ކެމްބޯޑިއާގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، އެ ގައުމުގެ ވެރިކަން ދިގު މުއްދަތަކަށް ކުރައްވަމުން ގެންދަވާ ހުން ސެންއަށް މާ ބޮޑު ޗެލެންޖެއް ނެތް ތަނުގައި އެމަނިކުފާނުގެ ޕާޓީއަށް އަނެއްކާވެސް ވެރިކަން ލިބޭނެކަން ގާތްގަނޑަކަށް ޔަގީންވެއްޖެއެވެ.

ވެރިރަށް ނޮމް ޕެންހްގައި ވޯޓުލާން ނުކުންނަ މީހުން ބީބީސީއަށް ބުނީ ކެމްބޯޑިއާގެ ޕީޕަލްސް ޕާޓީ (ސީޕީޕީ) އިން އަނެއްކާވެސް ޕާލަމެންޓުގެ 125 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

38 އަހަރު ވަންދެން ވެރިކަން ކުރައްވާ ހުން އަށް ހަގީގީ ގޮންޖެހުމެއް ނެތީ މިދިޔަ މެއި މަހު އިދިކޮޅު ޕާޓީއަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ނިންމުމުންނެވެ.

"މިއީ އޮޅުވާލާފައިވާ އިންތިހާބެއް، ހަގީގީ ހަރުދަނާ އިދިކޮޅު ޕާޓީތަކެއް ނެތުމުން،" ވޯޓުލާން ނުކުތް މީހަކު ބުންޏެވެ.

އެމެރިކާ ހިމެނޭ ގޮތަށް ހުޅަނގުގެ ގައުމުތަކުން ވެސް ވަނީ ވޯޓުގެ ނަޒާހަތްތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ވީހާވެސް ގިނަ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ އިންތިހާބު ބޮއިކޮޓް ކުރަން ނުވަތަ ވޯޓު ކަރުދާސްތައް ހަލާކުކޮށްލަން ކުރާ ކޮންމެ މަސައްކަތެއް ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

މެއި މަހު ސަރުކާރުން ވަނީ އެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ކެންޑަލްލައިޓް ޕާޓީގެ ހަރަކާތްތައް މަނާކޮށްފައެވެ. ނޭޝަނަލް އިލެކްޝަންސް ކޮމިޝަނުން ބުނީ މިދިޔަ އަހަރު ބޭއްވި ލޯކަލް އިންތިހާބަށް އެ ޕާޓީން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށހެޅިފައިނުވާ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ލޯކަލް އިންތިޚާބުގައި ކެންޑަލްލައިޓަށް 22 އިންސައްތަ ވޯޓު ލިބިފައިވާއިރު، ތަޖުރިބާކާރުން ބުނާ ގޮތުން ހުން ސެން ދެކެވަޑައިގަތީ އެއީ އޭނާގެ ވެރިކަމަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ ގޮތުގައެވެ.

ނަމަވެސް އާދީއްތަ ދުވަހުގެ ވެރިރަށުގައި ވޯޓުލެއްވި ހުން ސެން، އޭނާގެ ދޮށީ ދަރިކަލުން ހޫން މަނެޓްއާ ވެރިކަން ހަވާލުކުރައްވަން އުޅުއްވާކަމުގެ އަޑުތައް ފެތުރެއެވެ. ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހޫން ސެން ވަނީ އޭނާގެ ވެރިކަމުގައި ބާރުގަދަ ވެފައެވެ.

މި އަހަރުގެ ކުރީކޮޅު އިދިކޮޅު ލީޑަރު ކެމް ސޮކާގެ މައްޗަށް ގައްދާރުވުމުގެ ކުށް ސާބިތުވެ 27 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، ނިއުސް އެޖެންސީއެއް ކަމަށްވާ "ވޮއިސް އޮފް ޑިމޮކްރަސީ" ވަނީ ބަންދުކޮށްފައެވެ.

މިއީ ވޯޓުލާ ދުވަހުގެ ކުރިން ހޫން ސެން ޑިމޮކްރެޓިކް މުއައްސަސާތަކަށް އަމާޒުކޮށް އިދިކޮޅު ފަރާތްތައް ބަލިކަށިކޮށްލި ދެވަނަ އިންތިހާބު ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ސިޔާސީ ގޮތުން ކޮންޓްރޯލް ކުރާ ކޯޓުތަކުން އިދިކޮޅު މައި ކޯލިޝަން އުވާލުމާ އެކު 2018 ވަނަ އަހަރު އޭނާގެ ކެމްބޯޑިއާ ޕީޕަލްސް ޕާޓީން ވަނީ 125 ގޮނޑި ހިމެނޭ ނޭޝަނަލް އެސެމްބްލީގެ ކޮންމެ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ.

މިފަހަރުގެ އިންތިހާބުގައި އިތުރު 17 ޕާޓީއަކުން ބައިވެރިވި ނަމަވެސް ގާތްގަނޑަކަށް ހުރިހާ ޕާޓީތަކަކީ ވެސް ވެރިކަން ކުރާ ޕާޓީއާ ގުޅިފައިވާ ޕާޓީތަކެކެވެ.

ހުން ސެން އަލުން އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، އޭނާ ވަނީ މިއީ އޭނާގެ އެންމެ ފަހު ދައުރަށް ވެދާނެ ކަމަށް ވިދާޅުވެފައެވެ.