރުކާރު) އޮތީ އަޅުގަނޑުމެންގެ އަތުގައި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތްކުރަން ވާނީ މަޝްވަރާއާ އެކު ކަމަށާއި ތަފާތު ހިޔާލުގެ މީހުންނާއެކު މަޝްވަރާއާއެކު ކަމަށެވެ. ވެރިކަމުގައި މަސައްކަތްކުރަން ޖެހޭނީ ހުރިހާ ރައްޔިތުންނަށް ވެސް އޭގެ ފައިދާ ލިބޭގޮތަށް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން އަމަލުކުރަމުން ދަނީ އެގޮތަށް ކަމަށެވެ. ވަކި ރަށަކަށް ތަފާތު ކުރުމެއް ނެތި ކަމަށެވެ.
ދެވަނަ ދައުރެއްގައި ހެނބަދޫ ގައި ބިން ހިއްކުމުގެ މަސައްކަތާއި، ހުކުރު މިސްކިތެއް ގާއިމްކުރުމުގެ އިތުރުން ބޮޑެތި މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީ ކުރައްވަން ރައީސް ވައުދުވެވަޑައިގެންނެވިއެވެ. ކައުންސިލް އިދާރާ އާއި ކޯޓު އެއް ފުރާޅެއްގެ ދަށުން ހިންގޭ ގޮތަށް އޮފީސް ކޮމްޕްލެކްސް އެއް އެ ރަށުގައި އެޅުމުގެ އިތުރުން 24 ގަޑިއިރަށް ސިއްހީ މަރުކަޒުގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.