ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީންގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒު ކަމަށްވާ ދަރުބާރުގޭގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޔާމީންގެ ކެންޑިޑޭސީ ފޯމު އީސީގެ ރައީސް ފުއާދު ތައުފީގާއި ހަވާލު ކޮށްދެއްވީ ޔާމީންގެ އިންތިހާބީ އެޖެންޓު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ތޮލާލެވެ. އަރިހުގައި ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހްމަދު ހުންނެވިއެވެ.
ޔާމީންގެ ކެންޑިޑޭސީ ފޯމް ހުށަހެޅުއްވިއިރު އެމަނިކުފާނު ގެންދަވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި، ޔާމީން ރިޝްވަތު ނަންގައި މަނީ ލޯންޑަަރިންގެ ކުށް ސާބިތުވެ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި އިސްތިއުނާފުގެ އަޑުއެހުންތައް ވެސް ވަނީ ފަށައިފައެވެ. ނަމަވެސް އެ މައްސަލާގައި ހިމެނިވަޑައިގަންނަވާ ބައެއް ފަނޑިޔާރުން ޗުއްޓީ ނެންގެވުމާއެކު އެ މައްސަލަ އޮތީ މަޑު ޖެހިފައެވެ.
ހައިކޯޓުގައި އެ މައްސަލަ މަޑުޖެހި، އެ މައްސަލައާ މެދު ގޮތެއް ނުނިމި އޮތް އޮތުމުން ޔާމީނަށް އިންތިހާބުގައި ވާދަ ކުރެވިދާނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ޔާމީން އިއްޔެ ވަނީ ޕީޕީއެމް އާއި އެއް ލީޑާޝިޕެއްގެ ދަށުން ހިންގަމުން އަންނަ ޕީއެންސީ އިން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ލަފާ އަރުވައިފައެވެ. އަދި ނެރެން ބޭނުންވާ ފަރާތްތަކުގެ ނަންތަކެއް ޔާމީނަށް ފޮނުއްވައި ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގެ ޝަރުތުތައް:
-
ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބުކުރާ މީހެއްގައި ހުންނާންވީ ށަރުތުތައްރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުކުރެވޭ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.
(ށ) މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
(ނ) ޢުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކުކަމުގައިވުން.
(ރ) ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.
(ބ) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.
(ޅ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިންއަހަރު ވެފައިވާ މީހަކު ކަމުގައިވުން.
(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްކަމުގައިވީ ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ށަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.