ސިޔާސީ ވާހަކަ ދައްކަވަން މިހާރު ބޭނުންފުޅުނުވާ ކަމަށާއި އެކަން ނިމިފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އާރަށް މައްސަލާގައި މަނީލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރި ކަމުގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެމަނިކުފާނު ވަނީ ހައި ކޯޓުގައި އެދިވަޑައިގެންފަ އެވެ.
އެ މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ޔާމީން ވިދާޅުވީ ސިޔާސީ ވާހަކަ ދައްކަން އެ މަނިކުފާނު މިހާރު ބޭނުންފުޅެއް ނޫނެވެ. އެކަން މިހާރު ވަނީ ނިމިފައި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ނެތިން ސިޔާސީ ވާހަކަ ދައްކާކަށް. އަޅުގަނޑު މިއީ އެ ފުރުސަތު ދޫކޮށްލައިގެން ހުރި މީހެއް." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ މި ވަގުތު ގެއަށް ދޫކޮށްދެއްވުމަށާއި އިހުސާންތެރިވުމަށް އެދިވަޑައިގެންފަ އެވެ.
"ޖިސްމާނީ ގޮތުން އަޅުގަނޑުގެ ނުކުޅެދުންތެރިކަން އެބަހުރި. މި ހުރީ އެންމެ ޒުވާން އުމުރެއްގައެއް ނޫން. އަޅުގަނޑަށް ކުރަން ޖެހޭ ކަސްރަތުތައް މި ވަގުތު ކުރުން ވަނީ މަނާވެފައި. އަޅުގަނޑު ޖެހެނީ މޫދަށް ދާން، އެކަމަކު މާފުށި ހިއްކާތީ އެކަމަށް ހުއްދައެއް ނުލިބޭ،" ޔާމީން ވިދާޅުވި އެވެ.
ސިއްހީ މައްސަލަތަކެއް ހުރިނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ނުވެ ހުންނެވީ އާއިލާއަށްޓަކައި ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޖަލު ހުކުމްގެ އިތުރުން ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކުރުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ. އެ މަނިކުފާނަކީ ވަކި ފަރުދެއް ކަމާއި ދެކޮޅަށް އޮތީ ދައުލަތް އޮތް ގޮތަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ފަރާތްޕުޅުން ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދިފައިވީ ނަމަވެސް، ދައުލަތުން ގަބޫލުކުރާ ގޮތުގައި އެއީ ގާނޫނީ ނިޒާމުގެ ތެރޭގައި އޮތް ކަމެއް ނޫނެވެ.
އެ މައްސަލާގެ އަޑުއެހުން ހައި ކޯޓުގައި މިހާރު ކުރިއަށް ދާއިރު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ގެއްލިފައެވެ. އޭގެ ބަދަލުގައި ޕީޕީއެމާއި ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސައިފަ އެވެ.