އެ ޕާޓީގެ ދެ ވަޒީރަކު ކެބިނެޓްގައި އެބަތިއްބެވެ. ޕާޓީގެ ސްލޮޓުގެ ސިޔާސީ ބޭފުޅުން ސަރުކާރުގައި އެބަތިއެވެ. އެކަމަކު އެއީ މިހާރު އެއީ ކޯލިޝަން ޕާޓްނަރުންނެއް ނޫނެވެ. ރަސްމީކޮށް ކޯލިޝަނުން ވަކިނުވިޔަސް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަން އެ ޕާޓީއަރާނެ ކަމާއި މެދު ޝައްކެވެ. އެހެން ޕާޓީއަކުން އެމްއާރުއެމްއާ ކޯލިޝަން ހަދަން އުޅޭ ތަނެއްވެސް ނުފެނެއެވެ. ސިޔާސީ “ބޮޑު ރާޅު" ތެރެއިންވެސް އެމްއާރްއެމްގެ ހިލަމެއްވީ މި އިންތިހާބު މިނިވަންކަމާ މެދު ސުވާލު އުފައްދާ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުންނެވެ. އޭގެ ފަހުން ޕާޓީ ހަނެވެ.

ރައީސް މައުމޫނުވެސް ހުންނެވީ ހަނުއެވެ. ތާއިދުކުރާނީ ކޮން ކެނިޑޭޓަކަށްކަން އަދި ނުނިންމެއެވެ. އެ ޕާޓީއަށް މި ވަގުތު އޮތް ގޮންޖެހުމަކީ ޕާޓީގެ މެމްބަރުންގެ އަދަދު 3000 އިން ދަށަށް ގޮސް، އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުންނެވެ. ޕާޓީ އުވާލަން އަމަލު ކުރުން ފަސް ކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވެއެވެ. ޕާޓީގެ ހިލަމެއް ނުވާ ކަމަށް ބުނާ ވާހަކަތަކާއި އެމްއާރްއެމްގެ އިސް ބޭފުޅުން އެއްބަސްވެވަޑައިނުގަންނަވައެވެ.
"ބިހައިންޑް ދަ ސީން،. ޗޮއިސްއަކީ ފާރިސް”
ނަން ނުޖަހަން ޝަރުތުކޮށް މި ނޫހާ ވާހަކަ ދެއްކި ޕާޓީގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ޕާޓީގެ ތެރެއިން އެންމެ ގަދަޔަށް ވާހަކަ ދެކެވެނީ އިންތިހާބުގައި ވަކިން ވާދަކުރަންށެވެ. އެމްއާރްއެމްގެ ނަމުގައި ވާދަކުރެވެން ނެތުމުން، އަމިއްލަ ގޮތުން ކެންޑިޑޭޓަކު ނެރުމަށެވެ. އެއީ ނުރަސްމީ ވާހަކަތަކެވެ. ރަސްމީ ސިފައެއްގައި މި ވާހަކަތައް ދެކެވެން ނުފަށައެވެ. ވަކިން ކެނޑިޑޭޓެއްގެ ގޮތުގައި ނެރެން ގިނަ މެމްބަރުން ބޭނުންވަނީ ރައީސް މައޫމުންގެ ދަރިކަލުން ފާރިސް މައުމޫނެވެ. މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވި ގޮތުންނަމަ ފާރިސް ވަކިން ނިކުމުގެ ވިސްނުން ގެންގުޅެން ފެށީ ޕާޓީގެ މިއަދު ހާލަތުގެ ގޮތުންނެވެ. ޕާޓީ މިހާރު އޮތް ގޮތުން ދިމާވެދާނެ ކަންކަމަށް ބަލައި އޭނާ ވިދާޅުވީ ފާރިސް ވާދަކުރައްވާނީ އެ ފަދަ ހާލަތެއް ދިމާވެދާނެތީއެވެ. " މާދަމާ ކަމެއް ނޭނގެ އަޅުގަނޑުމެން ކުރިމަތިލާއިރަށް ޕާޓީ އުވާލާއިފިޔޭ ބުނާނީ" އޭނާ ވިދާޅުވިއެވެ.

"އެކަމަކު މިކަމެއް އަދި މިހާތަނަށް އެކްސްކޯގައެއް މަޝްވަރާ ނުކުރެވޭ. އެކަމަކު ހަމަ ކަންކަން ރަނގަޅަށް ދަންޏާ އެމްއާރްއެމްގެ ކެނޑިޑޭޓަކުވެސް ނުކުމެފާނެ."

ފާރިސް ވާދަކުރައްވާ ވާހަކަތަކުގެ އަޑުތައް ކުރިންވެސް ފެތުރުނެވެ. އިންތިހާބުގައި ކުރިމަތިލާނެތޯ "ހަތާވީސް" އިން ސުވާލު ކުރުމުން ފާރިސް ސީދާ ޖަވާބެއް ނުދެއްވައެވެ. އަދި އެކަމެއް ނުކުރައްވާނެ ކަމަށްވެސް ވިދާޅެއް ނުވެއެވެ. "ރައްޔިތުން ލާބައާއި މަންފާ އަށް ކުރަން ހުރި ކަމެއް ކުރާނަން" ފާރިސް ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުން ފަރުދާގެ ފުރަގަހުގައި އެމްއާރްއެމުން، މި ދޭތެރެއިން ޖުމްހޫރީ ޕާޓީއާ އެމްޑީޕީއާއެކު މަޝްވަރާތަކެއްވެސް ކުރެވުނެވެ. އެކަމަކު އެއިން އެއްވެސް ކަމެއް މީޑިއާއަށް ތިލަކޮށްފައެއް ނުވެއެވެ. އެމްއާރްއެމްގެ ސެކެރެޓަރީ އަބްދުލް އަލީމް ވިދާޅުވީ ޕާޓީން ތާއިދުކުރާނެ ކެނޑިޑޭޓެއް އަދި ނިންމާފައިނުވާ ކަމަށެވެ. އެކަމަކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މި ހަފްތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ.