ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއެކު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް "ފިތިގެން" ދިޔަ ކަމަށާއި އެކަމަކު އެވަގުތު ވެސް ރައީސްގެ ގައިކޮޅުން އައީ މާމުއި ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
"...އަޅުގަނޑުމެން ފިތިގެން ދިޔަ ވަގުތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފިތިގެން ދިޔައީ. ފިތިގެން ދިޔަ ވަގުތު އެމަނިކުފާނުގެ ގައިން އައީ ކޯއްޗެއްތޯ؟ މާމުއި!" ފުވައްމުލަކު ސިޓީގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައި އެތައް ބަޔަކަށް މުސާރަ ދެވޭނެ ގޮތެއް ވެސް ނެތިގެން އުޅެން ޖެހުނު ކަމަށެވެ. އެކަމުން އަރައިގަނެވުނީ ސަރުކާރުން ވިޔަފާރިތަކަށް ދިން އެހީތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އަދި ވަޒީފާ ގެއްލުނު ފަރާތްތަކާއި ވިޔަފާރިތަކަށާއި އެނޫން ވެސް އެކިއެކި ބޭނުންތައް ޖެހިފައިވާ ފަރާތްތައް ސަރުކާރުން ކޮވިޑުގެ ތެރޭގައި ތިން ބިލިޔަން ރުފިޔާ ދިން ކަމަށް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ރައީސް ސޯލިހާ އެކު މަޖިލީހުގައި 20 އަހަރު ހޭދަ ކުރެވިފައިވާ ކަމަށެވެ. އެމަނިކުފާނަކީ ބަސް މަދު އަހުލާގު ރަނގަޅު ބޭފުޅެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އޭރުވެސް ޕާލަމެންޓުގައި ފުންމަފުންމައިގެން އެމަނިކުފާނު އަރިހަށް ދާނެ. ރުޅިވެސް އަންނާނެ. ހަޑި އެއްޗެހި ވެސް ކިޔާ. އެމަނިކުފާނު ދުވަހަކު ވެސް މީހަކާ ދިމާލަށް ހަޑިއެއްޗެއް ނުބުނޭ. ރުޅިއެއް ވެސް ނާދޭ،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ރައީސް ސޯލިހު ވަނީ ދިވެހިންނަށް ކުރިމަތިވި އެތައް ދަތި ހުރަސްތަކެއް ނައްތާލަ ދެއްވާފައި ކަމަށެވެ. އެމްޑީއޭ އިން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކުރިއަށް ދިއުމަށް ނިންމީ އެފަދަ އެތައް ސަބަބުތަކަކާ ގުޅިގެން ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.
"ދެން އަޅުގަނޑުމެންވީ އެހެން ބޭފުޅަކު ޓެސްޓު ކުރަން. ޓެސްޓުކޮށް ޓެސްޓުން ފާސްވެފައި ހުރި ބޭފުޅަކާއެކު ކުރިޔަށް ދިއުން މާ ރަނގަޅެއް ނޫންތޯ،" މަޝްހޫރު ވިޔަފާރިވެރިޔާ ސަން ސިޔާމް ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ސިޔާމް އެންމެ ބޮޑަށް ތާއީދު ކުރައްވާ ސަބަބަކީ ކޮވިޑުގެ ދަތި އުނދަގޫ ހާލަތުން ހީވެސް ނުކުރާ ފަދަ ގޮތަކަށް ރާއްޖެ ކޮޅަށް ޖެހުމުގައި ރައީސް ގެންގުޅުއްވި ތަސައްވަރެވެ. ކެމްޕެއިންގެ އެކި ޖަލްސާތަކުގައި ސިޔާމް އަންނަނީ އެ ވާހަކަތައް ވިދާޅުވަމުންނެވެ.
ސިޔާމް ވިދާޅުވީ މިއަދު ދިވެހިން ވިސްނަންވީ ޕޯޑިއަމް އަށް އަރާ ރަނގަޅަށް ވާހަކަ ދެކެވޭ ބޭފުޅަކު ވެރިކަމަށް ގެނައުމަށްވުރެ އަމަލުން ކަންކަން ދައްކަވާ ވެރިޔަކު ރާއްޖޭގެ ވެރިކަމަށް ގެނައުން ކަމަށެވެ. ރައީސް ސޯލިހަކީ އަމަލުން ކަންކަން ދައްކުވައި ދެއްވާފައިވާ ވެރިއެއް ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.