މާލެ ސަރަހައްދުގައި މިހާރު ފެތުރެމުން އަންނަ ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މިރޭ ހުޅުމާލޭގައި ހުޅުވާ "މިނިވަން އުފާ ކާނިވާ" އަށް ޒިޔާރަތް ނުކުރުމަށް އާބަންކޯ އިން އިލްތިމާސް ކޮށްފިއެވެ.

ރޯގާއާ ގުޅިގެން އިއްޔެ ހަވީރު ހުޅުވަން އޮތް ކާނިވާ މިރެއަށް ވަނީ ފަސް ކޮށްފައެވެ. އެގޮތުން މިރޭ 20:30ގައި ކާނިވާ ހުޅުވުން އޮންނާނެއެވެ. އަދި މިރޭގެ 21:30 ގައި ހުޅުމާލޭގައި 8 މިނެޓަށް ހަވާ ވެސް އަރުވާނެއެވެ.

މިފަދަ ހަރަކާތްތަކަކީ ގިނަ އަދަދެއްގެ ބަޔަކު އެއްތަނަކަށް އެއްވަގުތެއްގައި އެއްވާނެ ހަރަކާތްތަކަކަށް ވާތީ އާބަންކޯ އިން ވަނީ ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ، އެ ހަރަކާތްތަކަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

މީގެއިތުރުންވެސް އާބަންކޯ އިން ވަނީ ކާނިވަލުގައި އުޅޭ ވަގުތުތަކުގައި އެކަކު އަނެކަކަށް ވީހާވެސް ބޮޑަށް ގައިދުރުކަން ބެހެއްޓުން އެދިފައެވެ. އަދި ގިނަގިނައިން އަތް ދޮވުމަށް ވެސް ވަނީ އެދިފައެވެ.

"މިރޭ ކާނިވާ ހުޅުވިގެން ދާއިރު، 6 ދުވަހުގެ މުއްދަތަކަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. ވީމާ، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކާނިވަލަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސް ކުރަމެވެ،" އާބަންކޯ އިން ބުންޏެވެ.

މާލޭ ސަރަހައްދުގައި މި ވަގުތު ފެތުރެމުންދަނީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން މިއަދު ބުނީ ނޯރޯވައިރަސްގެ ރޯގާ އަކީ ވަރަށް ހަލުވިކޮށް ފެތުރޭ ވައިރެސް އެއް ކަމަށެވެ. ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށް އެޗްޕީއޭއިން ބުންޏޭވެ.