ޗައިނާގެ އުތުރުއިރުމަތީގެ ސްކޫލް ޖިމްގެ ފުރާޅެއް ވެއްޓި 11 މީހަކު މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެކަމެއް ހިނގިގަޑީގައި ޖިމް ބޭނުންކުރަމުން ދިޔައީ އަންހެން ވޮލީބޯޅަ ޓީމަކުންނެވެ.
މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް މަންޒަރު ދުށް މީހުން އެގައުމުގެ މީޑިއާތަކަށް ރިޕޯޓްކޮށްފައިވީ ނަމަވެސް އެކަން ރަސްމީކޮށް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
އިންޑަސްޓްރިއަލް ޕްރޮވިންސް ހެއިލޮންގްޖިއާންގްގެ ޖިމްތެރޭގައި ތިބި 19 މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ އަށް މީހެކެވެ.
އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވެރިންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ކައިރީގައި ހުރި އިމާރާތް ކުރުމުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން ދަނިކޮށް ޖިމްގެ ފުރާޅުމައްޗަށް ބިއްލޫރީގެ ބާވަތެއް ކަމަށްވާ ޕާލައިޓް އެއްލާލި ކަމުގެ ތުހުމަތެވެ.
ބޯކޮށް ވާރޭ ވެހި މިނެރަލް ގިރުމުގެ ސަބަބުން ފުރާޅު ވެއްޓުނީއެވެ.
ބެލެނިވެރިން ވަނީ ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ދިގުދެމިގެން ދިޔަ ރެސްކިއު މަސައްކަތާ ގުޅޭ ގޮތުން އެކަށީގެންވާ މުއާމަލާތެއް ކުރެވިފައި ނުވާ ކަމަށް ބުނެ ސްކޫލުގެ އޮފިޝަލުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
"އެމީހުން ބުނަނީ އަހަރެންގެ އަންހެން ދަރިފުޅު މަރުވީ، އެކަމަކު އަހަންނަށް އެ ކުއްޖާ ފެންނާކަށްނެތް. " ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝެއާކޮށްފައިވާ ވީޑިއޯއެއްގައި އެކަކު ބުންޏެވެ.
"ކުދިން ހޮސްޕިޓަލަށް ފޮނުވިތާ ހަތަރު، ފަސް، ނުވަތަ ހަ ގަޑިއިރު ވެސް [ކަމާ ބެހޭ ފަރާތްތަކުން] ކުރަނީ ކޮން ކަމެއް؟" ސަލާމަތްކުރުމުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު ޑޮކްޓަރުން މުއާމަލާތެއް ކޮށްފައިނުވާ ކަމަށް ބުނެ މީހަކު ކަންބޮޑުވުން ފާޅުކުރިއެވެ.
އަނެއް ބަޔަކު ވަނީ ޖިމްގެ ފުރާޅުމަތީގައި އެންމެ ފުރަތަމަ ޕާލައިޓް ހުރީ ކީއްވެތޯ ސުވާލު އުފައްދައިފައެވެ. "މި ގައުމުގައި ގާނޫނާ ހިލާފުވުމުގެ އަގު ވަރަށް ކުޑަ، ގާނޫނަށް ރައްޔިތުންގެ އެއްވެސް އިހުތިރާމެއް ނެތް، އެއީ މައިގަނޑު ސަބަބު،" އެހެން މީހަކު ލިޔެފައިވެއެވެ.
މިދިޔަ ޖޫން މަހު ޗައިނާގެ ހުޅަނގު އުތުރުގެ ބާބަކިއު ރެސްޓޯރެންޓެއްގައި އެއްޗެއް ގޮވައި 31 މީހުން ވަނީ މަރުވެފައެވެ. އިބްތިދާއީ ތަހުގީގަށް އެނގިފައިވާ ގޮތުގައި ބޮން ގޮވި އިރު ރެސްޓޯރެންޓްގެ މުވައްޒަފަކު ދިޔައީ ލިކުއިފައިޑް ގޭސް ޓޭންކެއްގައި ހުރި ފަޅައިގެން ދިޔަ ވަލްވްއެއް ބަދަލުކުރަމުންނެވެ.