ހިޖާބު ނާޅާ ހުރި އެކްޓަރަކު ފެންނަ ޕޯސްޓަރެއް ނެރުނު ފިލްމު ފެސްޓިވަލެއް އީރާނުގެ ކަމާބެހޭ ފަރާތްތަކުން މަނާކޮށްފިއެވެ.
އީރާނުގެ ޝޯޓް ފިލްމް އެސޯސިއޭޝަން (އައިއެސްއެފްއޭ) އިން މިގޮތަށް ނިންމީ 1982 ވަނަ އަހަރު ރިލީޒްކުރި "ދަ ޑެތު އޮފް ޔަޒްޑްގާޑް"ގައި އީރާނުގެ އެކްޓަރު ސޫޒަން ތަސްލީމީ ފެނިގެންދާ ކުރު ފިލްމު ފެސްޓިވަލްގެ ޕޯސްޓަރެއް އާންމުކުރުމާ ގުޅިގެންނެވެ.
"އައިއެސްއެފްއޭ ފިލްމު ފެސްޓިވަލްގެ 13 ވަނަ އެޑިޝަން މަނާކުރަން ކަލްޗާ މިނިސްޓަރު އަމުރެއް ނެރުއްވާފައި މިވަނީ އެ ފެސްޓިވަލްގެ ޕޯސްޓަރުގައި ހިޖާބު ނެތް އަންހެނެއްގެ ފޮޓޯއެއް ގާނޫނާ ހިލާފަށް ބޭނުން ކުރުމުން،" ދައުލަތުގެ ނޫސް އެޖެންސީ، އިރްނާއިން ހޮނިހިރު ދުވަހު ބުނެފައިވެ އެވެ.
މި ފެސްޓިވަލް ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު މަހަށެވެ.
އިސްލާމީ އިންގިލާބަށް ހަތަރު އަހަރު ފަހުން 1983 ވަނަ އަހަރުން ފެށިގެން އީރާނުގެ އަންހެނުންނަށް ބޮލާއި ކަނދުރާ ނިވާވާ ގޮތަށް ހެދުން އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
ނަމަވެސް އީރާނުގެ އަންހެނުން ވަނީ ހިޖާބު އެޅުން މަޖުބޫރު ކުރުން ހުއްޓާލުމަށް ގޮވާލައި މިދިޔަ ސެޕްޓެމްބަރު މަހު ބޮޑު މުޒާހަރާތަކެއް ފެށި ފަހުން ސަރުކާރުން އަންހެނުން ހެދުން އަޅަން ޖެހޭ އުސޫލާއި ހިލާފުވާން ފަށައިފައެވެ.
މަހެއްހާ ދުވަސް ވަންދެން ކުރިއަށް ގެންދިޔަ މުޒާހަރާތައް ފެށުނީ "ޑްރެސް ކޯޑް" އާ ހިލާފުވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އުމުރުން 22 އަހަރުގެ އީރާނުގެ ކުރުދު މަހްސާ އަމީނީ މަރުވުމާ ގުޅިގެންނެވެ.
މި މަހުގެ ކުރީކޮޅު ފުލުހުން ބުނީ ގާނޫނަށް އިހުމާލުވާ އަންހެނުންގެ އަދަދު އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ޕެޓްރޯލްތައް އަލުން ފަށާފައިވާ ކަމަށެވެ.
ޖުޑީޝަރީގެ މިޒާން އޮންލައިން ވެބްސައިޓުން ހޮނިހިރު ދުވަހުގެ ރޭ ބުނީ އީ-ކޮމާސް ކުންފުނި ދިގިކަލާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެ ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅީ އަންހެން މުވައްޒަފުން ބޮލުގެ އިސްތަށިގަނޑު ނިވާނުކުރާ ފޮޓޯތަކާ ގުޅިގެން ކަމަށް ބުންޏެވެ.
މިދިޔަ ބުދަ ދުވަހު ތެހެރާންގެ ކޯޓަކުން ވަނީ މަޝްހޫރު އެކްޓަރު އަފްސާނޭހް ބަޔެގަން އަށް އާންމު ހަރަކާތެއްގައި ހިޖާބު ނާޅާ އުޅުނު ކަމަށް ބުނެ ދެ އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މީގެ އިތުރުން "އާއިލާއާ ދެކޮޅު ޝަހުސިއްޔަތެއް ހުރުމުގެ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް" ކޮންމެ ހަފުތާއަކު ސައިކޮލޮޖިކަލް ސެންޓަރަކަށް ޒިޔާރަތްކުރުމަށާއި، ފަރުވާ ދިނުމަށްފަހު ސިއްހީ ސެޓްފިކެޓެއް ހުށަހަޅަން ވެސް ބަޔެގަންއަށް އަންގާފައިވާ ކަމަށް ފާސް ނިއުސް އެޖެންސީން ބުނެއެވެ.