އެމްޑީޕީގެ ޕްރައިމަރީގެ ނަތިއްޖާއެމެދު ހިތްހަމަ ނުޖެހިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ދަ ޑިމޮކްރެޓްސް" ވެސް އެމްޑީޕީއާ އެކު މަސައްކަތްކުރަން ބޭނުންނަމަ އެ ފުރުސަތު އަދިވެސް ހުޅުވިފައި އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
"އަޅުގަނޑުމެން ރުޅި އައިސްގެނެއް ނޫން އެއްވެސް ބަޔަކު ދުރަށް ޖެހިފައިވަނީކީ، ރައީސް ސޯލިހަކީ ހުރިހާ ރައްޔިތުންނަށް މަރުހަބާ ވިދާޅުވާ ބައެއް. ޑިމޮކްރެޓެއް ޕީޕީއެމެއް ނޯއްނާނެ" ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސްފިނަމަ ޑިމޮކްރެޓުންނާއެކު އެމްޑީޕީން މަސައްކަތްކޮށްފާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހުގެ ތަރުޖަމާނު މާރިޔާ ވިދާޅުވިއެވެ.
އެ ސުވާލު މާރިޔާއަށް އަމާޒުކުރެވުނީ ފުވައްމުލަކުގައި ޑިމޮކްރެޓުގެ ކެނޑިޑޭޓު އިލްޔާސް ލަބީބްއަށް ތާއިދު ހޯއްދެއްވުމަށް ބޭއްވި ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. "ދެ ވަނަ ބުރެއްގައި ޑިމޮކްރެޓުން އެމްޑީޕީ އަށް ވޯޓު ދޭންޖެހޭ ގޮތެއް އެ ބުރުގެ ކަންތައް ތިޔަ ބޭފުޅުން ނުބާއްވަވާތި. މިއަދު ޕީޕީއެމް އަށް އެކަން އެ ގޮތަށް ކޮށްދެވެން އެބަ އޮތް. ތިޔަ ބޭފުޅުންގެ ތާއިދު ވެސް ބޮޑު. މެންބަރުންގެ އަދަދު ވެސް ގިނަ. މަގުބޫލުކަން ވެސް މި ރާއްޖޭގައި މިއަދު އެބަ އޮތް" އިލްޔާސް ދެވަނަ ބުރަކަށް ނުދާނެ ކަން އެނގިވަޑައިގަންނަވާ މޭރުމަކުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވެއެވެ.
މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ ހުރިހާ ރައްޔިތުންނަށް މަރުހަބާ ކިޔާ ބައެއް ކަމަށާއި އެއްވެސް ބަޔަކަށް އެކު ގުޅިގެން މަސައްކަތްކުރަން އެ ޕާޓީން ނޫނެކެ ބުނެފައެއް ނުވާނެ ކަމަށެވެ. އެހެންކަމަށްވާނާމަ ދެވަނަ ބުރެއްގައި ޑިމޮކްރެޓްސްއާއެކުވެސް މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާ މާރިޔާ ހިސާބު ޖެއްސެވި ގޮތުންނަމަ އެއް ބުރުން އެމްޑީޕީން އިންތހާބު ކާމިޔާބުކުރާނެއެވެ.
"އަޅުގަނޑުމެންނަށް މި ލިބޭ ރެސްޕޮންސްތަކުން އަޅުގަނޑުމެންނަށް ފެންނަނީ އެއްބުރުން އަޅުގަނޑުމެން އިންތިހާބު ނަގާތަން. ދެވަނަ ބުރަކާއި ޖެހުނީމަ ނޫނީ އެކަމާއި ފިކުރު ކުރަން ޖެހޭ ހާލަތެއްގައި ނޫން އަޅުގަނޑުމެންގެ ކެމްޕޭނު މިހާރު ދާއިރު ފެންނަނީ" އެމްޑީޕީން އަށް އިންތިހާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
އެމްޑީޕީން ޑިމޮކްރެޓުންނާ ގުޅޭ މެމްބަރުން އިތުރުވަމުންދާ ކަމަށް އެ ޕާޓީން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ އެމް އެފަދަ ކަމެއް މާބޮޑަށް ފާހަގަވެފައިނުވާ ކަމަށެވެ.