ސިޔާސީ އެހެން ބޭފުޅުންނާ ހިލާފަށް ހަރުކަށިކަމާއި ގަދަކަން ދެއްކުމަކީ ޑރ. މުހައްމަދު މުއިއްޒުގެ ސިފައެއް ނޫނެވެ. ނަމަވެސް ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަނި ގޮތަކަށް މުއިއްޒު ހޯއްދެވީ ޕީޕީއެމްގެ އެތެރޭގައި ވަރަށް ގަދަކަނޑެއްގައި ފެތުމަށްފަހުއެވެ.
އޭނާގެ ސިޔާސީ ހަޔާތް ފެށުނީ އަދާލަތު ޕާޓީންނެވެ. އެ ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް 2012 ވަނަ އަހަރު ވެރިކަން ބަދަލުވުމުން ހައުސިން މިނިސްޓަރުކަން ލިބިވަޑައިގަތެވެ. އަދި 2013 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި އަނެއްކާވެސް އެ މަގާމު ހޯއްދެވުމަށްޓަކައި އަދާލަތު ޕާޓީ ދޫކޮށް އެމްޑީއޭއާ ގުޅިވަޑައިގަތެވެ.
ޔާމީންގެ ވެރިކަމުގައި މުއިއްޒު އެމްޑީއޭގެ މެމްބަރަކަށް ހުންނެވި ނަމަވެސް އޭނާއަކީ އޭރު ޕީޕީއެމްގެ ބޭފުޅެކެވެ. އަދި 2018 ގެ ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ޔާމީނާ އެކު ކޯލިޝަން ނުހަދަން ނިންމި ހިސާބުން މުއިއްޒު އެމްޑީއޭއާ ދުރަށް ޖެހިވަޑައިގަތެވެ. އަދި އިންތިހާބު ނިމުމާ އެކު ޕީޕީއެމްއާ ގުޅިވަޑައިގަތެވެ.
މަޑުމައިރިތި ބޭފުޅެއް ނަމަވެސް ސިޔާސީ އެހެން ބޭފުޅުންނާ އެއްގޮތަށް މުއިއްޒުގެ މައްޗަށް ވެސް ގިނަ ތުހުމަތުތަކެއް ކުރެވި އަދި ގިނަ ފާޑުކިޔުމާ އަމާޒުވިއެވެ. 2018 ގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވާ އޭރުގެ ސަރުކާރުން ބޭނުންވި ބަޔަކަށް ހިޔާ ފްލެޓްތައް ބަހާލި ވާހަކަ އާއި ވުޖޫދުގައި ނެތް ފްލެޓްތަކެއް ދިނީ ކަމަށް ބުނެ ލިޔުންތަކެއް ހަވާލުކުރިއެވެ.
މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލު ނުކުރެވުމާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ކަންކަން ކުރުންފަދަ ތުހުމަތުތަކެއް ކުރެވުނެވެ. މިކަމާ ހެދި މުއިއްޒުއަށް އޭރު އެކި ނަންނަމުން ވެސް އިދިކޮޅު ފަރާތްތަކުން ގޮވަމުންދިޔަ އެވެ. އަދި މަޝްރޫއަކާ ގުޅިގެން ރާއްޖެއިން ބޭރުގެ ކުންފުންޏަކާ އެއްކޮޅަށް އާބިޓްރޭޝަނެއްގައި ދޮގު ބަޔާނެއް މުއިއްޒު ދެއްވިކަމުގެ ތުހުމަތު ކުރެވި ދައުވާ އުފުލުނެވެ. ނަމަވެސް އެ ދައުވާ މިދިޔަ އަހަރު ނިމުނީ ސާބިތުނުވާ ކަމަށެވެ.
ޕީޕީއެމްގެ ހިތްމަރުވެ, އިދިކޮޅު ހަރަކާތްތައް އެއްކޮށްހެން ހުއްޓިފައި އޮއްވާ 2021 ވަނަ އަހަރު އެ ޕާޓީއަށް ދިރުން ގެނެސްދިނީ މުއިއްޒެވެ. ޒަމާންތަކެއް ވަންދެން އެމްޑީޕީގެ ކޮންޓްރޯލް އޮތް މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި އެ ކައުންސިލްގެ އަގުލަބިއްޔަތު ޕީޕީއެމުން ނެގީ މުއިއްޒުގެ އިސް ނެގުމުގެ ދަށުން ކުރި ކެމްޕެއިނުންނެވެ. ނަމަވެސް ރިޔާސީ ޓިކެޓަށް އޭނާ ޝައުގުވެރިވެ ވަޑައިގަތް ހިސާބުން މައްސަލަ ގޯސްވީއެވެ. ޔާމީނަށް އެރުވި ރިޔާސީ ޓިކެޓް މުއިއްޒު އަތުލަން އުޅޭކަމުގެ ތުހުމަތާ ހެދި މުއިއްޒުގެ އަރިސް ބޭފުޅުންގެ މައްސަލަ ޕާޓީން ބަލަން ފެށިއެވެ.
އިންތިހާބު ކައިރިވާއިރު ޕީޕީއެމްގެ ސެނެޓް ތެރެއިން ޔާމީންގެ ރިޔާސީ ޓިކެޓް މުއިއްޒު އަތުލަން އުޅޭކަމުގެ ތުހުމަތު ކުރެވުމުން ޔާމީންގެ އެންގެވުމަށް މުއިއްޒުގެ "ބޮލުގައި ބަޑި ޖައްސައިގެން" ޓީވީ ޕްރޮގްރާމެއްގައި އޭނާ ލައްވާ އެކަން ދޮގު ކުރުވި އެވެ. ޕީއެންސީގެ ޓިކެޓްގައި މުއިއްޒުއަށް ކުރިމަތިލުމުގެ ފުރުސަތު ލިބިވަޑައިގަތީ އިތުރު ގޮތެއް ނެތިގެންނެވެ.
ޖަލު ހުކުމެއްގެ ސަބަބުން ޔާމީނަށް އިންތިހާބުގެ ފުރުސަތު ބަންދުވެފައި އޮތްއިރު މުއިއްޒަކީ މިހާރު އިދިކޮޅު ރިޔާސީ ކެންޑިޑޭޓެވެ. މިއީ މާޔޫސްވެފައި ތިބި ޕީޕީއެމްގެ މެމްބަރުންނަށް ލިބުނު ހިތްހަމަޖެހުމެކެވެ.