އިންޑިއާ އާއި ސްރީލަންކާއާ ދެ ގައުމުގެ ދެމުދު ބްރިޖެއް އަޅަން އެއްބަސްވެއްޖެއެވެ.
އެފަދަ އެއްބަސްވުމެއް ވެވިފައި މިވަނީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެކު ބޭއްވި މަޝްވަރާތަކުގައެވެ.

މިއީ މިދިޔަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރަނިލް އިންޑިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ހަކަތައިގެ ގުޅުންތައް ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ.

ލަންކާގެ ޑޮލަރު ހުސްވެ، މާލީ ކާރިސާއެއްގެ ތެރެއަށް ވެއްޓި، ތެލާއި ބޭސް ފަދަ ޒަރޫރީ އިމްޕޯޓަށް ހަރަދު ކުރަން ދަތިތަކެއް ކުރިމަތިވުމުން އިންޑިއާ އިން ގާތްގަނޑަކަށް ހަތަރު ބިލިއަން ޑޮލަރުގެ އެހީއެއް މިދިޔަ އަހަރު ދިނެވެ.

"ވޭތުވެދިޔަ އެއް އަހަރަކީ ސްރީލަންކާގެ ރައްޔިތުންނަށް ގޮންޖެހުންތަކުން ފުރިފައިވާ އަހަރެއް. ގާތް ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އަބަދުވެސް މިތިބެނީ ލަންކާ ކޮނޑާ ކޮނޑު ޖައްސައިގެން،" ލަންކާއާ އޮންނަ ގުޅުން ސިފަކުރައްވަމުން މޯދީ ވިދާޅުވިއެވެ.

މެރިޓައިމް، ވައި، ހަކަތަ އަދި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ފަތުރުވެރިކަމާއި، ކަރަންޓާއި، ވިޔަފާރީގެ ދާއިރާއާއި، މަތީ ތައުލީމާއި، ހުނަރު ތަރައްގީކުރުމުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ދެ ގައުމުންވެސް އެއްބަސްވެވޭ އިގްތިސާދީ ޕާޓްނާޝިޕްގެ ތަސައްވުރުގެ ލިޔުމެއް އެކުލަވާލާފައިވާ ކަމަށް މޯދީ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދެ ފަރާތުގެ ކަރަންޓް ގްރިޑްތައް ގުޅާލައި، ޕެޓްރޯލިއަމް ޕައިޕްލައިނަކާއި އެއްގަމު ބްރިޖެއް އެޅުމުގެ ފީސިބިލިޓީ ދެނެގަތުމަށް ވަރަށް އަވަހަށް މަސައްކަތް ކުރާނެ ކަމަށެވެ.

ގާތްގަނޑަކަށް 25 ކިލޯމީޓަރު (15 މޭލު) ފުޅާ ސަރަހައްދެއްގައި އޮންނަ ޕަލްކް ކަނޑުއޮޅިން "ލޭންޑް ކަނެކްޓިވިޓީ" ގާއިމުކުރުމުން ޓްރިންކޮމަލީ އާއި ކޮލަމްބޯގެ މުހިންމު ބަނދަރުތަކަށް އިންޑިއާއަށް ވަނުމުގެ ފުރުސަތު ލިބި، އެތައް ހާސް އަހަރުތަކެއްވީ ގުޅުން" ބަދަހިވެގެންދާނެ ކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.

ކަނޑުއަޑީގެ ކޭބަލްތަކާއި ތެޔޮ ޕައިޕްލައިން މެދުވެރިކޮށް ކަރަންޓް ގްރިޑްތައް ގުޅާލުމުގެ މަޝްރޫއުތަކަށް ޖުމްލަ ހަތަރު ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ދެ ފަރާތުގެ އޮފިޝަލުން ވިދާޅުވިއެވެ.

ރަނިލް ވިދާޅުވީ "އިންޑިއާގެ ދެކުނުން ސްރީލަންކާއަށް މަލްޓި ޕްރޮޑަކްޓް ޕެޓްރޯލިއަމް ޕައިޕްލައިނެއް އެޅުމުން ސްރީލަންކާއަށް ހެޔޮ އަގުގައި އަދި އިތުބާރު ހިފޭ ހަކަތަ ފޯރުކޮށްދެވޭނެ" ކަމަށެވެ.

އިކޮނޮމިކް އެންޑް ޓެކްނޮލޮޖިކަލް ކޯޕަރޭޝަން އެގްރީމެންޓްގެ ނަމުގައި ވިޔަފާރީގެ އިތުރަށް ފުޅާ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ދެ ގައުމުން ވަރަށް އަވަހަށް ފަށާނެ އެވެ.

ރަނިލް ވިދާޅުވީ ގައުމަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ހައްލުކުރުމަށް އެމަނިކުފާނުގެ ސަރުކާރުން އަޅަމުންދާ އިސްލާހީ ފިޔަވަޅުތަކުގެ މައުލޫމާތު މޯދީއަށް ދެއްވާފައިވާ ކަމަށެވެ.

އިންޑިއާއަކީ ސްރީލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެހީތެރިވުމަށް ޖަޕާނާއި ޕެރިސް ކްލަބްގެ އެހެން މެމްބަރުންނާ އެކު ގާއިމްކޮށްފައިވާ ކޮމަން ޕްލެޓްފޯމެއްގެ ތެރޭގައި ހިމެނޭ ގައުމެކެވެ.