އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއާ ވާދަކުރުމަށް އިންޑިއާގެ އިދިކޮޅު 26 ޕާޓީއަކުން ކޯލިޝަނެއް ހަދައިފިއެވެ.
އިދިކޮޅު އިއްތިހާދަށް ކިޔަނީ އިންޑިއަން ނޭޝަނަލް ޑިވެލޮޕްމަންޓް އިންކްލޫސިވް އެލަޔަންސްގެ (އިންޑިއާ) އެވެ.
އިދިކޮޅުން ކޯލިޝަނެއް އެކުލަވާލާފައި ވަނީ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ސޯނިއާ ގާންދީ ގެ އިތުރުން އިދިކޮޅު އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގެ ބެންގަލޫރު ސިޓީ ގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ލީޑަރުން ވަނީ ގޮނޑިތައް ބެހުމާއި ކޮންމެ ޕާޓީއަކުން ވެސް ވާދަކުރާނީ ކިތައް ގޮނޑިތޯ އާއި އިންތިހާބަށް އާންމު ޕްރޮގްރާމެއް ހިންގުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
"ޑިމޮކްރަސީ ސަލާމަތް ކުރުމަށް ޓަކައި ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްފަރާތް ކުރަމުން މިދަނީ،" ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސްގެ ރައީސް މަލިކާރްޖުން ހަރްގޭ ވިދާޅުވިއެވެ.
ނަމަވެސް 2019 ވަނަ އަހަރު 543 މެމްބަރުން ހިމެނޭ ލޯކް ސަބާ (އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ) އިން 300 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކުރި މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާ ކުރިމަތިލުމަކީ އިދިކޮޅު ފަރާތްތަކަށް ވެސް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ދާދި ފަހުން ބޭއްވި ސްޓޭޓްތަކުގެ އިންތިހާބުތަކުގައި ބީޖޭޕީގެ މިކްސް ރެކޯޑެއް އޮތް ނަމަވެސް، ބީޖޭޕީން އަދިވެސް ގާތްގަނޑަކަށް 15 ސްޓޭޓެއް އަމިއްލައަށް ނުވަތަ ކޯލިޝަނެއްގެ ބައެއްގެ ގޮތުގައި ވެރިކަން ކުރެއެވެ.
އެއީ 2021-22 ވަނަ އަހަރު 19.17 ބިލިއަން ރުޕީސް (233.67 މިލިއަން ޑޮލަރު؛ 178.4 މިލިއަން ޕައުންޑް) ގެ އާމްދަނީއެއް ލިބުނު އިންޑިއާގެ އެންމެ މުއްސަނދި ސިޔާސީ ޕާޓީއެވެ.
އިދިކޮޅު ޕާޓީތަކަށް މިވަނީ އަމިއްލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ކަމަށް މިދިޔަ މާޗް މަހު ނިންމީ 2019 ވަނަ އަހަރު ބޭއްވި އިންތިހާބީ އެއްވުމެއްގައި މޯދީގެ ނަމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅޭ އަބުރުގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކުރުމުންނެވެ.
ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން ވެސްޓް ބެންގާލް އަދި ދިއްލީ ފަދަ ސްޓޭޓްތަކުގައި ވެސް އިދިކޮޅު ގިނަ ޕާޓީތަކެއްގެ ދެމެދު ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ.
ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ ފަދައިން ބައެއް ފަރާތްތަކުން އެތެރޭގެ ޑިފެކްޝަންތަކާ ހަނގުރާމަ ކުރަމުންދާއިރު އަނެއް ބަޔަކު މަސައްކަތް ކުރަނީ ދައުލަތުގެ އިސް ވެރިންގެ މެދުގައި އެއްބައިވަންތަކަން ނެތުމާ ކުރިމަތިލުމަށެވެ.
ނަމަވެސް އޮބްޒާވަރުން ބުނަނީ ބީޖޭޕީއާ ދެކޮޅު ވަރުގަދަ ރޫހެއްގެ ސަބަބުން އިދިކޮޅު ފަރާތްތައް އެކަތިގަނޑަކަށްވެ، ހިޔާލު ތަފާތުވުންތައް ފަހަތަށް ޖެހުމަށް ބާރު އަޅަމުންދާ ކަމަށެވެ.