ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ވެސް ވަޑައިގެންނެވިއެވެ.

މި ކެމްޕޭނު ދަތުރުފުޅުގައި އެ ސިޓީގެ ދޫނޑިގަމް އަވަށުގެ ފުޓްބޯޅަ ދަނޑާއި ފުވައްމުލަކު ސްކޫލުގެ މަލްޓި ޕާޕޯސް ހޯލް ރައީސް އިފްތިތާހުކޮށްދެއްވާނެއެވެ.

ފުވައްމުލަކު ފުނާޑު އަވަށުގައި ހުންނަ އެމްޑީއޭގެ ޖަގަހަވެސް ރައީސް ހުޅުވައިދެއްވާނެއެވެ. އެމަނިކުފާނު ފުވައްމުލަކުގައި ބާއްވާ ޖަލްސާ އޮންނާނީ މިރޭގެ ވަގުތެއްގައެވެ. އެކަމަކު ވިއްސާރާއިގެ ސަބަބުން ޖަލްސާ ބާއްވާ ތަން ބަދަލުވުން އެކަށީގެންވާ ކަމަށް ފުވައްމުލަކު އެމްޑީޕީން މައުލޫމާތުދެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު އަގުލަބިއްޔަތުން ކާމިޔާބު ކުރެއްވި ރައީސް ސޯލިހު އިންތިހާބަށް ކުރިމަތިލައްވަނީ ކޯލިޝަނަކާއެކުއެވެ. އެ ކޯލިޝަންގައި ހިމެނެނީ އެމްޑީޕީ، އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއެވެ. އިންތިހާބަށް ކުޑަތަން ވެފައިވާއިރު އެންމެ ގަދަޔަށް ކެމްޕޭނު ކުރައްވަމުން ގެންދަވަނީ ރައީސް ސޯލިހެވެ.

ރައީސް ސޯލިހު ވިދާޅުވާ ގޮތުންނަމަ މި ފަހަރުގެ އިންތިހާބު ދެވަނަ ބުރަކަށް ނުގޮސް ފުރަތަމަ ބުރުން ކާމިޔުބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.