ރާއްޖޭގައި ފުރަތަމަ ޑިވިޝަން ކުލަބުތަކަށް މި ފަހުގެ ތާރީހުގައި ޕްރެކްޓިސްކުރަން އޮތް ހަމައެކަނި ޗޮއިސްއަކީ މާފަންނުގައި އޮންނަ ދެ ޓާފް ދަނޑެވެ. ހެންވޭރު ދަނޑުގެ ވިނަގަނޑު ނުބެލެހެއްޓި އެ ދަނޑުގައި އެފްއޭއެމްގެ އެއްވެސް މުބާރާތެއް ވެސް ނުކުޅޭތާ ދުވަސްތަކެއް ވެފައިވާއިރު، ފުރަތަމަ ޑިވިޝަނާއި، ދެވަނަ އަދި ތިންވަނަ ޑިވިޝަން ކުލަބުތަކުންވެސް ބޭނުން ކުރަމުން އަންނަނީ ހަލާކުވަމުން، ވީރާނާވަމުން އަންނަ ދެ ޓާފު ދަނޑު އެކަންޏެވެ. އެ ދެ ދަނޑުގެ މަރާމާތެއް ނުކޮށް އޮންނަތާ ދުވަސްތަކެއްވެފައިވާ އިރު، ބައެއް ތަންތަނުން ކާޕެޓުގަނޑު އެއްކޮށް ވަނީ ނޮޅިގެން ގޮސް ރަބަރުގަނޑަކަށް ވެފައެވެ. މީގެންވެސް ދޭހަވަނީ ދިވެހި ލީގުގެ މިވަގުތުގެ ހާލަތެވެ.
ދިވެހި ލީގުގެ ފެންވަރު ދަށްވެގެން އުޅޭ ވާހަކައަކީ ކެނޑިނޭޅި ނޫސްތަކުންނާއި، ފުޓުބޯޅައަށް ލޯބިކުރާ އެންމެން ދައްކާ ދައްކާ ހައްލެއް ނުލިބި އޮތް ވާހަކައެކެވެ. ސަބަބަކީ ލީގުގެ ފެންވަރާއި، ސީދާ ގޮތުން އަދި ނުސީދާކޮށް މުޅި ދިވެހި ފުޓުބޯޅަ އަދި ދިވެހިރާއްޖެއިން ވާދަކުރާ އެހެން ކުޅިވަރުތަކަށްވެސް އަސަރު ކުރާތީއެވެ. އެއީ ސަރަހައްދީ ގޮތުން ފުޓުބޯޅައިގައި ރާއްޖެ ހޯދާ ކާމިޔާބީއާ ވެއްޓުމަކީ ހަމަ ދިވެހި ކުޅިވަރު އާއިލާއަށް ލިބޭ ރީތި ނޫނި ހަޑި ނަމެވެ. މެޗު ނިންމާލާއިރު ސުރުހީގައި އޮންނާނީ "މޯލްޑިވްސް" ގެ ނަން ކަމަށްވާތީއެވެ.
މިފަހަރުގެ ދިވެހި ލީގު ފަށައިގެން އައި އިރު މިހާ ހާލުގައި ލީގު އޮތް ހަނދާނެއްވެސް ދިވެހި ފުޓުބޯޅައިގައި ހުރި މީހަކު މަދުވާނެއެވެ. މިދިޔަ ސީޒަނުގެ މުސާރަތައް ނުދެވިގެން ވެލެންސިއާ އަދި ގްރީންސްޓްރީޓްސް ފަދަ ކުލަބުތައް އޮތީ ކުޅުންތެރިން ނުގެނެވޭ ގޮތަށެވެ. ޔުނައިޓެޑް ވިކްޓަރީ އޮތީ ކުޅުންތެރިން މަދުވެގެން ނުކުޅެވިދާނެ ކަމުގެ ބިރުވެރިކަމެއްގައެވެ. މަދު ދެތިން ކުލަބެއް ފިޔަވާ އެހެން ހުރިހާ ކުލަބެއްވެސް އޮތީ ނުކިއްސަރު ފައްތަރެއްގައެވެ. މި ހާލުގައި އޮވެގެން ވެސް ކުލަބުތަކުން ބޭނުންވީ ލީގައިގެން ކުރިއަށް ދާށެވެ. އެއީ ކުލަބުން ލިބޭ މުސާރަކޮޅަކަށް ވުރެން ބޮޑަށް ޕެޝަންގައި ކުޅުންތެރިންތެރިން ކޮށްދޭ ކަމެއްގެ ގޮތުގައި އެކުޅުންތެރިންވެސް ބުނެއެވެ. ސަބަބަކީ ކުލަބުން ލިބޭ ލާރިކޮޅުން ދެކޮޅު ނުޖެހުމާއި، އެ ފައިސާވެސް މަހުން މަހަށް އާދޭސްކުރަން ނުޖެހި ލިބޭނެ ގޮތެއް ނެތުމުންނެވެ.
މިހުރިހާކަމެއްގެ ޒިންމާ ނަގަން ޖެހޭނެ ފަރާތެއްގެ ގޮތުގައި އޮތް ފުޓުބޯޅަ އެސޯސިއޭޝަނުން މުޅިންވެސް ފެންނަނީ އެހެން ކޮންމެވެސް މީހެއް ނުވަތަ އިދާރައިގެ ބޮލަށް ކަންކަން ކަނޑާލުމާއި، މުޅި މައްސަލައިން ރެކެން ކޮންމެވެސް ބަހަނާއެއް ދައްކާ މަންޒަރެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވާ ގޮތުގައި ލީގުގެ ފެންވަރު ދަށްވެގެން މިއުޅެނީ އެފްއޭއެމްއާއި ކުލަބުތަކަށް ވެސް ދިމާވެގެން މިއުޅޭ "ފައިނޭންޝިއަލް ޑިފިކަލިޓީސް" ތަކުގެ ސަބަބުން ކަމަށެވެ. އެކަމަކު ޔަގީނުންވެސް ބުނަން އެނގޭ އެކައްޗަކީ އެ ޑިފިކަލިޓީތައް ތަހައްމަލު ކުރުމުން ސަލާމަތްވެވޭނެ ކަމުގެ ކޮޅުމައްޗަށް އަދި ފެންނަން ނެތްކަމެވެ.
"މިހާރު ކުލަބުތަކަށް ނޫނި ލީގުގެ ކޮމްޕެޓިޓިވްނެސް ދޯ ދަށްވެގެން މިއުޅެނީ. ގަބޫލުކުރަން އަޅުގަނޑުމެން ބޭނުންވާ ލެވެލްއަކު ނޫން މިހާރު ލީގު ކުރިއަށް މިދަނީ. ދެން އޭގެ ފަހަތުގައި ވަރަށް ބައިވަރު ކަންތައްތަކެއްވެސް އެބަހުރި. އެންމެ ބޮޑު ކަމަކަށް މި އަންނަނީ ފައިނޭންޝިއަލް ޑިފިކަލިޓީސް." އެފްއޭއެމުން މި މަހުގެ 18 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވިއެވެ.
ލީގުގެ ފެންވަރާ ބެހޭ ގޮތުން ބައްސާމް ވާހަކަދެއްކެވި އިރު ފާހަގަކުރި ކަންކަމަކީ ލޮލަށް ފެނި ބާވެފައިވާ ވާހަކަތަކެކެވެ. އައު ކަމަކަށް ވިދާޅުވީ ދިވެހި ފުޓުބޯޅަ އާއި ލީގުވެސް ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ކުރިއަރައިގެން ދާނެ ކަމުގެ ވައުދުގެ ވާހަކައެވެ. ފުޓުބޯޅަ މިހާރު މިއޮތް ހާލަތުން އެ ހާލަތަށް ގެންދާނެ ގޮތް ބައްސާމްއަށް ކިޔައިދެއްވަން ނޭންގުނު ނަމަވެސް އޭނާ ވަނީ އެފްއޭއެމްގެ ދަރަނިތައް ދެއްކި ހިންދެމިލާ ހިސާބުން އެކަންކަން ރަނގަޅުވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ބައްސާމް ވިދާޅުވާ ގޮތުގައި ލީގުގެ ފެންވަރު ދަށްވުމުގައި އޮތީ ހަމައެކަނި އެފްއޭއެމްގެ އިހުމާލެއް ނޫނެވެ. ސަރުކާރުން ކުލަބުތަކަށް ދެމުން އައި ބަޖެޓު 2019 ވަނަ އަހަރު ހުއްޓާލުމާ ގުޅިގެން އޭގެ ޒިންމާ އުފުލަން ޖެހުނީ އެފްއޭއެމުން ކަމަށާއި، ސަރުކާރުން އެ ޙަރަދު ނުދިން ނަމަވެސް އެފްއޭއެމުން ކުލަބުތަކަށް ދަތިވާނެ ވަރު ވިސްނޭތީ ވީވަރަކުން ކުލަބުތަކަށް ކޮންމެ އަހަރަކުވެސް ބަޖެޓެއް ދެނީ ކަމަށެވެ. ނަމަވެސް އެ ކަން އެންމެ އެދެވޭ ގޮތެއްގައި ނުވެ އަންނަނީ އެފްއޭއެމްއަށް ވެސް ތާށިތަކެއް ހުރުމުން ކަމަށް ބައްސާމްގެ ވާހަކައިގައި ވިދާޅުވިއެވެ.
"އެފްއޭ މިހާރު އޮތް ހާލަތު އެންމެންނަށް ވެސް އެނގޭނެ. ހަމަ ފައިނޭންޝިއަލީ ދަތި ހާލެއްގައި އަޅުގަނޑުމެން ނިންމަމުން މިދިޔައީ. ހަމައެއާ ވިދިގެން އަޅުގަނޑުމެން ކުލަބުތަކަށް ދެމުން އައި ދޭންވާ ފައިސާތަކުގައި ވެސް ލަސްތަކެއް އެބައުޅޭ. އެއާއެކީގައި ކުލަބުތަކަށްވެސް މުސާރަތައް ދިނުމުގައި ހަމަ އުނދަގޫތަކެއް އެބައުޅޭ. އަދި ހަމައެއާއެކު ބޭރު ބައެއް ކުޅުންތެރިންގެ ކޭސެސްތައް ފީފާގައި މިހުރީ ލޮޖް ކުރެވިފައި."
މި މައްސަލަތައް ހުރި ނަމަވެސް އެފްއޭއެމުން މިހާރު މި މަސައްކަތް ކުރަނީ މިކަމުން އަރައިގަތުމަށް ކަމަށާއި، އެކަމުގެ ކޮޅުމަތި ފެންނަން އޮތް ކަމަށް ބައްސާމް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ބައެއް ޕްރައިވެޓް ކުންފުނިތަކާއި، ބޭރުގައި ގުޅިފައި ހުރި އެސޯސިއޭޝަންތަކާވެސް އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށް ބައްސާމް ވިދާޅުވިއެވެ.
މި ވާހަކަތައް ކިތަންމެ އަޑުއަހާލަން ނަލަވި ނަމަވެސް މިއީ ވޭތުވެ ދިޔަ ފަސްވަރަކަށް އަހަރުވެސް ކޮންމެ ޕްރެސްއެއްގައި ކަހަލަ ގޮތަކަށް ދެކުވުނު ވާހަކަތަކެވެ. މިކަމަށް ހައްލެއް ލިބޭނީ ބައްސާމް މަގާމުން ދުރުކޮށްގެން ކަމަށް ބުނެ ގިނަބަޔަކު ފާޅުގައި ބަސްބުނަމުން އައި ނަމަވެސް ކުލަބުތަކުގެ ހިމާޔަތުގައި އެ މަގާމުގައި ހުންނަވާނެ ކަމަށް ބައްސާމް ވަނީ ބާރަށް ވިދާޅުވެފައެވެ.