ބޮޑު ޗުއްޓީ އަށް ފަހު ސްކޫލުތަކުގެ ކިޔެވުން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދިރާސީ އަހަރު ފެށީ 84،000 އަށްވުރެ ގިނަ ދަރިވަރުންނާއެކުގައި ކަމަށާއި ސަރުކާރުގެ 216 ސްކޫލްގައި 73,000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރާނެ ކަމަށެވެ. އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ.
މިނިސްޓްރީން ބުނީ މިއަހަރު ގްރޭޑް އެކެއް ގައި 7000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަން ފަށާއިރު މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް އެކަކަށް 2491 ދަރިވަރުން ވަނީ އެންރޯލް ކޮށްފައެވެ.
އެޑިއުކޭޝަނުން ބުނީ ސަރުކާރުގެ އެއް ދަންފަޅިއަށް ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ސިޔާސަތާ އެއްގޮތަށް މި އަހަރު 156 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށާއި އަދި ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ސްކޫލެއްގައި ކިޔަވައިދޭނެއ ކަމަށެވެ.
"އެއީ ވ. ތިނަދޫ ސްކޫލު ރަކީދޫ ސްކޫލް، ފެހެންދޫ ސްކޫލް، ފުޅަދޫ ސްކޫލް ކޮނޑޭ ސްކޫލް އަދި ދިއްދޫ ސްކޫލް".
މިނިސްޓްރީން ބުނީ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އާއި ސްކޫލްތަކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމު ގެ މަސައްކަތް މިހާރު ވަނީ ނިމިފައިވާ ކަމަށާއި އަދި ދިރާސީ އަހަރަށް ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންވެސް ހަމަވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މި އަހަރު ސަރުކާރު ސްކޫލްތަކުގައި ދިވެހި 6516 މުދައްރިސުންނާއި 1843 ބިދޭސީ މުވައްޒަފުން މަސައްކަތްކުރާނެއެވެ.
އެގޮތުން މިދިޔަ ފަސް އަހަރެއްހާ ދުވަސްތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކްލާސްރޫމާއި ހޯލް އަދި އެހެނިހެން ވަސީލަތްތައް ހިމެނޭހެން ޖުމްލަ 63 މަޝްރޫއުގެ މަސައްކަތް ނިމި ބޭނުންކުރަން ވަނީ ފަށާފައެވެ. އޭގެ ތެރޭގައި 265 ކްލާސްރޫމާއި 20 މަލްޓިޕާޕަސް ހޯލާއި 72 އެހެނިހެން ވަސީލަތްތައް ހިމެނޭ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ރާއްޖޭގެ އެކި ސްކޫލްތަކުގައި މިހާރުވެސް 800 ކްލާސްރޫމާއި 47 މަލްޓިޕަރޕަސް ހޯލް އަދި 192 އެހެނިހެން ވަސިލަތްތައް ހިމެނޭހެން ޖުމްލަ 109 މަޝްރޫއެއް ކުރިއަށް އެބަދާ ކަމަށާއި 2023-2024 ވަނަ ދިރާސީ އައު އަހަރާ އެކު މާލޭ ސަރަހައްދުގައި އިމާރާތްކުރަމުންދާ ތިން ސްކޫލެއްގެ މަސައްކަތް ނިމި ބޭނުންކުރަން ފަށާނެ ކަމަށެވެ.
އެއީ ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތާއި ސެންޓަރ ފޮރ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަންގެ އައު އިމާރާތް އަދި ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ސަލާހުއްދީން ސްކޫލެވެ.