އިންތިހާބުގައި ވާދަ ކުރެވޭކަށް ނެތްކަން އެނގިއްޖެއެވެ. ހުރިއްޔާ ހުރި ދޮރެއް ބަންދުވެއްޖެއެވެ. އެކަމަކުވެސް ގޮތް ދޫ ކުރައްވާކަށް ނުވިސްނަވައެވެ. ޕާޓީގެ ލީޑާޝިޕަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން އިރުޝާދު ދެއްވަމުން ގެންދަވަނީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވެން ނެތުމުން ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރުމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވިއިރު ހުދު އެމަނިކުފާނު އަންގަވައިގެން ޕީއެންސީން ކެންޑިޑޭޓަކު ވަނީ ކަނޑައަޅައިފައެވެ. އެކަމަކު އެކަން އެހެން ވާން ޔާމީން މިހާރު ބޭނުންފުޅެއް ނުވެއެވެ.

މާޒީ އަށް ނަޒަރު ހިންގާލާއިރު ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް، ޑިއާރްޕީ އުފެއްދެވީ އެމްޑީޕީއާ ނުވަތަ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދައަށެވެ. އެމަނިކުފާނަށް އޭރު އޮތް ސަޕޯޓަކީ ރައީސް މުހައްމަދު ނަޝީދު ނެގުމަށްފަހު އޭރު އިތުރު އެހެން ސިޔާސީ ލީޑަރަކަށް އޮތް ސަޕޯޓެއް ނޫނެވެ. ނަމަވެސް އަރިސް ބޭފުޅުންކޮޅެއް ގޮވައިގެން މައުމޫން އުފެއްދެވި ޑީއާރްޕީގެ ރަން ޒަމާނުގައި ދިމާވީ ބަޔަކު ހީވެސްނުކުރާހާ ކަންތައްތަކެވެ. ޕާޓީ ދެބައިވީއެވެ. ދެ ފެކްޝަނެއް އުފެދުނީއެވެ. ސިޔާސީ މިތުރުން ކަމަށްވާ ތަސްމީނު އަލީއާ މައުމޫނާ ހަތުރުންނަށްވީއެވެ. ޒެޑް ޑީއާރްޕީއާ އާއި އަސްލު ޑީއާރްޕީއެވެ. އަސްލު ޑިއާރްޕީ އަކީ ކޮބައިކަން ނޭނގޭ ހިސާބަށް ކަންކަން ދިޔައެވެ. ތަސްމީނު ކަންކަން ކުރަމުން ގެންދިޔައީ ހިތުހުރި ގޮތަށެވެ.

ތަސްމީނު، ޑީއާރްޕީގެ ލީޑާޝިޕާ ހަވާލުވެވަޑައިގެންނެވި ފަހުން މައުމޫނުގެ ބަސް ޕާޓީ ތެރޭގައި ވިކޭގޮތެއް ނުވިއެވެ. ޑިއާރްޕީގެ ޒައީމު އެ ޕާޓީއަށް ބާރު ނުފޯރުވޭ ބޭފުޅަކަށްވެ އެންމެ ފަހުންގޮސް ޖެހުނީ ޕާޓީ ދޫކޮށްލައްވަންށެވެ. އެ ކޯޅުންގަނޑުގެ ތެރެއިން މައުމޫނު އުފަންކުރުވީ ޕީޕީއެމްއެވެ. އާ އަޒުމުއްގައި އާ ރޫހެއްގައި މައުމޫނު އުފެއްދެވި ޕާޓީން އެމަނިކުފާނުގެ "ބްލެސިން"އާ އެކު ކޮއްކޯފުޅު ޔާމީން ވެރިކަމަށް ވަޑައިގެންނެވީއެވެ. އެ ބްލެސިން މާ ގިނަ ދުވަހަށް ދެމިގެން ނުދިޔައެވެ. ޔާމީން ކަންކުރައްވާ ގޮތާއި މެދު މައުމޫނު ހިތްހަމަޖެހިވަޑައެއް ނުގަތުމުން އެ ޕާޓީވެސް ދެ ފެކްޝަނަކަށް ބެހުނީއެވެ. ދެ ފެކްޝަންގެ ކޯޅުން ބޮޑުވަމުން ގޮސް އެންމެ ފަހުން ޕާޓީން މައުމޫން ބޭރު ކޮށްލިއެވެ.

މައުމޫނުގެ ވާހަކަ ބާއްވަމާ ހިނގާށެވެ. އެކަމަކު އެމަނިކުފާނުވެސް ހިމެނިވަޑައިގަންނަވާ މި ސަރުކާރުގެ އެމްޑީޕީއަށް ވެސް ވީ މީގެ ކުރިން ޑިއާރްޕީއާ ޕީޕީއެމަށްވީ ހެންނެވެ. ރައީސް ސޯލިހާ ނަޝީދުގެ ކޯޅުމެވެ. ނަޝީދަށް ރައީސް ކަންކުރައްވަމުން އައި ގޮތް ކަމަކު ނުދިޔައެވެ. އުފެދުނީ ނަޝީދު ފެކްޝަނަކާއި ރައީސް ސޯލިހުގެ ފެކްޝަނެކެވެ.

އެ "ބެޓްލް" ގައި ކާމިޔާބު ހޯދީ ރައީސް ސޯލިހުއެވެ. ޕްރައިމަރީގައި ނަޝީދު ބޮޑު ތަނުން ބަލިކޮށްގެންނެވެ. އެ ނަތީޖާ އަކީ ނަޝީދަށް "ހަޖަމު" ކުރެވުނު ނަތީޖާއަކަށް ނުވިއެވެ. އަދި ގޮތް ދޫ ކުރައްވާކަށް ބޭނުންފުޅެއް ނުވިއެވެ. ރައީސްގެ ފަހަތްޕުޅައް އަރުއްވަން ބޭނުންފުޅު ނުވިއެވެ. ހުރިހާ ގޮތަކުން ސަރުކާރަށް ޖެއްސުން ކުރަމުން ގޮސް އެންމެ ފަހުން އެމްޑީޕީން ބާކިވިކަން ނަޝީދަށް ވިސްނިވަޑައިގެންވުނުން އެޕާޓީން ވަކިވީއެވެ. އެއާއެކު އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންކޮޅެއް ގޮވައިގެން ދާދީ އިހަކަށް ދުވަހު އުފެއްދެވީ "ދަ ޑިމޮކްރެޓްސް" ނަމަކަށް ކިޔާ ސިޔާސީ ޕާޓީއެކެވެ.

މި ހުރިހާ ކުޅިވަރެއް ބަލަން އިންނެވި ޔާމީނެވެ. ޖަލުގެ ތޭރިތަކުގައި ހުންނަވައިގެން ޔާމީންގެ ޕްލޭން ކުރައްވަމުން އައީ މި ފަދަ ގޮތެއް ޕީޕީއެމަށް ނުވުމެވެ. މިއީ ހަމަ ހުރެލާފައި ބުނާ ބުނެމެއް ނޫންކަން މި ދެދުވަހަކު ޕީޕީއެމުން ފެނުނު މަންޒަރު ވަރަށް ސާފެވެ. އިންތިހާބު ބޮއިކޮޓް ކުރަން ގޮވާލުން އެއީ މީގެ ސާފު ހެއްކެކެވެ. އަމިއްލަފުޅަށް ވާދަނުކުރެވޭއިރު ޕީޕީއެމުންވެސް ކެނޑިޑޭޓަކު ނެރެން ޔާމީން އެއްބަސްނުވާ އެއް ސަބަބަކީމިއެވެ.

"ރައީސް ޔާމިން ބޭނުންފުޅު ނުވާނެ އެހެން މީހަކު ޕީޕީއެމުން ނިކުންނަން. ރައީސަށް ފެނިވަޑައިގެންފައި ހުރީ މާޒީގައި ކަންކަން ވެފައި ހުރި ގޮތް. އެމަނިކުފާނަކީ ފަސް އަހަރުގެ ވެރިކަމެއް ކުރައްވާފައި ވަރަށް ގިނަ ތަރިކަތަކެއް ލެގަސީއެއް ދޫކުރައްވާފައި ވަޑައިގެންނެވި ބޭފުޅެއް. އެހެންވީމަ ރައީސްގެ އެ ލެގަސީ ނެތި ދާނެ ކަމުގެ ބިރު ރައީސަށް އޮންނާނެ، ޕީޕީއެމް/ޕީއެންސީގެ ތެރެއިން އެހެން ކެންޑިޑޭޓަކު އިންތިހާބަށް ނިކުމެއްޖެ ނަމަ،" މައްސަލައިގެ ގޮތުން ނަން ހާމަނުކުރަން ޝަރުތުރުކޮށް ވާހަކަ ދެއްކެވި ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅަކު ވިދާޅުވިއެވެ.

"ރައީސް ޔާމީން ޕީޕީއެމްއާ ހަވާލުވި ފަހުން ރައީސް މައުމޫންގެ ވާހަކަ ދެއްކިތޯ. އެމަނިކުފާނު ރާއްޖެ އަށް ގެނެސްދިން ތަރައްގީގެ ވާހަކަ ދައްކަނީ މިއަދު ކޮން މީހަކުތޯ. ނުދައްކާނެއެކޭ ނޫން އެކަމަކު ވެސް އެމަނިކުފާނުގެ ސިޔާސީ ހަޔާތް ޕީޕީއެމް އިން ބޭރުކުރި ހިސާބުން ފަނޑުވެ ނިވެމުން އެ ދަނީ،"

މި ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅާގެ އިތުރުން އެހެން ބޭފުޅުންވެސް ވިދާޅުވާ ގޮތުންނަމަ ޕީއެންސީން ކެނޑީޑޭޓަކު ނެރުމަކީވެސް ޕީޕީއެމް އަތުން ދޫވެގެން ހިނގައިދާނެތީވެ އެމަނިކުފާނު ކުރެއްވި ކަމެކެވެ. ޕީޕީއެމް/ޕީއެންސީ ސެނެޓުގެ ތާއިދު މާލޭ މޭޔަރު ޑރ މުހައްމަދު މުއިއްޒު އޮތްކަން ޔާމިނަށްވެސް އެނގިވަޑައިގަންނަވައެވެ. އެކަމާއި އެމަނިކުފާނުވެސް ފަސްޖެހިވަޑައިގަންނަވައެވެ. މީގެ ކުރިން މައުމޫނުގެ ފަރާތުން ދިމާވި "ތުރާތައް" ޔާމިން ހަނދާނުގައި ހުންނާނެއެވެ.

އީސީގެ ދަފްތަރުގައިވާ ގޮތުންނަމަ ޕީއެންސީގައި ތިބި 3159 މެމްބަރުންނެވެ. އަދި ޕީޕީއެމް ދަފްތަރުގައި ތިބީ 38701 މެމްބަރުންނެވެ. މި ދެ ނަންބަރުން އުފެދޭ ސުވާލަކީ މުއިއްޒު އަށް އޭނާގެ ދަށަށް ޕީޕީއެމް ގެނެވިދާނެ ހެއްޔެވެ؟ ނޫނީ ޕީޕީއެމުން މުއިއްޒު ފަހަތަށް އަރާފާނެއް ހެއްޔެވެ؟ އެހެންވެއްޖެނަމާ ޔާމީނަށް ޕާޓީ އަތުން ދޫވުމުގެ ފުރުސަތު ބޮޑެވެ.