ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި އާބަންކޯ ގުޅިގެން ބާއްވާ "މިނިވަން އުފާ ކާނިވާ" ހުޅުވައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ފެށި އެ ކާނިވާ ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހަށް ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވަލުގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

https://twitter.com/hdcmaldives/status/1685319357193482240?s=20

އެގޮތުން، ކާނިވަލް ގޭމް ސްޓޯލްތަކާއި ބިރުވެރި ހޮހަޅަ އާއި ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓާއި ފްލޯޓްތައް ދައްކާލުމާއި ބޭރުގެ ހުނަރުވެރިންނާއި އެކު ސާކަސް ޝޯގެ އިތުރުން ލައިވް މިއުޒިކް އާއި ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެއެވެ. އަދި ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒާ ޓެގް ގެ ހަރަކާތްތައް ހިމެނިފައިވެއެވެ.

މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމް ކުރެވިފައި ވަނީ ހުރިހާ އުމުރުފުރައެއްގެ ބޭފުޅުންނަށް ވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެންނެވެ.

އަދި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކޮށްފައިވާއިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯންއެއް ވެސް ޕާކުގައި ހުންނާނެއެވެ.

ވަނުން މުޅިން ހިލޭ މި ކާނިވަލްގައި، ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަގުރުއަތެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކިއު.އާރް ކޯޑެއް މެދުވެރިކޮށް ރަޖިސްޓާ ކޮށްލުމުން އެ ގުރުއަތުގައި ބަައިވެރިވެގެން، އުރީދޫގެ ހެޔޮ އެދުންތަކާއެކު އިންޑޮނީޝިއާގެ ބާލީއަށް ހަތް ރޭ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާއި އެކު ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.